Advertisement

ސެކިއުރިޓީ ޗެކު ހަދައި ކޮމިޓީ އޮތް ފްލޯއަށް ނޫސްވެރިން ގެންދިޔުމަށް ފަހު ވަދެގަތީ ގަދަކަމުން ކަމަށް ބުނެ މަޖިލީހުން ދޮގު ހަދައިފި

10 ސެޕްޓެންބަރު 2025 - 17:47 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިނިވަންް މުއައްސަސާތަކުގެ ކޮމިޓީން ނޫސްވެރިން ގަދަކަމުން ބޭރުކުރަނީ ---


ސެކިއުރިޓީ ޗެކު ހަދައި ކޮމިޓީ އޮތް ފްލޯއަށް ނޫސްވެރިން ގެންދިޔުމަށް ފަހު ވަދެގަތީ ގަދަކަމުން ކަމަށް ބުނެ މަޖިލީހުން ދޮގު ހަދައިފި

10 ސެޕްޓެންބަރު 2025 - 17:47 1

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ނޫސްވެރިން ވަދެގަތީ ގަދަކަމުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން ދޮގު ހަދައިފި އެވެ.

މަޖިލިސް ގަވާއިދާ ހިލާފަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމުން މިއަދު ކޮމިޓީ ކަވަރު ކުރުމަށް މަޖިލީހަށް ހާޒިރުވެ ތިބި ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ކޮމިޓީ ސިއްރު ކުރަނީ މަޖިލިސް ގަވާއިދުގެ ކޮން މާއްދާއަކާ ހަވާލާދީތޯ ނޫސްވެރިން ސުވާލު ކުރި އެވެ. ނަމަވެސް ނޫސްވެރިންގެ އެ ސުވާލުތަކަށް ކޮމިޓީގެ މެންބަރުން ޖަވާބެއް ނުދެއްވި އެވެ.

ކޮމިޓީ މެންބަރުންނާ ތަކުރާރުކޮށް އެ ސުވާލު ކުރަން ފެށުމުން މަޖިލީހުގެ ސެކިއުރިޓީން ވަނީ ކޮމިޓީ ބައްދަލުވުން އޮތް ކޮޓަރިން އެ ނޫސްވެރިން ގަދަބާރު ބޭނުންކޮށްގެން ދަމާ ކޫއްތައި ނެރެފަ އެވެ. ނަމަވެސް، މަޖިލީހުން ވަނީ އެ އިދާރާގެ އަމަލުތައް ދިފާއުކޮށްފަ އެވެ.

"3 ނޫސްވެރިއަކު ކޮމިޓީކުރާ ކޮޓަރިއަަށް ވަދެފައި ވަނީ މި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަން އިންޓަރނަލް ސެކިއުރިޓީއިން އަންގާފައިވަނިކޮށް ގަދަކަމުން. އަދި، ކޮމިޓީކުރާ ކޮޓަރިން އެ 3 ނޫސްވެރިން ނެރެންޖެހުނީ ސިއްރު ބައްދަލުވުމަކަށް މަޖިލީހުގެ ގަވާއިދާ ޚިލާފަށް ވަދެ އަޑުގަދަކޮށް ކޮމިޓީ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅުުމުން" މަޖިލީހުން ދޮގު ހަދާފައިވެ އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރު ކުރީ މަޖިލީހުގެ ގަވާއިދާ ހިލާފަށެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ސިއްރު ކުރެވެނީ ގައުމީ ސަލަމާތާ ގުޅުން ހުރި ވާހަކަތައް ދެކެވޭ ބައްދަލުވުންތަކާއި، ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާގައި ހުރި އާންމުކުރުން އެކަށީގެންނުވާ މައުލޫމާތު ބަދަލުކުރެވޭ ބައްދަލުވުންތަކާއި، މީހަކު ފަލީހަތްވުމުގެ ނުވަތަ މީހަކާ މެދު މުޖުތަމައު ދެކޭ ގޮތް ބަދަލުވެދާނެ ފަދަ މައުލޫމާތު ހިއްސާކުރާ ބައްދަލުވުންތަކެވެ.

މިއަދުގެ ބައްދަލުވުން ފެތެނީ އޭގެ ތެރެއިން ކޮން ކަމަކަށް ކަމެއް ކޮމިޓީއަށް ސާފުކޮށް ނުދެވެ އެވެ. މިއަދު ކޮމިޓީގައި އޮތީ މީޑިއާ ބިލަށް ހުށަހެޅިފައިވާ ހިޔާލުތަކަށް މަޝްވަރާ ކުރުމެވެ. އެފަދަ މައުލޫމާތެއްގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ ނުވަތަ އާންމުކުރުން އެކަށީގެންނުވާ މައުލޫމާތު ހުރުމަކީ ނާދިރު ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމިޓީ ބައްދަލުވުމެއް އަޑުއެހުމަށް ދާ މީހުން އެންމެ ފުރަތަމަ ސެކިއުރިޓީ ޗެކު ފުރިހަމަކުރަނީ ވަންނަ ދޮރު ކައިރިންނެވެ. އެއަށްފަހު އެކްސްރޭ މެޝިނުން ޖީބުގައި އަދި ދަބަހުގައި ހުރި ތަކެތި ސްކްރީން ކުރުމަށް ފަހު މެޓަލް ޑިޓެކްޓަރުން ވަދެ ވިޒިޓާ ކާޑު ނަގަން ޖެހެ އެވެ.

މިއަދު ވެސް ކަން ހިނގައިދިޔައީ އެހެން ކަން އެ ތަނުގައި ހުރި އަދަދުގެ ނޫސްވެރިޔާ ޔަގީންކޮށްދިނެވެ. ވެއިޓިން ރޫމްގައި މަޑުކުރަން އެންގުމަށް ފަހު ކޮމިޓީ ބައްދަލުވުން އޮތް މަޖިލީހުގެ އާ އިމާރާތުގެ ފަސްވަނަ ފަންގިފިލާއަށް ނޫސްވެރިން ލިފްޓުގައި އެރުވީ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނެވެ.

އެއްވެސް އިރެއްގައި މަޖިލީހުގެ އިދާރާއަށް ވަދެގަތީ ގަދަކަމުން ކަމެއް އިންޓާނަލް ސެކިއުރިޓީއިން އަންގާފައި ނުވާ ކަމަށް އެ ތަނަށް ދިޔަ ނޫސްވެރިން ޔަގީންކޮށްދިނެވެ. އަދި ނުގޮސް މަޑުކުރުމަށް ވެސް ސެކިއުރިޓީއިން އަންގާފައި ނުވާ ކަމަށް ނޫސްވެރިން ބުންޏެވެ.

މާދަމާއަށް ވެސް ކޮމިޓީ ބައްދަލުވުމެއް ވަނީ ތާވަލުކޮށްފަ އެވެ. ބެލެވޭ ގޮތުގައި މާދަމާ ކޮމިޓީއިން ބިލު ފާސްކުރާނެ އެވެ. ދައުރުން ބޭރުގައި ހޯމަ ދުވަހު ބާއްވާ ޖަލްސާގައި ބިލު ފާސްކުރާނެ ކަމަށް ބެލެވެ އެވެ.

މިނިވަން މީޑިއާ ނައްތާލާ ބިލު ބޭރުކޮށްލަން ގޮވާލާ ނޫސްވެރިން ދަނީ މުޒާހަރާ ކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ވެސް ކުރިއަށް ގެންދަމުންނެވެ.

ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނޫސްވެރިންގެ ފަރާތުން ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ. މި ޕެޓިޝަނުގައި ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ފްރީލާންސް ނޫސްވެރިން ވެސް ހިމެނެ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރަމުން އަންނައިރު ނޫސްވެރިން ވަނީ އެ ކޮމިޓީއަށް ހާޒިރުވެ ބިލު ބޭރުކޮށްލަން އެދިފަ އެވެ. އެ ބިލުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ސެޕްޓެމްބަރު 15، އެވެ.