6 ސެޕްޓެންބަރު 2025 - 12:24 3
ލީވާން އަލީ ނާސިރު
6 ސެޕްޓެންބަރު 2025 - 12:24 3
އައްޑޫ ސިޓީ ފޭދޫ ޓާމިނޭޝަން ބޮކްސް ކަވާ ނައްޓައިގެން ކަރަންޓު ކޭބަލެއް ބުރިކުރަން އުޅެނިކޮށް މީހަކު ކަރަންޓުގައި ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ނިޝާޒާ އަބްދުﷲ އަދަދު އަށް ވިދާޅުވީ ކަރަންޓުގައި ޖެހިގެން ސެކަންޑް ޑިގްރީ ބާންއަށް ފަރުވާ ދެމުންދަނީ 33 އަހަރުގެ މީހަކަށް ކަމަށެވެ.
ޒަހަމްވި މީހާގެ ފުރާނައަށް ނުރައްކާ ނުވި ނަމަވެސް، ކަނާތާއި ވާތުފައި ފިހުމުން ޓެސްޓުތަކެއް ހަދަމުންދާ ކަމަށާއި އިތުރު ފަރުވާއަށް މާލެ ފޮނުވާނެތޯ ނިންމާނީ ޓެސްޓުތަކަށް ފަހު ކަމަށް ނިޝާޒާ ވިދާޅުވި އެވެ.
"އެއީ 33 އަހަރުގެ މީހެއް. ކަނާތާއި ވާތު ފައި ވަނީ ފިހިފައި. ސެކަންޑް ޑިގްރީ ބާންއެއް. ފުރާނައަކަށް ނުރައްކާ ނުވޭ. މާލެ ފޮނުވުމާމެދު ގޮތެއް ނިންމާނީ ޓެސްޓުތަކަށްފަހު،" އޭނާ ވިދާޅުވި އެވެ.
އައްޑޫއަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކައިން ބުނީ ޓާމިނޭޝަން ބޮކްސް ކަވާ ނައްޓައިގެން ޓާމިނޭޝަން ބުރިކުރުމުގެ ސަބަބުން ކޭބަލް ޝޯޓްވެ މުޅި ސެންޓްރަލް ޕަވާ ސްޓޭޝަނުން އެއްކޮށް ކަރަންޓު ކެނޑުނު ކަމަށެވެ. ސެންޓްރަލް ޕަވާ ސްޓޭޝަނަކީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ އިންޖީނުގެ އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ރޭ މެންދަމު ގަޑިއެއްހާ އިރަށް ކަރަންޓު ކެނޑުނެވެ. ކަރަންޓުގެ ހިދުމަތް އަލުންދިނީ ކޭބަލް މަރާމާތު ކުރުމަށްފަހު އެވެ.
އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލެއް ނުލިބި މިދިޔަ އަހަރުން ފެށިގެން އެ ސިޓީން ދަނީ ދޭތެރެދޭތެރެއިން ކަރަންޓު ކަނޑަމުންނެވެ. އެގޮތުން މިދިޔަ ރޯދަ މަހުގެ ވެސް ބޮޑުބައި އައްޑޫ ރައްޔިތުން ހޭދަކުރީ ކަނު އަނދިރީގަ އެވެ.
އެ މައްސަލަ ހައްލު ކުރުމަށް އެކި މަސައްކަތްތައް ކުރަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް މިއަދާ ހަމައަށް ވެސް މައްސަލަ އެއްކޮށް ހައްލު ނުވެ އެވެ. އަދި އެކަން އެގޮތަށް ދިމާވާ ސަބަބެއް ވެސް ފެނަކައިން މިހައިތަނަށް ހާމައެއް ނުކުރެ އެވެ.
އައްޑޫއަކީ މާލެ ނަގާފައި އެއް ސަރަހައްދެއްގައި އެންމެ ދިރިއުޅޭ އާބާދީ ބޮޑު ތަނެވެ. އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އެ ސިޓީގައި 25،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ.
Comment