9 ސެޕްޓެންބަރު 2025 - 11:27 0
އަހުމަދު އާއިދު
އެމްޑީޕީގެ ރައީސް ޝާހިދު (ކ)، ކުރީގެ ރައީސް ނަޝީދު، އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު (ވ): އޮކްޓޯބަރުގެ 3، ގެ އެއްވުމުގައި ބައިވެރިވުމަށް އެދި އެމްޑީޕީގެ ދައުވަތު އެންމެނަށް ވަނީ ދީފަ ---- ފޮޓޯ: މުހައްމަދު ޝަހްޒާ
9 ސެޕްޓެންބަރު 2025 - 11:27 0
ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިގުޅައިގަނެ ރައްޔިތުންނަށް ހިޔާނާތްތެރިވަމުން ދާތީ އެކަމާ ދެކޮޅަށް އޮކްޓޯބަރު 3، ގައި އިދިކޮޅު އެމްޑީޕީން މާލޭގައި ބާއްވާ މުޒާހަރާގެ ދައުވަތު އެ ޕާޓީން އެންމެނަށް ދީފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި މުޒާހަރާގައި ބައިވެރިވުމަށް އެދި ދައުވަތު ދީފައިވަނީ ވީމާ، އެހެން ސިޔާސީ ޕާޓީތަކަށާއި، މަދަނީ އަދި ސިޔާސީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، މަސައްކަތްތެރިންގެ ޔޫނިއަންތަކާއި، ދަރިވަރުންގެ ޖަމިއްޔާތަކާއި، އަދި ވިޔަފާރިވެރިންނަށެވެ.
ސިލްސިލާ މުޒާހަރާތަކެއްގެ ފެށުމުގެ ގޮތުން އޮކްޓޯބަރު 3، ގައި އެއްވާން އެމްޑީޕީން ނިންމީ މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެންނެވެ. އެ ރޭ ފާސްކުރި ގަރާރުގައި ގޮވާލާފައި ވަނީ ސަރުކާރުން ކުރާ ވައްކަމާއި ހިންގަމުން ގެންދާ ހިޔާނާތުގެ އަމަލުތައް ފޮރުވުމަށް މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް އެ ޕާޓީން ސިލްސިލާ އިހުތިޖާޖު ކުރުމަށެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީން މުޒާހަރާކުރަނީ ސަރުކާރުން ކުރާ ވައްކަމާއި ހިންގަމުން ގެންދާ ހިޔާނާތުގެ އަމަލުތަކާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާތީ، އެކަމުގެ ހަގީގަތް ފޮރުވުމުގެ ބޭނުމުގައި އެންމެ ފަހުން، މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް ކަމަށެވެ.
އެ ޕާޓީން އިއްޔެ ވަނީ ފިނޭންސް މިނިސްޓްރީ ދޮށުގައި ވެސް މުޒާހަރާ ކޮށްފަ އެވެ. އެ މުޒާހަރާގެ ތެރެއިން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ މެންބަރުން ވަނީ ފުލުހުންގެ ސަފު ފޫއަޅުވާލާ ގަދަކަމުން މިނިސްޓްރީ ތެރެއަށް ވެސް ވަދެފަ އެވެ.
ފިނޭންސް ކުރިމަތީގައި ބޭއްވި އިހުތިޖާޖުގައި ބައިވެރިވެ ވަޑައިގެންނެވި ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ މިދިޔަ އެއް އަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓަރާއި ސުވާލުކުރަން އެމްޑީޕީން 16 ސުވާލު ހުށަހަޅާފައިވާއިރު، މިހާތަނަށް ބައެއް ސުވާލުތަކަށް ޖަވާބުވެސް ލިބިފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން ތަހަންމަލުކުރާ ދަތި އުނދަގޫ ހާލަތު ގުޅިފައިވަނީ އިގްތިސާދާއި ފައިސާއާ ކަމަށްވުމުން ވާން އުޅޭ ގޮތާ ގޮތާ ގުޅޭގޮތުން ސުވާލުތައް މިނިސްޓަރާ އަމާޒުކުރަން ބޭނުންވާ ކަމަށެވެ.
Comment