ގްރޭޓާ މާލޭ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯ: މިއީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެއް --- ފޮޓޯ: އަތޫފް އާތިފް/އަދަދު
ސްޓެލްކޯގެ ބޯޑުން މުހައްމަދު އާމިރު ވަކިކޮށް، އެ މަގާމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖަރު މަގާމުގައި ހުންނެވި އައިޝަތު މުޒުނާއަށް އެ މަގާމަށް ހަަމަޖައްސައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން އިއުލާނުކުރިޔަސް، އާންމުކޮށް އަމަލުކުރާ ގޮތަށް، ބޯޑަށް އެ ބަދަލުތައް ގެނައި ސަބަބެއް ނުބުނެ އެވެ.
ސްޓެލްކޯގެ ބޯޑަށް މި ބަދަލު ގެނައިއިރު، މިދިޔަ އާދިއްތަ ދުވަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ހުސެއިން ފަހުމީ ވަނީ ވަކިކޮށްފަ އެވެ. އޭނާގެ ބަދަލުގައި އެ މަގާމަށް އައްޔަނުކުރީ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން ޕީސީބީން ހިންގި އިންކުއަރީއަކަށް ފަހު މިފްކޯގެ ބޯޑުން ވަކިކުރި އަހުމަދު ޝަމާހު ރަޝީދެވެ.
ގްރޭޓާ މާލޭ ސަރަހައްދާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯގެ ބޯޑަށް ކުއްލިއަކަށް މި ބަދަލުތައް ގެނައި ސަބަބެއް ވެސް ސަރުކާރުން ނުބުނެ އެވެ.
އެކަމަކު މި ބަދަލުތައް ގެންނަން ނިންމީ، މާލެ އާއި ހުޅުމާލޭން ގިނަ އިރުތަކެއް ވަންދެން ކަރަންޓު ކެނޑުނު ހާދިސާގެ ފަހުން މުޅި މައްސަލަ އެއްކޮށް ހައްލު ނުވާ ކަމުގެ ކަނބޮޑުވުން ބޮޑު ދަނޑިވަޅެއްގަ އެވެ. އެ ފަހުން ވެސް އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަތައް ވަނީ ގިނަ ވެފަ އެވެ.
ނަމަވެސް ސްޓެލްކޯގެ ބޯޑަށް ބަދަލު ގެނައީ މި މައްސަލައިގައި އެޅި ފިޔަވަޅެއްގެ ގޮތުން ކަމެއް ނޭނގެ އެވެ. އަދި އެ ކުންފުނީގެ ބޯޑުން ވަކިކުރި ފަހުމީ ވަނީ ޕޮލިސީ އާއި މެނިފެސްޓޯ ދާއިރާއިން ރައީސްގެ ޕްރިންސިޕަލް އަންޑަސެކެޓްރީ ކަމަށް ހަމަޖައްސާފަ އެވެ. މިއީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.
ސްޓެލްކޯއަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެ ކުންފުންޏަށް ލިބޭ އާމްދަނީގެ 90 ޕަސެންޓަކީ ގްރޭޓާ މާލޭ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީގެން ލިބޭ އާމްދަނީ އެވެ. ނަމަވެސް އެ ކުންފުންޏަށް ފައިދާ ވަނީ ކަރަންޓުގެ އަގު ހެޔޮކުރަން ސަރުކާރުން ސަބްސިޑީ ދޭތީ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment