9 ސެޕްޓެންބަރު 2025 - 12:57 0
9 ސެޕްޓެންބަރު 2025 - 12:57 0
ޖަޕާނުގައި މި މަހު ކުރިއަށްދާ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި، ރާއްޖޭން ވާދަކުރާނީ، ހަސަން ސާއިދު ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިއުލާނުކޮށްފި އެވެ.
ދާދި ފަހުން ނިމުނު ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު އިވެންޓް ކާމިޔާބުކުރި ސާއިދު ވަނީ މި އަހަރު ޗައިނާގައި ކުރިއަށްދިިޔަ ވޯލްޑް އެތުލެޓިކްސްގެ އިންޑޯ ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށްފަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން މިއަދު ބުނެފައިވަނީ، މި މަހު 13 އިން 21 އަށް ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށްދާ ދުނިޔޭގެ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު ވާދަކުރާނެ ކަމަށެވެ.
ސާއިދު، 33، އެންމެ ފަހުން ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕެއްގައި ވާދަކޮށްފައިވަނީ، 2022 ވަނަ އަހަރު އެމެެރިކާގެ އޮރެގޯންގައި ކުރިއަށްދިޔަ މުބާރާތުގަ އެވެ. އޭގެ ކުރިން، ދެ ފަހަރެއްގެ މަތިން ސާއިދު ވަނީ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ. އެއީ، 2015 ވަނަ އަހަރު ބެއިޖިންގައި ބޭއްވި މުބާރާތާއި 2017 ވަނަ އަހަރު ލަންޑަންގައި ބޭއްވި މުބާރާތުގަ އެވެ.
މިދިޔަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދިޔަ ވޯލްޑް އިންޑޯ މުބާރާތުގައި ވާދަކުރި ސާއިދު ވަނީ މި އަހަރު ޗައިނާގެ ނަންޖިންގައި ކުރިއަށްދިޔަ އޭޝިއާގެ އިންޑޯ މުބާރާތުގައި ވެސް ވާދަކޮށްފަ އެވެ. އަދި މިދިޔަ އަހަރު އިރާނުގެ ތެހެރާންގައި ބޭއްވި އޭޝިއާ އިންޑޯ މުބާރާތުގައި ވެސް ވާދަކޮށްފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment