9 ސެޕްޓެންބަރު 2025 - 07:49 0
9 ސެޕްޓެންބަރު 2025 - 07:49 0
ލަންޑަން (ސެޕްޓެމްބަރު 9) - ނޮޓިންހަމް ފޮރެސްޓްގެ ކޯޗުކަމުން 21 މަސް ތެރޭ ޕޯޗުގީސް ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަކިކޮށްފި އެވެ.
ފޮރެސްޓްގެ ކޯޗުކަމުގެ މަގާމުން ސްޓީވް ކޫޕާ ވަކިކޮށް، ވުލްވްސް އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗު ނޫނޯ ހަމަޖެއްސީ، 2023 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ. މިދިޔަ ޖޫން މަހު، ތިން އަހަރުގެ ކޮންޓްރެކްޓެއް ހެދި ނަމަވެސް، އޭގެ ސޮއިކުރިތާ ފަސް މަސް ނުވަނިސް މި ވަނީ މަގާމުން ވަކިކޮށްފަ އެެވެ.
މިދިޔަ ސީޒަނުގެ ގަދަ ފަސް ޓީމު ތެރޭގައި، ހިމެނި ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމުން، މެޗަކަށް ފަހު، ފޮރެސްޓްގެ ވެރިޔާ، އެވަންޖެލޯސް މަރިނާކިސްއާ ދަނޑުމަތީގައި ދެބަސްވުމެއް ހިނގި އެވެ. އޭގެ ފަހުން، މިދިޔަ މަހު ނޫނޯ ވަނީ އޭނާ އާއި މަރިނާކިސްގެ ގުޅުން ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ. އަދި، އޭގެ ދެ ހަފްތާ ފަހުން ނޫނޯ އަށް މި ވަނީ އެ ޓީމުގެ ކޯޗުކަން ގެއްލިފަ އެވެ.
ފޮރެސްޓްގެ ކޯޗަކަށް ހަމަޖައްސާނެ ކަމަށް ބެލެވެނީ، މިދިޔަ ސީޒަނަށް ފަހު، ޓޮޓެންހަމް ހޮޓްސްޕާސް އިން ވަކިކުރި، އޮސްޓްރޭލިއާގެ އަންޖް ޕޮސްޓެކޮގްލޫ އެވެ. ޕޮސްޓެކޮގްލޫ އާއި މަރިނާކިސް އަކީ ގާތް ދެ މީހުންނެވެ.
މިދިޔަ ސީޒަނުގައި ނޫނޯ ވަނީ ލީގުގެ ހަތް ވަނަ ފޮރެސްޓަށް ހޯދައިދީފަ އެވެ. އަދި، މިއީ، 1995 ވަނަ އަހަރަށް ފަހު ފޮރެސްޓުން ލީގުގައި އެންމެ މަތިން ނިންމި ފަހަރެވެ. އެކަމަކު، މި ސީޒަން ފަށައިގެން ފޮރެސްޓް ތެރޭގައި މައްސަލަ ބޮޑުވެ، ނަތީޖާ ވެސް ނުނެރެވި ދިޔައިރު، މި ވަގުތު އެ ޓީމު އޮތީ ލީގުގެ 10 ވަނައިގަ އެވެ.
Comment