Advertisement

ފެކްޓު ޗެކް: ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދޫކުރާއިރު މިހާރު ވެސް ރަށުގެ ބޮޑުމިނަށް ރިއާޔަތް ކުރޭ!

6 ސެޕްޓެންބަރު 2025 - 13:00 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް


ފެކްޓު ޗެކް: ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދޫކުރާއިރު މިހާރު ވެސް ރަށުގެ ބޮޑުމިނަށް ރިއާޔަތް ކުރޭ!

6 ސެޕްޓެންބަރު 2025 - 13:00 1

ރަށު ކައުންސިލުތަކަށް ބަޖެޓު ދޭ އިރު ރަށުގެ އާބާދީއަށް ބެލުމުގެ އިތުރުން ރަށުގެ ބޮޑު މިނަށް ބަލާފައި ބަޖެޓު ކަނޑައަޅާ ގޮތަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވީ ރޭގަ އެވެ.

އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓު ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ފިސްކަލް ފޯމިއުލާގައި ވާގޮތުން އާބާދީ ކުޑަ ރަށްރަށަށް ލިބޭ އަދަދު މަދު ކަމަށެވެ. ނަމަވެސް އާބާދީ މަދަސް، ބިމުގެ ގޮތުން ބޮޑެތި ރަށްރަށުގައި މުނިސިޕަލް ހިދުމަތްތައް މަދު ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެކަން ހައްލު ކުރުމަށްޓަކައި ފިސްކަލް ފޯމިއުލާ މުރާޖާ ކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތް ކުރެވޭ ގޮތަށް ބަދަލުކޮށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅާނީ އެ ބަދަލާއެކުގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެންކަމުން ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅުއްވާފައި ވާގޮތުން އެ ކައުންސިލްތަކަށް [އާބާދީ ކުޑަ، ބިމުގެ ގޮތުން ބޮޑު ރަށްރަށުގެ] ގެއްލުން ވާތީ ފިސްކަލް ފޯމިއުލާ މުރާޖާ ކުރުމުގައި ރަށުގެ ބޮޑު މިނަށް ރިއާޔަތް ކުރެވޭ ގޮތަށް ބަދަލުކޮށް 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާއެކު ހުށަހެޅުމަށް ވާނީ ނިންމާފައި،" މުއިއްޒު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދޭއިރު މިހާރު ވެސް ރަށުގެ ބޮޑު މިނަށް ބަލާ!

ސަރުކާރުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ފައިސާ ނުވަތަ ބްލޮކް ގްރާންޓަކީ ލާމަރުކަޒީ ގާނޫނުގެ 79 ވަނަ މާއްދާގެ ހ. ގެ ދަށުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއް ބޭނުން ކޮށްގެން ދޫކުރާ ފައިސާ އެކެވެ. ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް ދޭންޖެހޭ ފައިސާގެ އަދަދުތައް އޮންނަނީ ގާނޫނުގައި ވެސް ކަނޑައަޅައިފަ އެވެ.

އެގޮތުން ސަރުކާރުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނައި ބަޖެޓު ފާސްވުމުން ފާސްވި ބަޖެޓާ އެއްގޮތަށް ދައުލަތުގެ އެ އަހަރެއްގެ އާމްދަނީގެ ގޮތުގައި އަންދާޒާ ކުރާ މިންވަރުގެ މަދުވެގެން ފަސް ޕަސެންޓާ އެއްވަރުގެ އަދަދެއްގެ ފައިސާ ކައުންސިލްތަކަށް ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވެ އެވެ.

އަދި ކައުންސިލުތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ފަޅާއި ބިމާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 40 ޕަސެންޓަށްވާ ފައިސާ ކައުންސިލްތަކަށް ދޭން އެ ގާނޫނުން ލާޒިމު ކުރެ އެވެ.

އެ ފައިސާ ދޫކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން ފިސްކަލް ފޯމިއުލާ އެކުލަވައިލުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަން ވެސް ލާމަރުކަޒީ ގާނޫނުގެ 79 ވަނަ މާއްދާގެ ބ. ގައި ބަޔާން ކޮށްފައިވެ އެވެ. އޭގެތެރޭގައި ރަށުގެ ނުވަތަ ސިޓީ ކައުންސިލުގެ އާބާދީއަށާއި ރަށުގެ ބިމާއި ބަނދަރާއި ފަޅުން ބޭނުންހިފާ ސަރައްދަށް ރިއާޔަތް ކުރަންޖެހޭނެ ކަމަށް އެ އަކުރުގައި ސާފުކޮށް ބަޔާން ކޮށްފައިވެ އޮވެ އެވެ.

ލާމަރުކަޒީ ގާނޫނުގެ 79 ވަނަ މާއްދާގެ ބ.


(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިސްކަލް ފޯމިއުލާ މާލީ ކަންކަމާބެހޭ ވުޒާރާއިން ކަނޑައަޅާނީ އަންނަނިވި ކަންކަމަށް ރިއާޔަތްކޮށެވެ. (1) ރަށު ނުވަތަ ސިޓީ ކައުންސިލްގެ އާބާދީ؛ (2) ރަށުގެ ބިމާއި ބަނދަރާއި ފަޅުން ބޭނުން ހިފާ ސަރަހައްދު؛ (3) އިދާރީ ދާއިރާގައި ހިމެނޭ މީހުން އުޅޭ ރަށްރަށުގެ އަދަދު؛ (4) ކައުންސިލްތަކުން ހިންގާ ބަލަހައްޓާ ހިދުމަތްތައް ދިނުމަށާއި، ތަރައްގީގެ މަޝްރޫއުތަކަށް ކުރަންޖެހޭ ހަރަދު؛ (5) އިދާރީ ދާއިރާގެ މަރުކަޒީ ރަށްރަށާއި މުޅި ދާއިރާއަށް ނިސްބަތްވާގޮތަށް ހިދުމަތްތައް ގާއިމުކޮށްފައިވާ ރަށްރަށަށް، ދާއިރާގެ އެހެން ރަށްރަށުން ހުރި ދުރުމިން؛ (6) ކައުންސިލަށް ލިބޭ އާމްދަނީ؛ (7) ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ހައްގުތަކެއް ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 23 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިގްތިސާދީ އަދި އިޖްތިމާއީ ހައްގުތައް ރައްޔިތުންނަށް ހޯދައިދިނުމަށް ދައުލަތުން މަސައްކަތްކުރުމުގައި، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ހަމަހަމަވާ ގޮތެއްގައި ރައްޔިތުންނާ ހަމައަށް ތަރައްގީ ގެނެސްދިނުމުގެ އުސޫލުން، އެ ރަށަކަށް، އެ ސިޓީއަކަށް، އަދި އެ އިދާރީ ދާއިރާއަކަށް ލިބިދޭންޖެހޭ ތަރައްގީގެ ފުރުސަތު ލިބިދިނުން

އެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބްލޮކް ގްރާންޓު ފުރަތަމަ ދޫކުރަން ފެށީ 2020 ވަނަ އަހަރު އެވެ. އެ އަހަރު ކައުންސިލްތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީން އެކުލަވައިލި ފިސްކަލް ފޯމިއުލާގައި ވެސް ދެވަނައަށް އެންމެ ބޮޑު ބުރަދަނެއް ދީފައި ވަނީ ރަށުގެ ބޮޑު މިނަށެވެ.

އެގޮތުން 2020 ވަނަ އަހަރު ރަށު ކައުންސިލްތަކަށް ފައިސާ ދޫކުރިއިރު، ރަށުގެ ބޮޑު މިނަށް 10 ޕަސެންޓުގެ ބަރުދަނެއް ދީފައިވެ އެވެ. އޭގެފަހުން 2022 ވަނަ އަހަރާ ހަމައަށް ވެސް ފައިސާ ދޫކޮށްފައި ވަނީ ރަށުގެ ބޮޑު މިނަށް 10 ޕަސެންޓުގެ ބަރުދަނެއް ދީގެންނެވެ.

އޭގެފަހުން 2023 ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމައަށް ވެސް ރަށު ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދޫކުރަމުން އައިސްފައި ވަނީ ރަށުގެ ބޮޑު މިނަށް ހަތެއް ޕޮއިންޓް ފަސް ޕަސެންޓުގެ ބުރަދަނެއް ދީގެންނެވެ.

އަތޮޅު ކައުންސިލްތަކަށް 2020 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ނިޔަލަށް ވެސް ބްލޮކް ގްރާންޓު ދޫކުރަމުން އައިސްފައި ވަނީ ބިމުގެ ބޮޑު މިނަށް ފަސް ޕަސެންޓުގެ ބުރަދަނެއް ދީގެންނެވެ.

ސިޓީ ކައުންސިލްތަކަށް 2020 ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމައަށް ބްލޮކް ގްރާންޓު ދޫކޮށްފައި ވަނީ 2023 ވަނަ އަހަރު ފިޔަވައި ކޮންމެ އަހަރަކު ވެސް 15 ޕަސެންޓުގެ ބުރަދަނެއް ދީގެންނެވެ. 2023 ވަނަ އަހަރު ސިޓީ ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދޫކޮށްފައި ވަނީ 10 ޕަސެންޓުގެ ބުރަދަނެއް ދީގެންނެވެ.

މި އަހަރަށް ސަރުކާރުން ފާސްކުރި ބަޖެޓު ވެސް ފާސްކޮށްފައި ވަނީ މި ފޯމިއުލާއަށް ބަލައިގެންނެވެ. މި އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓު ފޮތުގެ 124 ވަނަ ސަފްހާގައި އެ މައުލޫމާތު ހިމަނާފައިވެ އެވެ.