Advertisement

ކެރަމް ވޯލްޑް ކަޕް ސްކޮޑުގެ ފަހު ޖާގަތައް މުންތަސިރާއި ވިޝާމާ އަށް

10 ސެޕްޓެންބަރު 2025 - 10:00 0


ކެރަމް ވޯލްޑް ކަޕް ސްކޮޑުގެ ފަހު ޖާގަތައް މުންތަސިރާއި ވިޝާމާ އަށް

10 ސެޕްޓެންބަރު 2025 - 10:00 0

މި އަހަރު ރާއްޖޭގައި ބާއްވާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސްކޮޑުގެ ފަހު ޖާގަތައް އައިމިނަތު ވިޝާމާ އާއި މުހައްމަދު މުންތަސިރު ހޯދައިފި އެވެ.

އަންނަ ޑިސެމްބަރު މަހު ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ގައުމީ ސްކޮޑު ނެގުމުގެ ސިލެކްޝަން މިހާރު ވަނީ ނިމިފަ އެވެ. އެ ގޮތުން، ފިރިހެން ފަސް ކުޅުންތެރިންނާއި އަންހެން ފަސް ކުޅުންތެރިންގެ ސްކޮޑެއް މިހާރު ވަނީ އެކުލަވާލައިފަ އެވެ.

އެ ގޮތުން، ފިރިހެން ކެޓަގަރީގެ ފަހު ޖާގަ ހޯދި މުންތަަސިރު ވަނީ އަލީ ހަސަން ބަލިކޮށްފަ އެވެ. ސެޓުތައް ގެންދިޔައީ، 25-19، 23-15 އިންނެވެ. އަދި، ސިލެކްޝަން ފަހު މެޗުގައި، ވިޝާމާ ވަނީ އައިމިނަތު ސިޔާމާ ބަލިކޮށްފަ އެވެ. ސެޓުތައް ގެންދިޔައީ، 22-09، 23-18 އިންނެވެ.

މުންތަސިރުގެ އިތުރުން ފިރިހެން ގައުމީ ސްކޮޑުގައި ހިމެނެނީ، އިބްރާހިމް ހުޖާން އަލީ، ހަސަން ނާޒިމް، އިސްމާއިލް އަޒްމީން، އަދި އާދަމް އަދީލް އެވެ. އަންހެން ޓީމުގައި ހިމެނެނީ، ވިޝާމާގެ އިތުރުން، އައިމިނަތު ވިދާދު، އައިޝަތު ފައިނާޒް، ފާތިމަތު ރަޔާނާ އަދި އައިޝަތު ނަހުފާ އެވެ.

ރާއްޖޭގައި 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓްގައި ކެރަމް ވޯލްޑް ކަޕް ހޯސްޓްކުރިތާ 11 އަހަރު ފަހުން މި ފަހަރުގެ ވޯލްޑް ކަޕް ބާއްވަން ފުރުސަތު ލިބި، ކުރު މުއްދަތެއްގެ ތެރޭގައި އެކަން މި ވަނީ ހަމަޖެހިގެން ގޮސްފަ އެވެ. ކެރަމް އެސޯސިއޭޝަންގެ މި ފަހަރުގެ ޓާގެޓަކީ އަމިއްލަ ފަސްގަނޑުގައި ކުޅޭ މުބާރާތުން ކުރިއަށް ވުރެން ރަނގަޅު ކާމިޔާބެއް ހޯދުމެވެ.

މިދިޔަ އަހަރު، އެެމެރިކާގެ ކެލަފޯނިއާގައި ކުރިއަށްދިޔަ، ހަ ވަނަ ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. ފިރިހެން ގައުމީ ޓީމުން ޓީމް އިވެންޓްގައި ފުރަތަމަ ފަހަރަށް ކެރަމް ވޯލްޑް ކަޕެއްގައި މެޑަލެއް ހޯދިއިރު، އެ ޓީމުން ތިން ވަނަ ހޮވި މެޗުގައި ބައްދަލުކުރީ ސިންގަޕޫރާ އެވެ. އަންހެން ގައުމީ ޓީމުން ތިން ވަނަ ހޯދީ އެމެރިކާ ބަލިކޮށްފަ އެވެ.

ކެރަމް ވޯލްޑް ކަޕް އޮތީ އަންނަ ޑިސެމްބަރު މަހު 2-6 އަށް ބާސެލޯސް ނަަސަންދުރާގަ އެވެ.