Advertisement

މާލެއިން ޕާކިން ޒޯން ކުއްޔަށް ދޫކުރުން ނިމުމަކަށް، ކުއްޔަށް ދޫކުރި ތަންތަނުގެ އެއްބަސްވުން ވެސް ދެން އާނުކުރާނެ

8 ސެޕްޓެންބަރު 2025 - 22:08 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މާލެއިން ޕާކިން ޒޯން ކުއްޔަށް ދޫކުރުން ނިމުމަކަށް، ކުއްޔަށް ދޫކުރި ތަންތަނުގެ އެއްބަސްވުން ވެސް ދެން އާނުކުރާނެ

8 ސެޕްޓެންބަރު 2025 - 22:08 1

މާލޭ މަގުތަކާއި ހުސް ޖާގަތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކިން ޖާގަ ވިއްކުން ނިމުމަށް ގެނެސް، މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނަވައިގެން ވިއްކާފައި ހުރި ޕާކިން ޖާގަތަކުގެ އެއްބަސްވުން އާނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މޭޔަރު އާދަމް އާޒިމް އަދަދު އަށް ވިދާޅުވީ ޕާކިން ޖާގަ ކުއްޔަށް ދިނުން ހުއްޓާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ އަހަރު އެންގި ކަމަށެވެ. އެހެންވެ، ކުރިން ދޫކޮށްފައި ހުރި ތަންތަނުގެ އެއްބަސްވުންތަކުގެ މުއްދަތު ހަމަވަންދެން މަޑުކުރީ ކަމަށާއި ހުރިހާ އެއްބަސްވުމެއްގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.

"ޓްރާންސްޕޯޓް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް ޕާކިންތައް ކުއްޔަށް ނުދޭން އެންގީ މިދިޔަ އަހަރު. އޭރު އަޅުގަނޑުމެން އޮނާ ކުރަން ޖެހޭ އެގްރީމަންޓްތައް ހުރުމުން މަޑުކުރީ އެ އެގްރީމަންޓްތައް ނިމެންދެން،" މޭޔަރު ވިދާޅުވި އެވެ.

މާލޭ މަގުމަތިން ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރަން ފެށީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މާލޭ މޭޔަރަކަށް ހުންނެވި ދުވަސްވަރު، 2022 ގަ އެވެ.

ތޮއްޖެހިފައިވާ މާލޭގެ މަގުމަތިން ޕާކިން ސްލޮޓްތައް ދޫކުރާތީ އޭރު ވެސް ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އަދި އެކަން ނުކުރަން އޭރު ވެސް ޓްރާންސްޕޯޓު މިނިސްޓްރީން އެންގި އެވެ. ނަމަވެސް ސަރުކާރުގެ އެންގުން ބަލާލައި ޖަހައި މުއިއްޒު ދިޔައީ ޕާކިން ސްލޮޓުތައް ވިއްކަމުންނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މި ނޫހުން ހޯދާފައިވާ މައުލޫމާތުން އެނގުނު ގޮތުގައި މިދިޔަ އަހަރުގެ މެއި މަހާ ހަމައަށް މާލޭގެ ފަސް ސަރަހައްދަކުން ޕާކު ކުރަން 1120 ޖާގަ ދޫކޮށްފައިވެ އެވެ. އޭގެ ތެރެއިން 941 ޖާގައަކީ މަގުމަތިން ދޫކޮށްފައި ހުރި ޖާގަތަކެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މިކަން ފަށައިގެން މި ނޫހަށް މައުލޫމާތު ދިން މުއްދަތާ ހަމައަށް ޕާކިން ޖާގަތަކުން އާމްދަނީގެ ގޮތުގައި 17.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ބައެއް ފަރާތްތަކަށް ޕާކިން ޒޯންތައް ވިއްކީ ސިޓީ ކައުންސިލަށް ދައްކަންޖެހޭ ފީގެ އިތުރުން ކައުންސިލްގައި އޭރުތި ބައެއް މެންބަރުން ނާޖާއިޒު ގޮތުގައި ފައިސާ ނަގައިގެން ކަމަށް ތުހުމަތުތައް ކުރެވިފައިވެ އެވެ. ނަމަވެސް އެ މައްސަލަތައް އޭސީސީން ބަލައި ހަގީގަތް ހާމައެއް ނުކުރެ އެވެ.