about 2 hours 0
މުހައްމަދު ޝަހްޒާން
ލޯ އިންސްޓިޓުއުޓުގެ ރައީސް އަހުމަދު މުއިއްޒު އާއި ފޮތުގެ މުސައްނިފު ޑރ. ފަލާހު ފޮތް ނެރެދެއްވަނީ. -- ފޮޓޯ: އަދަދު
about 2 hours 0
ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ހަވަނަ އިސްލާހު ނުވަތަ "އެންޓި-ޑިފެކްޝަން" އިސްލާހުގެ ދުސްތޫރީ ސައްހަކަމާމެދު ސުވާލު އުފައްދައި، އެކަމުގެ ފުން ގާނޫނީ ދިރާސާއެއް ހިމެނޭ ފޮތެއް ނެރެފި އެވެ.
"ޑިފެކްޝަން މަނާކުރި ދުސްތޫރީ އިޞްލާޙުގެ ޤާނޫނީ ތަންގީދު" ގެ ނަމުގައި ގާނޫނީ މާހިރު ޑރ. ޝަމްސުލް ފަލާހު ލިޔުއްވި 150 ސަފުހާގެ މި ފޮތް ނެރުނީ މޯލްޑިވްސް ލޯ އިންސްޓިޓިއުޓުންނެވެ. މޫކައި ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވީ ލޯ އިންސްޓްޓިއުޓުގެ ރައީސް، ކުރީގެ ބަންޑާރަ ނައިބު އަހުމަދު މުއިއްޒު އާއި ފޮތުގެ މުސައްނިފު ޝަމްސުލް ފަލާހު އެވެ.
ސިޔާސީ ޕާޓީ ބަދަލުކުރުމުން، ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކަށް ސޮއިކުރުމުން ގޮނޑި ގެއްލޭގޮތަށް ގެނައި ބަދަލަކީ ޣައިރުދުސްތޫރީ ބަދަލެއް ކަމަށް ފަލާހު ގަބޫލު ކުރައްވަ އެވެ.
އެކަމުގެ މައިގަނޑު މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި މުސައްނިފު ފާހަގަކުރައްވާ ފައިވަނީ މި ބަދަލު ގެނައުމުގައި ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް ހޯދާފައި ނުވުމާއި، އެއްވެސް ޒަރޫރީ ބޭނުމެއް ނެތި އާދަޔާ ހިލާފަށް އަވަސްއަރުވާލައިގެން ފާސްކޮށްފައިވުމެވެ.
"ރަނގަޅުކަމެއް ކުރާން ވާނީ، ރަނގަޅު ގޮތަކަށް. ރަނގަޅު ކަމެއް ގޯސް ގޮތަކަށް ކޮށްގެން ނުވާނެ،" ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ފަލާހު ވިދާޅުވި އެވެ.
ތިން ބަޔަކަށް ބަހާލެވިފައިވާ މި ފޮތުގައި އަލިއަޅުވާލާފައިވާ މުހިންމު ނުކުތާތަކުގެ ތެރޭގައި މެންބަރުންގެ މައްޗަށް ސިޔާސީ ޕާޓީތަކަށް ނާޖާއިޒު ބާރާއި ނުފޫޒު ފޯރުވުމާއި، މަޖިލީހުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މިނިވަންކަން ގެއްލިގެން ދިޔުމާއި، ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ކަނޑައަޅާފައިވާ ހައްގުތަކާއި މިނިވަންކަން ދުސްތޫރީ އުސޫލުތަކާ ހިލާފަށް ހަނިކުރެވުމާއި ޖުމްހޫރީ ދައުލަތެއްގެ ސިފަތަކާއި، ވާދަވެރި ސިޔާސީ ނިޒާމެއްގެ ފުރުސަތު މި އިސްލާހުގެ ސަބަބުން ގެއްލިގެން ދިޔުމުން ހިމެނެ އެވެ.
ބާރުތައް ވަކިވެފައިވާ، ޖަވާބުދާރީކުރުވޭނެ ނިޒާމަކާއި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ގާނޫނުއަސާސީގެ މައިގަނޑު އަސާސް ކަމަށް ވާއިރު، ހަ ވަނަ އިސްލާހުން ގާނޫނު އަސާސީގެ މި ސިފަތަކަށް ކުރި އަސަރަކީ ފޮތް ލިޔުއްވަން ޖެހުނު މައިގަނޑު ސަބަބު ކަމަށް ފަލާހު ލިޔުއްވާފައިވެ އެވެ.
މި ބަދަލު ގެނައުމުގައި އަމަލުކޮށްފައިވާ ގޮތާއި އޭގެ ފަހުން ކަންކަން ކޮށްފައިވާ ގޮތުން ޕީއެންސީގެ ނުބައި ނިޔަތް އޮތް ކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބިދޭ ކަމަށާއި މި އިސްލާހަކީ "ދުސްތޫރީ ދޯކާ" އެއް ކަމަށް ފަލާހު ފޮތުގައި ފާހަގަ ކުރައްވާފައިވެ އެވެ.
"ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް ނެތި، އެންމެ ދެތިން ގަޑިއިރުން ގާނޫނުއަސާސީއަށް މިވަރުގެ އަސަރު ބޮޑު ބަދަލެއް ގެނައުމަކީ ބަލައިގަންނަން ދަތި، ގާނޫނުއަސާސީގެ ބާރުތަކުގެ މަސްދަރު ކަމުގައިވާ ރައްޔިތުންނަށް ދެވުނު ދޯކާއެކެވެ،" ފޮތުގައިވެ އެވެ.
ދިވެހިރާއްޖޭގައި ސިޔާސީ ޕާޓިތައް ހިންގާނޭ އުސޫލުތައް ހަރުދަނާ ނުކޮށް އެންޓި ޑިފެކްޝަންގެ ގާނޫނެއް ގެނައުމަކީ ޕާޓީތަކުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޮޑުކޮށް، ޑިމޮކްރަސީގެ ހަމަތަކާ ދުރަށް ދާން ލިބޭ ފުރުސަތެއް ކަމަށް ވެސް ފޮތުގައިވެ އެވެ.
ސިޔާސީ ކޮރަޕްޝަން ހުއްޓުވުމާއި، ޕާޓީ ބަދަލުކުރުން ފަދަ ކަންކަމަށް ހައްލު ހޯދާން ވާނީ ގާނޫނުއަސާސީގައިވާ ގޮތުގެމަތީން ކަމަށް ފަލާހު ގަބޫލު ކުރައްވަ އެވެ.
ފޮތުގެ ފަހު ބައި ހާއްސަކޮށްފައި ވަނީ، މިފަދަ ދުސްތޫރީ އިސްލާހަކަށް ކޯޓުތަކުގައި ތައުނުކުރެވޭނެ ގޮތްތަކާއި، ލިބިދޭ ޤަޟާއީ ފަރުވާތަކަށެވެ. މިއީ ގާނޫނީ ވަކީލުންނާއި، ފަނޑިޔާރުންނާއި، ގާނޫނީ ދާއިރާގެ ދަރިވަރުންނަށް ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް ހިމެނޭ ބަޔަކަށް ވާނެ އެވެ.
މި ފޮތަކީ ގާނޫނުއަސާސީގެ އަސްލު ބެލެނިވެރިން ކަމުގައިވާ ރައްޔިތުންނަށާއި، ދައުލަތުގެ ބާރުތަކަށް މިހާރުގެ މި ނިޒާމާމެދު ފުންކޮށް ވިސްނާލަން ލިބޭ ފުރުސަތެއްކަން ފޮތް ކިޔާލަމުން އެނގެ އެވެ. މި ފޮތުގެ އަގަކީ 350ރ. އެވެ.
Comment