8 ސެޕްޓެންބަރު 2025 - 14:54 0
ސާއިފް ޝިޔާދު
8 ސެޕްޓެންބަރު 2025 - 14:54 0
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގަ މަގާމުން އިއްޔެ ވަކިކުރި ހުސައިން ފަހުމީ ރައީސް އޮފީހުގެ އިސް މަގާމަކަށް މިއަދު އައްޔަނުކޮށްފި އެވެ.
ކަރަންޓުގެ ހިދުމަތް ދޭ ކުންފުނީގައި 27 އަހަރު ހިދުމަތް ކުރި ފަހުމީ އެ ކުންފުނީގެ އެންމެ އިސް މަގާމުން ވަކިކުރިތާ 24 ގަޑިއިރު ނުވަނީސް އައްޔަން ކުރީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
އެ މަގާމަކީ މިނިސްޓަރުން ފެންވަރުގެ މަގާމެކެވެ. ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރައީސް އޮފީހަށް ޕްރިންސިޕަލް ސެކްރެޓަރީން އައްޔަން ކުރަނީ މިނިސްޓަރުން ފެންވަރުގަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ފަހުމީ ވަކިކުރި ސަބަބެއް ޕީސީބީން ނުބުނެ އެވެ. ނަމަވެސް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑޭ މައްސަލަ އާއި ކަރަންޓު ބިލު އަގުބޮޑުވާ މައްސަލައިގައި އޭނާއަށް ގިނަ ބައެއްގެ ނުރުހުން އޮތީ އަމާޒުވެފަ އެވެ.
އެމްޑީގެ މަގާމުން ފަހުމީ ވަކިކުރީ މިވަނީ އެ މަގާމުން އޭނާ ވަކިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރޭތާ އެތައް ދުވަހެއް ފަހުންނެވެ. ނަމަވެސް، އޭނާއަށް އިތުރު މަގާމެއް ދޭ ކަމެއް އޭރު ނޭނގެ އެވެ.
Comment