Advertisement

ޒިދާން، ފެނަބާޗޭ އަށް ދާން އުޅޭ ވާހަކައިގައި ހަގީގަތެއް ނެތް

9 ސެޕްޓެންބަރު 2025 - 07:56 0


ޒިދާން، ފެނަބާޗޭ އަށް ދާން އުޅޭ ވާހަކައިގައި ހަގީގަތެއް ނެތް

9 ސެޕްޓެންބަރު 2025 - 07:56 0

މެޑްރިޑް (ސެޕްޓެމްބަރު 9) - ތުރުކީ ސުޕަ ލީގުގެ ކްލަބް، ފެނަބާޗޭގެ ކޯޗުކަމާ ފްރާންސްގެ ޒިނެދިން ޒިދާން ހަވާލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށް ސްޕެއިނުގެ މުންޑޯ ޑިޕޯޓިވޯ އިން ރިޕޯޓްކޮށްފި އެވެ.

ތުރުކީ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ މީޑިއާތަަކުން ރިޕޯޓްކުރި ގޮތުގައި، ޒިދާން ވަނީ ކުރު ކޮންޓްރެކްޓެއްގައި ފެނަބާޗޭއާ ހަވާލުވާން އަނގަބަހުން އެއްބަސްވުމަކަށް އަތުވެފަ އެވެ. އަދި، ވަރަށް އަވަހަށް ޒިދާން، ތުރުކީ އަށް ދަތުރުކޮށް ކޮންޓްރެކްޓްގެ ކަންކަން ނިންމާނެ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު، ސްޕެއިނުގެ މުންޑޯ ޑިޕޯޓިވޯ އިން އެ ހަބަރުތައް ދޮގުކޮށް ބުނެފައިވަނީ، ޒިދާން ދެން ހަވާލުވާނީ ފްރާންސް ގައުމީ ޓީމާ ކަމަށެވެ.

އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު، ފްރާންސްގެ ކޯޗުކަމުން ޑިޑިއޭ ޑެޝޯމްޕްސް ވަކިވުމުން އެ މަގާމަށް ޒިދާން އަންނާނެ ކަމުގެ އަޑުތައް އޮތީ ގަދަވެފަ އެވެ.

ފްރާންސްގެ ކުރީގެ ކެޕްޓަން، ޑެޝޯމްޕްސް، މި ވަގުތު، އެ ޓީމުގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރު، އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ. ޑެޝޯމްޕްސް ވަނީ އެ މުބާރަތަށް ފަހު ފްރާންސް ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ.

ޑެޝޯމްޕްސް، 2012 ވަނަ އަހަރު ފްރާންސްގެ ކޯޗުކަމާ ހަވާލުވިއިރު، 2018 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2021 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކޮށްފައިވެ އެވެ. އެންމެ ފަހުން 2022 ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފައިނަލަށް ވެސް ފްރާންސް ގެންގޮސްދިން ޑެޝޯމްޕްސްއާ އެކު މިދިޔަ އަހަރުގެ ޔޫރޯގައި ފްރާންސްގެ ނަތީޖާތަށް އެންމެ ރަނގަޅެއް ނޫން ކަމަށް ބުނެ، ޑެޝޯމްޕްސް ވަކިކުރަން ގޮވާލާ އަޑުތައް ވަނީ ގަދަވި ނަމަވެސް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން އެ ގޮތަށް ނުނިންމަ އެވެ.

ކޯޗިން ކެރިއަރުގައި ޒިދާން ވަނީ ދެ ފަހަރެއްގެ މަތިން ރެއާލަށް ކޯޗުކޮށްދީފަ އެވެ. އެއީ، 2016-2018 އާއި 2019 އިން 2021 އަށެވެ. އޭނާ ރަސްމީކޮށް އެހެން ޓީމަކާ އަދި ހަވާލުވެފައި ނުވި ނަމަވެސް، ބައެއް ކްލަބްތަކުގެ ސެޝަންތަކުގައި، ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޒިދާން، ކޯޗިން އަށް އެނބުރި އަންނަން ވިސްނަނީ ދެ ޓީމެއްގެ ހުށަހެޅުމެއް ލިބިއްޖެނަމަ އެވެ. އެއީ، ރެއާލް މެޑްރިޑް ނޫނީ ފްރާންސް ގައުމީ ފުޓްބޯޅަ ޓީމެވެ.