Advertisement

ރާއްޖޭގައި ބޭއްވި ވޯލްޑް ކަޕަށް އައިސީއެފް ރައީސްގެ ތައުރީފު

about 2 hours 0

ކެރަމް ވޯލްޑް ކަޕްގެ ނިންމުމުގެ ރަސްމިއްޔާތުގައި އައިސީއެފްގެ ރައީސް މޭޔާ ވާހަކަ ދައްކަވަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ރާއްޖޭގައި ބޭއްވި ވޯލްޑް ކަޕަށް އައިސީއެފް ރައީސްގެ ތައުރީފު

about 2 hours 0

މި މަހު 2-6 އަށް މާލޭގައި ކުރިއަށްދިޔަ ކެރަމް ވޯލްޑް ކަޕަކީ، އެ މުބާރާތުގެ ފެންވަރު އެއް ހަރުފަތް މައްޗަށް ގެންގޮސްދިން މުބާރާތެއް ކަމަށް ބައިނަލްއަގުވާމީ ލެވަލްގައި ކެރަމްގެ އެންމެ އިސް ޖަމިއްޔާ، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ރައީސް، ޖޯސެފް މޭޔާ ވިދާޅުވެފަ އެވެ.

ސަން އައިލެންޑް ރިސޯޓުގައި، 2014 ވަަނަ އަހަރުގައި ކެރަމް ވޯލްޑް ކަޕް ހޯސްޓްކުރިތާ 10 އަހަރު ފަހުން، ރާއްޖޭން ކެރަމް ވޯލްޑް ކަޕް މި ފަހަރު ބޭއްވީ ބާސެލޯ ނަސަންދުރާގަ އެވެ. މުބާރާތަށް ސަތާރަ ގައުމަކުން 150 އަށް ވުރެން ގިނަ ކުޅުންތެރިން އައިއިރު، އައިސީއެފްގެ އިސް މެމްބަރުންތައް ވެސް މުބާރާތުގެ ދުވަސްތަކުގައި ރާއްޖޭގައި ތިއްބެވި އެވެ.

ސްވިޒަލެންޑަށް އުފަން މޭޔާ ވިދާޅުވީ، ކެރަމް ވޯލްޑް ކަޕަށް މި ފަހަރު ރާއްޖެ އައުމުން ކުރިން ނުކުރެވޭ ކަހަލަ ގޮތަކަށް އޭނާ އަކީ ދުވެސްވެފައި ހުރި މީހެއްގެ އިހުސާސް ކުރެވުނު ކަމަށެވެ. އެއީ، ޕޮޒިޓިވްކޮށް ކުރެވުނު އިހުސާސެއްކަން ފާހަގަކުރައްވައި، މޭޔާ ވިދާޅުވީ، އައިސީއެފްގެ ނައިބު ރައީސްގެ މަގާމާއި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން އަންނަ ހުސެއިން ރައުޝާން، ރާއްޖޭގައި މުބާރާތް ހޯސްޓްކުރެވޭނެ ކަމުގެ ޔަގީންކަން ދިނުމަށް ފަހު، މުބާރާތުގެ ކަންކަން ގެންގޮސްދިން އުސްމިނަކީ، ދެން އޮތް ލެވަލް ކަމަށެވެ.

"ރާއްޖޭން ޑިޖިޓަލްކޮށް ކަންކަން ރާވައި، ވިޝުއަލްސް، ލޯގޯ ހެދުން، ހުޅުވުމުގެ ރަސްމިއްޔާތު، ނިންމުމުގެ ރަސްމިއްޔާތުގެ އެ ހުރިހާ ތަސްވީރުތަކާ އެއްކޮށް، ހުރިހާ ޗެމްޕިއަނުންގެ ފޮޓޯތައް ސްޓޭޖުގައި ނެގިފައި ހުރި ގިޮތާއި ހުރީ ވަރަށް ތަަފްސީލީކޮށް، ވަރަށް ފުރިހަމަކޮށް ކަންކަން ހުރީ، މިއީ ހަގީގަތުގައި ކެރަމް ދާންޖެހޭ އަނެއް ލެވަލް،" މޭޔާ ވިދާޅުވި އެވެ.

ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި ބާއްވަން އެއްބާރުލުން ދިން އެންމެނާ ގުޅިގެން، ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ސާބިތުކޮށްދިނީ ހަގީގަތުގައި، ދުނިޔޭގެ ލެވަލްގައި ކެރަމް އޮންނަން ޖެހޭ ލެވަލްކަން މޭޔާ ފާހަގަކުރެއްވި އެވެ. އެ ގޮތުން، އެކަމުގައި ބައިވެރިވި، ސްޕޯޓްސް މިނިސްޓްރީ އާއި މާލެ ސިޓީގެ މޭޔަރު އަދި މުޅި ރާއްޖޭގެ ނަން މޭޔާ ފާހަގަކުރެއްވި އެވެ.

"ސާބިތުވީ ކެރަމް އެބައޮތްކަން، ވަރަށް ރަނގަޅަށް ކުރިއަށްގެންދެވޭނެކަން ދެން އަންނަ ޖީލުތަކާ ހަމައަށް ވެސް،" މޭޔާ ވިދާޅުވި އެވެ.

އައިސީއެފް އިން ރައުޝާން (ވ) އަށް ދިން އަގުވަޒަންކުރުމުގެ ފިލާ ހަވާލުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


އޭނާ ވިދާޅުވީ، ރައުޝާން ފަދަ ކެރަމްގެ މުސްތަގުބަލަަަށް ވިސްނާ ލީޑުކުރާނެ މީހުން ތިބެފިނަމަ، ކަންކަން ހާސިލްކުރެވޭނެ ކަމަށާއި ކޮންމެ ކަަމެއްގައި ވެސް ފާޑުކިޔުންތައް ހުންނާނެ ކަމަށެވެ. އަދި، އެންމެ މުހިންމު ކަމަކީ، އެ ކަންކަމާ ކުރިމަތިލައި، މި ފަހަރު ކުރެވުނު ފުރިހަމަ މަސައްކަތާ މެދު އުފާކޮށް އިތުރަށް ރަނގަޅުކުރުން ކަމަށް މޭޔާ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އައިސީއެފް ކޮންގްރެސްގައި އެ ފެޑެރޭޝަން ރައީސަކަށް އިންތިހާބުވި، މޭޔާ ވިދާޅުވީ، އަމިއްލަ ވިސްނުމުގައި ކަންކަން ފާހަގަކުރާނަމަ، މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި ކަންކަން ގޮސްފައިވަނީ، އޭނާގެ އުންމީދުތަކަށް ވުރެން ވެސް ބޮޑަށް ފުރިހަމަކޮށް ކަމަށެެވެ.

ކެރަމް ވޯލްޑް ކަޕުން ކާމިޔާބު ލިބުނު ކުޅުންތެރިންނަށް އެކި ގައުމުތަކުން ބޮޑެތި ފައިސާގެ އިނާމު ދެމުން އަންނައިރު، އެއީ ވެސް މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގެ ފުރިހަމަ ކަމުގެ ނަތީޖާ ކަމަށް މޭޔާ ދެކިލައްވަ އެވެ.