Advertisement

ސަރުކާރުގެ އިސް މަގާމަކަށް ދިޔުމަށް މަހްލޫފް އެމްޑީޕީން ވަކިވެއްޖެ

8 ސެޕްޓެންބަރު 2025 - 15:04 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މަހްލޫފު އެމްޑީޕީގެ ޕޯޑިއަމެއްގައި ވާހަކަދައްކަވަނީ: އޭނާ އެމްޑީޕީން ވަކިވީ ސަރުކާރުގެ އިސް މަގާމެއް ލިބުމުން --- ފޮޓޯ: އަދަދު


ސަރުކާރުގެ އިސް މަގާމަކަށް ދިޔުމަށް މަހްލޫފް އެމްޑީޕީން ވަކިވެއްޖެ

8 ސެޕްޓެންބަރު 2025 - 15:04 1

ސަރުކާރުގެ މަގާމަކަށް ވަޑައިގަތުމުން ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިދިކޮޅު އެމްޑީޕީން ވަކިވެއްޖެ އެވެ.

ޕާޓީ އިން ވަކިވުމަށްފަހު އެމްޑީޕީގެ ގްރޫޕަކަށް ފޮނުވި މެސެޖެއްގައި މަހްލޫފު ވިދާޅުވީ އެމްޑީޕީ އިން ވަކިވަނީ "ދައުލަތުގެ މަގާމެއްގައި ހިދުމަތް" ކުރެއްވުމަށް ކަމަށެވެ. އޭނާ ވަނީ އެމްޑީޕީއަށް މަސައްކަތް ކުރަން ފުރުސަތު ދިނީތީ ޝުކުރު އަދާކޮށްފަ އެވެ.

"2015 ވަނަ އަހަރުން ފެށިގެން ތިޔަ ބޭފުޅުންނާއެކު ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު ދަންނަވަން. ވަކިން ހާއްސަކޮށް ރައީސް [އިބްރާހިމް މުހައްމަދު] ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން އެމަނިކުފާނުގެ ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރު އަދާކޮށް، އުފާ ކުރަން،" މަހްލޫފް ވިދާޅުވެފައިވެ އެވެ.

އެމްޑީޕީ އިން ވަކިވާން އޭނާ ނިންމުމުން އެކަމާމެދު ހިތްހަމަނުޖެހޭ އެއްވެސް މެންބަރަކުވާ ނަމަ އެކަމަށްޓަކައި މައާފަށް އެދޭ ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެ އެވެ.

މަހްލޫފް އެންމެ ފުރަތަމަ ސިޔާސީ މައިދާނުން ފެނުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ އިންނެވެ. އޭގެ ފަހުން މައުމޫން އުފެއްދެވި ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސްގައި ވެސް މަހްލޫފް މަސައްކަތް ކުރެއްވި އެވެ.

މަހްލޫފް އެމްޑީޕީއަށް ސޮއިކުރެއްވީ 2018 ގެ ރިޔާސީ އިންތިހާބަށްފަހު އިންތިގާލީ މަރުހަލާގަ އެވެ. ނަމަވެސް އޭގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އޭނާ ދިޔައީ އެމްޑީޕީއާއެކު މަސައްކަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ ސަރުކާރުގައި މަހްލޫފް ހުންނެވީ ޔޫތު މިނިސްޓަރުގެ މަގާމުގަ އެވެ. މިހާރު މަހުލޫފް ވަޑައިގަންނަވަން އުޅުއްވަނީ ވެސް ޔޫތު ނުވަތަ ކުޅިވަރާ ބެހޭ މިނިސްޓްރީގެ އިސް މަގާމަކަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.