6 ސެޕްޓެންބަރު 2025 - 12:17 0
6 ސެޕްޓެންބަރު 2025 - 12:17 0
އަންނަ ޑިސެމްބަރު މަހު ރާއްޖޭގައި ބާއްވާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ގައުމީ ސްކޮޑުގެ ސިލެކްޝަން މިހާރު ކުރިއަށްދާއިރު، ހަސަން ނާޒިމް އާއި ފާތިމަތު ރަޔާނާ ސްކޮޑުން ޖާގަ ހޯދައިފި އެވެ.
އަންނަ ޑިސެމްބަރު މަހު 2-6 އަށް ބާސެލޯސް ނަަސަންދުރާގައި ކުރިއަށްދާ ކެރަމް ވޯލްޑް ކަޕަށް ގައުމީ ސްކޮޑު ފައިނަލް ކުރުމުގެ ސިލެކްޝަން މިހާރު ކުރިއަށްދާއިރު، 10 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާނެ އެވެ. އެއީ، އަންހެން ފަސް ކުޅުންތެރިންނާއި ފިރިހެން ފަސް ކުޅުންތެރިންނެވެ.
އޭގެ ތެރެއިން، ފުރަތަމަ ޖާގަތައް މި ހޯދީ މި ވަގުތު އެންމެ ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އިބްރާހިމް ހުޖާން އާއި އައިޝަތު ނަހުފާ އެވެ.
ދެ ވަނަ ޖާގަތަކަށް ބަލާއިރު، ނާޒިމް ޖާގަ ހޯދީ، މުހައްމަދު މުންތަސިރު 2-0 އިން ބަލިކޮށްގެންނެވެ. ސެޓުތައް ދިޔައީ، 25-00، 18-17 އިންނެވެ. ފުރަތަމަ ސިލެކްޝަންގައި ނަހުފާ އަތުން ބަލިވި، ގައުމީ ޗެމްޕިއަން، އައިމިނަތު ވިދާދު އަތުން ރަޔާނާ މޮޅުވީ، 2-1 ސެޓުންނެވެ. ސެޓުތައް ދިޔައީ، 25-08، 07-23 އަދި 23-10 އިންނެވެ.
ސިލެޝަނުން ބާކީ ޖާގަތަކުގެ ފޯރި އަންނަނީ ގަދަވަމުންނެވެ.
މިދިޔަ އަހަރު، އެެމެރިކާގެ ކެލަފޯނިއާގައި ކުރިއަށްދިޔަ، ހަ ވަނަ ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. ފިރިހެން ގައުމީ ޓީމުން ޓީމް އިވެންޓްގައި ފުރަތަމަ ފަހަރަށް ކެރަމް ވޯލްޑް ކަޕެއްގައި މެޑަލެއް ހޯދިއިރު، އެ ޓީމުން ތިން ވަނަ ހޮވި މެޗުގައި ބައްދަލުކުރީ ސިންގަޕޫރާ އެވެ. އަންހެން ގައުމީ ޓީމުން ތިން ވަނަ ހޯދީ އެމެރިކާ ބަލިކޮށްފަ އެވެ.
ރާއްޖޭގައި 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓްގައި ކެރަމް ވޯލްޑް ކަޕް ހޯސްޓްކުރިތާ 11 އަހަރު ފަހުން މި ފަހަރުގެ ވޯލްޑް ކަޕް ބާއްވަން ފުރުސަތު ލިބި، ކުރު މުއްދަތެއްގެ ތެރޭގައި އެކަން މި ވަނީ ހަމަޖެހިގެން ގޮސްފަ އެވެ. ކެރަމް އެސޯސިއޭޝަންގެ މި ފަހަރުގެ ޓާގެޓަކީ އަމިއްލަ ފަސްގަނޑުގައި ކުޅޭ މުބާރާތުން ކުރިއަށް ވުރެން ރަނގަޅު ކާމިޔާބެއް ހޯދުމެވެ.
Comment