13 އޮކްޓޯބަރު 2025 - 08:51 0
13 އޮކްޓޯބަރު 2025 - 08:51 0
ޕެރިސް (އޮކްޓޫބަރު 13) - ކޯޗިން ކެރިއަރު އަދިވެސް ކުރިއަށްގެންދާނެ ކަމަށާއި އެންމެ ބޮޑަށް ދެކޭ ހުވަފެނަކީ ފްރާންސްގެ ގައުމީ ޓީމަށް ކޯޗުކޮށްދިނުން ކަމަށް ދުނިޔޭގެ ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފްރާންސްގެ ތަރި، ޒިނެދިން ޒިދާން ބުނެފި އެވެ.
ޓްރެންޓޯ ސްޕޯޓްސް ފެސްޓިވަލްގައި ވާހަކަ ދައްކަމުން ޒިދާން ބުނީ، ކޯޗެއްގެ ގޮތުގައި އަދި އޭނާ އެނބުރި އަންނާނެ ކަަމަށެވެ.
އަދި، އެއީ، ޒިދާން، ކުރިން ކުޅުނު ޔުވެންޓަސްގެ ކޯޗެއްގެ ގޮތުގައިތޯ ސުވާލުކުރުމުން ޒިދާން ވަނީ ވަކި ޓީމެއްގެ ނަން ބުނަން ދެކޮޅު ހަދައިފަ އެވެ.
"އަހަންނަށް ނޭނގެ ޔުވެންޓަސް އާއި އަހަރެންގެ ކަންކަން ދިޔަ ގޮތެއް. އަހަރެންގެ ހިތުގައި އަބަދުވެސް ޔުވެންޓަސް އަށް ހާއްސަ ކަމެއް އޮންނާނެ. ކިތަންމެ ކަމެއް ހިނގިޔަސް، ބަދަލުވިޔަސް. އަހަަރެންގެ އެންމެ ބޮޑު އުންމީދަކީ އަދި ހުވަފެނަކީ ފްރާންސް ގައުމީ ޓީމަށް ކޯޗުކޮށްދިނުން، ދެން، ބަލަމާ ދާ ގޮތެއް،" ފްރާންސާ އެކު، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޒިދާން ބުންޏެވެ.
އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު، ފްރާންސްގެ ކޯޗުކަމުން ޑިޑިއޭ ޑެޝޯމްޕްސް ވަކިވުމުން އެ މަގާމަށް ޒިދާން އަންނާނެ ކަމުގެ އަޑުތައް އޮތީ ގަދަވެފަ އެވެ.
ފްރާންސްގެ ކުރީގެ ކެޕްޓަން، ޑެޝޯމްޕްސް، މި ވަގުތު، އެ ޓީމުގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރު، އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ. ޑެޝޯމްޕްސް ވަނީ އެ މުބާރަތަށް ފަހު ފްރާންސް ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ.
ޑެޝޯމްޕްސް، 2012 ވަނަ އަހަރު ފްރާންސްގެ ކޯޗުކަމާ ހަވާލުވިއިރު، 2018 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2021 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކޮށްފައިވެ އެވެ. އެންމެ ފަހުން 2022 ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފައިނަލަށް ވެސް ފްރާންސް ގެންގޮސްދިން ޑެޝޯމްޕްސްއާ އެކު މިދިޔަ އަހަރުގެ ޔޫރޯގައި ފްރާންސްގެ ނަތީޖާތަށް އެންމެ ރަނގަޅެއް ނޫން ކަމަށް ބުނެ، ޑެޝޯމްޕްސް ވަކިކުރަން ގޮވާލާ އަޑުތައް ވަނީ ގަދަވި ނަމަވެސް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން އެ ގޮތަށް ނުނިންމަ އެވެ.
ކޯޗިން ކެރިއަރުގައި ޒިދާން ވަނީ ދެ ފަހަރެއްގެ މަތިން ރެއާލަށް ކޯޗުކޮށްދީފަ އެވެ. އެއީ، 2016-2018 އާއި 2019 އިން 2021 އަށެވެ. އޭނާ ރަސްމީކޮށް އެހެން ޓީމަކާ އަދި ހަވާލުވެފައި ނުވި ނަމަވެސް، ބައެއް ކްލަބްތަކުގެ ސެޝަންތަކުގައި، ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޒިދާން، ކޯޗިން އަށް އެނބުރި އަންނަން ވިސްނަނީ ދެ ޓީމެއްގެ ހުށަހެޅުމެއް ލިބިއްޖެނަމަ އެވެ. އެއީ، ރެއާލް މެޑްރިޑް ނޫނީ ފްރާންސް ގައުމީ ފުޓްބޯޅަ ޓީމެވެ.
Comment