Advertisement

ކެރަމް ވޯލްޑް ކަޕްގެ ތެެރެއިން ސްރީ ލަންކާ އަށް ހާއްސަ ވަގުތުކޮޅެއް

about 11 hours 0

ކެރަމް ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ލަންކާ އަށް ހާއްސަކޮށް ކުރިއަށްގެންދިޔަ ސުކޫތުގެ ތެެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ކެރަމް ވޯލްޑް ކަޕްގެ ތެެރެއިން ސްރީ ލަންކާ އަށް ހާއްސަ ވަގުތުކޮޅެއް

about 11 hours 0

ރާއްޖޭގައި މިހާރު ކުރިއަށްދާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ދާދިފަހުން ކުރިމަތިވި ތޫފާން ދީތުވާގައި ބޮޑު ގެއްލުންތަކެއް ކުރިމަތިވެ، އެތައް ފުރާނައެއް ގެއްލިގެންދިޔަ ސްރީ ލަންކާ އަށް ހާއްސަ ސުކޫތެއް ގެންގޮސްފި އެެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭ ބޭ އޮފް ބެންގޯލްގައި އުފެދުނު ކޮޅިގަނޑު، ތޫފާން "ދީތުވާ" ގައި ސްރީ ލަންކާ އަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ އެވެ. އަދި، މޫސުން ގޯސްވެ، ކުރި ބޯ ވިއްސާރާގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 465 އަށް ވުރެން ގިނަ މީހުން މަރުވެ، އެތައް ސަތޭކަ މީހުން ގެއްލިފައިވާއިރު، ފެންނާނެ ކަމުގެ އުންމީދެއް ނެތެވެ.

މި މަހު 2-6 އަށް، ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާުތުގައި ވަނީ ސްރީ ލަންކާ އަށް މި ކުރިމަތިވި ދަތި އުނދަގޫ ކާރިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ވަގުތުކޮޅެއް ހާއްސަކޮށްފަ އެވެ. މި ކަމުގައި، ޖަލްސާ އަށް ހާޒިރުވެ ތިއްބެވި، ސްޕޯޓްސް މިނިސްޓްރީގެ ބޭފުޅުންނާއި އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) އާއި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސް އޮފިޝަލުން އަދި ހާޒިރުވެ ތިބި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ބައިވެރިވެފަ އެވެ.


"ދީތުވާ" ގައި ލަންކާ އަށް ކުރިމަތިވި ބޮޑެތި ގެއްލުންތަކަށް، އެހީތެރިވުމަށް ސަރުކާރުން 50،000 ޑޮލަރުގެ އިތުރުން، 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) ހަދިޔާކޮށްފައިވެ އެވެ.

މީގެ އިތުރުން، ލަންކާ އަށް އެހީވުމަށްޓަކައި، ދައުލަތުގެ މީޑިއާ (ޕީއެސްވީ) އާއި ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ވަނީ 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ލިބިފަ އެވެ. މި ފައިސާ ވަނީ، ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. އަދި، ރާއްޖޭގެ ވަކިވަކި ވިޔަފާރިވެރިންނާއި ކުންފުނިތަކުން ވެސް ވަނީ ލަންކާ އަށް އެތައް ގޮތަކުން އެހީވެ، ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ލަންކާ އަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި، ދިވެހިންގެ ފަރާތުން ދިން އެހީތެރިކަމަށް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ.

މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި 17 ގައުމަކުން 150 އަށް ވުރެން ގިނަ ކުޅުންތެރިން ވާދަކުރެ އެވެ. ކެރަމް ވޯލްޑް ކަޕްގައި ލަންކާގެ 16 ކުޅުންތެރިންނާއި ދެ އޮފިޝަލުން ބައިވެރިވެ އެވެ.