10 ސެޕްޓެންބަރު 2025 - 07:56 0
10 ސެޕްޓެންބަރު 2025 - 07:56 0
ބެލްގްރޭޑް، ސާބިއާ (ސެޕްޓެމްބަރު 10) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕް ބުރުގައި، ރޭ ކުޅުނު މެޗުތަކުން ފްރާންސް އާއި އިންގްލެންޑް އަދި ޕޯޗުގަލް މޮޅުވެއްޖެ އެވެ.
އިންގްލެންޑުން ކޮލިފައިންގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވިއިރު، ޕޯޗުގަލް އާއި ފްރާންސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ކާމިޔާބު ހޯދައިފަ އެވެ. ރޭ އިންގްލެންޑުން ރަށުންބޭރުގައި ސާބިއާ އަތުން 5-0 އިން މޮޅުވިއިރު، ފްރާންސް އިން އަމިއްލަ ދަނޑުގައި 2-1 އިން އައިސްލެންޑްގެ މައްޗަށް ކުރިހޯދި އެވެ. ޕޯޗުގަލް އިން ހަންގޭރީ ބަލިކުރީ ރަށުންބޭރުގައި 3-2 އިންނެވެ.
ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި އިންގްލެންޑުން އަންނަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. ރޭ ސާބިއާ އަތުން މޮޅުވުމަކީ، އޭނާ ވެސް ދެކޭގޮތުގައި ކުރިއެރުމެކެވެ. ފުރަތަމަ ހާފުގައި ހެރީ ކޭން އާއި ނޯނީ މަޑުއޭކޭ ޖެހި ގޯލުތަކުން އިންގްލެންޑުން ލީޑުނެގިއިރު، ދެ ވަނަ ހާފުގައި އިތުރު ތިން ގޯލު ޖެހި އެވެ. މި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ، އެޒްރީ ކޮންސާ، މާކް ގޭހީ އަދި ޕެނަލްޓީ އަކުން މާކަސް ރެޝްފޯޑް އެވެ.
ބާނަބާސް ވާގާގެ ގޯލުން ހަންގޭރީން ލީޑުނެގިއިރު، ފުރަތަމަ ހާފުގައި ޕޯޗުގަލް އިން އެއްވަރުކުރީ ބެނާޑޯ ސިލްވާ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި، ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީ އަކުން ޕޯޗުގަލް އަށް ކުރިހޯދައިދިންއިރު، މެޗުގެ 84 ވަނަ މިނިޓްގައި ވާގާ ވަނީ ގޯލެއް ޖަހައި ހަންގޭރީ އަށް އެއްވަރުކޮށްދީފަ އެވެ. ޕޯޗުގަލް މޮޅުވި ގޯލު އޭގެ ދެ މިނިޓް ފަހުން، ޖެހީ ޖޮއާއޯ ކަންސޭލޯ އެވެ.
އައިސްލެންޑް އަތުން ފްރާންސް މޮޅުވީ ފަަހަތުން އަރަ އެވެ. އެ ގޮތުން، 21 ވަނަ މިނިޓްގައި، އަންޑްރީ ލޫކަސް ގުޑްޖޯންސަން ވަނީ އައިސްލެންޑަށް ލީޑުނަގައިދީފަ އެވެ. ފްރާންސް އިން އެއްވަރުކުރީ، 45 ވަނަ މިނިޓްގައި، ކީލިއަން އެމްބާޕޭ ޖެހި ޕެނަލްޓީންނެވެ. އަދި، ދެ ވަނަ ހާފުގައި ބްރެޑްލީ ބާކޮލާ ވަނީ ގޯލު ޖަހައި ފްރާންސް މޮޅުކޮށްދީފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment