Advertisement

ގަވާއިދާ ހިލާފަށް ދުންފަތް އެތެރެކުރުމާއި ވިއްކުން ހުއްޓުވަން ކަސްޓަމްސްގެ ހާއްސަ އޮޕަރޭޝަނެއް

9 ސެޕްޓެންބަރު 2025 - 12:03 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދިވެހިރާއްޖޭގެ ވިޔަފާރި ބަނދަރުގައި ކަސްޓަމްސްގެ އޮފިސަރެއް ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު ފައިލް


ގަވާއިދާ ހިލާފަށް ދުންފަތް އެތެރެކުރުމާއި ވިއްކުން ހުއްޓުވަން ކަސްޓަމްސްގެ ހާއްސަ އޮޕަރޭޝަނެއް

9 ސެޕްޓެންބަރު 2025 - 12:03 0

ދިވެހިރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކޮށް އޭގެ ވިޔަފާރި ކުރުން ހުއްޓުވުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ކަސްޓަމްސް އިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ އެ އިދާރާއިން ހާއްސަ އޮޕަރޭޝަނެއް ފެށީ ދިވެހިރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކޮށް ވިއްކާކަމުގެ މައުލޫމާތު ލިބެމުން ދާތީ ކަމަށެވެ.

އެގޮތުން ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި ގަވާއިދާ ހިލާފަށް ވިއްކަމުންދާ ދުންފަތުގެ ބާވަތްތައް އެ އޮޕަރޭޝަނުގެ ދަށުން ކަސްޓަމްސްއަށް ނަގާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި ވަގަށް ދުންފަތް އެތެރެކޮށް އޭގެ ވިޔަފާރި ކުރަމުންދާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި ހެލްތު މިިނިސްޓްރީން އާންމު ކޮށްފައިވާ އިންޒާރުގެ ނޯޓިސް ނުޖަހައި ހުންނަ ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ނުކުރުމަށް ކަސްޓަމްސްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ވަގަށް ރާއްޖެއަށް ދުންފަތް އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތެއް ލިބިފައިވާ ނަމަ ލަސްނުކޮށް އެ މައުލޫމާތު ކަސްޓަމްސްގެ ހިލޭ ގުޅޭ ނަންބަރު، 1416 އަށް ގުޅައި ހިއްސާ ކުރުމަށް ކަސްޓަމްސްއިން އެދިފައިވެ އެވެ.

ސިނގިރޭޓުގެ ކަޅު ބާޒާރެއް ރާއްޖޭގައި އުފެދުނީ ރާއްޖޭގައި ވޭޕު މަނާކޮށް, ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.