Advertisement

މާލޭ ގޭންގެއްގެ ސޭފްހައުސްއަކުން ތޫނު ހަތިޔާރާއެކު ތިން މީހުން ހައްޔަރުކޮށްފި

6 ސެޕްޓެންބަރު 2025 - 10:17 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ތޫނު ހަތިޔާރާއެކު ފުލުހުން ހައްޔަރުކުރި ތިން މީހުން -- ފޮޓޯ: ފުލުހުން


މާލޭ ގޭންގެއްގެ ސޭފްހައުސްއަކުން ތޫނު ހަތިޔާރާއެކު ތިން މީހުން ހައްޔަރުކޮށްފި

6 ސެޕްޓެންބަރު 2025 - 10:17 1

މާލޭގައި ހަރަކާތްތެރިވާ ގޭންގަކުން ސޭފްހައުސްއެއްގެ ގޮތުގައި ބޭނުން ކުރަމުންދިޔަ ގެއެއް ބަލައި ފާސްކޮށް ތޫނު ހަތިޔާރާއެކު ތިން މީހުން ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ އަހުމަދު ނަވާޒު، 30، މއ. މޯނިންވިޔު އާއި އިބްރާހިމް ޒައިދާން، 22، މއ. މޯނިންވިޔު އަދި މުހައްމަދު ޝިދާދު، 22، ބަށިމާގެ، ލ. މާބައިދޫ ކަމަށެވެ. އެ މީހުން ހައްޔަރު ކުރީ މިދިޔަ ބުދަ ދުވަހު ހެންވޭރުގައި ހުންނަ ގެއެއް ބަލައި ފާސްކުރުމަށް ފަހު އެވެ.

ފުލުހުން ބުނީ އެ ގެ ބަލައި ފާސްކުރީ މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމުވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.

އެ ތިން މީހުންގެ ތެރެއިން ނަވާޒު 30 ދުވަހަށް އަދި ދެން ތިބި ދެ މީހުން 15 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ތިން މީހުން ވެސް ބަންދު ކުރުމަށް ކޯޓުން އަމުރުކުރީ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށް ފާސްކުރި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލު ކުރަން ފެށީ އޯގަސްޓު 25، ގަ އެވެ.

ފުލުހުންނަށް އެ ގާނޫނުން ލިބޭ ބާރުތަކުގެ ތެރޭގައި ކޯޓު އަމުރަކާ ނުލައި މީހުން ބަލައި ފާސްކުރުމާއި ހައްޔަރު ކުރުމާއި، އަމިއްލަ ތަނަކުން މީހަކު ހައްޔަރު ކުރުމަށް ފަހު އެ ތަނެއް ބަލައި ފާސްކުރުމުގެ ބާރު ހިމެނެ އެވެ.

އެ ގޮތުން ކޯޓު އަމުރަކާއި ނުލައި އެއްގަމު އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދުތައް ބަލައި ފާސްކުރުމާއި، އެ އުޅަނދެއްގައިވާ މީހެއްގެ ސާމްޕަލް ނެގުމުގެ ބާރު ވެސް ފުލުހުންނަށް ލިބެ އެވެ.

ގޭންގު ކުށްތައް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް އެ މީހުންގެ މުދާ ދައުލަތަށް ނެގޭނެ ހާލަތްތަކާއި އެފަދަ ކުށެއްގައި މީހަކު ހައްޔަރު ކުރާތާ 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލަކާ ބައްދަލު ކުރުމުގެ ހައްގުން މަހުރޫމު ކުރަން ވެސް ގާނޫނުން ބާރު ލިބެ އެވެ.