Advertisement

ފާޑުކިޔުން އަމާޒުވުމުން ދޮންފަނު ބިން ނުހިއްކަން މުއިއްޒު ނިންމަވައިފި

9 ސެޕްޓެންބަރު 2025 - 11:09 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހަނިފަރު ބޭ އަދި ދޮންފަނު. އެ ދެމެދުގައި ހުންނަނީ ގާތްގަނޑަކަށް އެއްކިލޯމީޓަރު --- އާޓްވޯކް: އިސްމާއިލް އިމްދާދު/އަދަދު


ފާޑުކިޔުން އަމާޒުވުމުން ދޮންފަނު ބިން ނުހިއްކަން މުއިއްޒު ނިންމަވައިފި

9 ސެޕްޓެންބަރު 2025 - 11:09 0

ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާތީ 2011 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ހަނިފަރު ބޭއަށް ގެއްލުވާނެހެން އެ ސަރަހައްދާ އެންމެ ކައިރިން އޮންނަ ބ. ދޮންފަނުގެ ބިންހިއްކަން ސަރުކާރުން ނިންމުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކުން އެކަން ނުކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދޮންފަނުގެ ބިން ހިއްކަން ސޮއިކުރީ އެ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ވީ ވައުދު ފުއްދުމަށް ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރަން ރައްޔިތުން މިހާރު އެދޭތީ ބިން ނުހިއްކަން ސަރުކާރުން ނިންމާފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަން ވައުދު ވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި ކުރިން. ނަމަވެސް ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދޮންފަނުގެ ބިން ނުހިއްކާނެކަން ކަމާބެހޭ ވުޒާރާއިން މިއަދު ސިޓީއަކުން އެ ރަށުގެ ކައުންސިލަށް އަންގާނެ ކަމަށެވެ.

ރަށްރަށުގައި ކުރާނެ ކަންކަމާ ބެހޭ ވައުދުވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިގެން ކަމަށާއި ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހަނިފަރަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުން ލިބޭނެ މަޝްރޫއުއެއް ސަރުކާރުން ހިންގާއިރު ކުރިއަށް އޮތް ފަސް އަހަރަށް އެ ސަރަހައްދު ހިމާޔަތް ކުރުމުގެ ޕްލޭނެއް އެކުލަވާލައި އެންވަރަމަންޓު މިނިސްޓްރީން އާންމުކުރީ މި އަހަރު ތެރޭގަ އެވެ. އެ ޕްލޭންގައިވާ ގޮތުން ހަނިފަރު ބޭ އޭރިއާއަށް އޮތް އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި އެ ސަރަހައްދުގެ ވަށައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމެވެ.

ދޮންފަނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް އެ ރަށުން 13 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާ އެވެ. އޮގަސްޓު 13، ގައި އެ މަޝްރޫއުގައި ސޮއިކުރީ ރައީސް މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެންނެވި ދަތުރުގަ އެވެ.

ދޮންފަނުގެ ބިން ނުހިއްކާނެ ކަމަށް ސަރުކާރުން ނިންމާފައި މިވަނީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއެންސް މޯލްޑިވްސް އެކަން ކުރުމާ ދެކޮޅަށް އޮންލައިން ޕެޓިޝަނެއްގައި ވެސް ސޮއި ކުރަމުންދަނިކޮށެވެ. އެ ޕެޓިޝަންގައި 5،000 އަށްވުރެ ގިނަ މީހުން އޮތީ ސޮއިކޮށްފަ އެވެ.

ހަނިފަރު ބޭ ގައި ހިމެނޭ 529 ހެކްޓަރުގެ ސަރަހައްދެއް އޮންނަނީ ހިމާޔަތްކޮށްފަ އެވެ. އެ ސަރަހައްދުގެ ފަރުތަކަކީ އެންމަޑިތަކުން ކްލީނިން ސްޓޭޝަންތަކެއްގެ ގޮތުގައި ބޭނުންކުރާ ތަންތަނެވެ. ހަނިފަރު ސަރަހައްދަށް ފީނަން 20 ޑޮލަރުގެ ފީއެއް ދައްކަން ޖެހެ އެވެ. ނަމަވެސް، ފުޅި އަޅައިގެން އެ ތަނަށް ފީނުން މަނަ އެވެ.