Advertisement

އިންގްލެންޑް ފުޓްބޯޅަ ޓީމަށް ކުޅޭ ފުރަތަމަ މުސްލިމް ކުޅުންތެރިއާގެ ޝަރަފް ސްޕެންސަށް

5 ސެޕްޓެންބަރު 2025 - 13:32 0


އިންގްލެންޑް ފުޓްބޯޅަ ޓީމަށް ކުޅޭ ފުރަތަމަ މުސްލިމް ކުޅުންތެރިއާގެ ޝަރަފް ސްޕެންސަށް

5 ސެޕްޓެންބަރު 2025 - 13:32 0

ލަންޑަން (ސެޕްޓެމްބަރު 5) - އިންގްލެންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑަށް އެރި ފުރަތަމަ މުސްލިމް ކުޅުންތެރިޔާގެ ޝަރަފް، ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ ފުލްބެކް، ޖެޑް ސްޕެންސް އަށް ލިބިއްޖެ އެވެ.

މި ސީޒަނުގައި، ޓޮޓެންހަމް އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްޕެންސް، 25، އަށް އިންގްލެންޑުން ވޯލްޑް ކަޕް ކޮލިފައިންގައި އެންޑޯރާ އާއި ސާބިއާއާ ކުޅޭ މެޗުތަކުގެ ސްކޮޑުން ފުރުސަތު ދިނުމުން އޭނާ އަށް މި ވަނީ އިނގިރޭސި ފުޓްބޯޅަ ތާރީހުން ހާއްސަ ޖާގައެއް ލިބިފަ އެވެ.

އިނގިރޭސި 21 އަހަރުން ދަށުގެ ޓީމަށް ހަ މެޗު ކުޅެދީފައިވާ ސްޕެންސް އަކީ، ޖެމެއިކާ އާއި ކެންޏާގެ ދަރިކޮޅަށް ނިސްބަތްވާ އިނގިރޭސި ރަށްވެހި އާއިލާ އަކަށް އުފަން ކުޅުންތެރިއެކެވެ. ކެންޏާ އާއި ޖެމެއިކާ އަށް ކުޅެން ލިބުނު ހުށަހެޅުން ދޫކޮށް ސްޕެންސް ނިންމީ އިންގްލެންޑް ތަމްސީލް ކުރާށެެވެ.


"އުންމީދު ވެސް ނުކޮށް ހުއްޓައި ލިބުނު ފުރުސަތެއް މިއީ. ދެން، ފުރުސަތު ލިބުނުއިރު ވެސް އަހަންނެއް ހިއެއް ނުކުރަން، މިއީ މިހާ ހާއްސަ ކަމެއް (ފުރަތަމަ މުސްލިމް ކުޅުންތެރިޔާ) ކަމަކަށް. ދެން، ބޭނުންވަނީ މި ފުރުސަތުގައި އަހަންނަށްޓަކައި އުފާކުރާ އެންމެނަށް ފަހުރުވެރިވާ ވަރުގެ ކަންތައްތަކެއް ކޮށްދޭން،" ސްޕެންސް ބުންޏެވެ.

މިދިޔަ ސީޒަނުގައި ޓޮޓެންހަމް އަށް ކޯޗުކޮށްދިން އަންގޭ ޕޮސްޓެކޮގްލޫ ވަނީ، ރޯދަ މަހު، ރޯދަ ހިފައިގެން ހުރެ، ބަރާބަރަށް ޓްރެއިނިންތަކުގައި ބައިވެރިވެ، ސްޕެންސްގެ ފަރާތުން ފެނުނު ޕްރޮފެޝަނަލިޒަމް އަށް ތައުރީފުކޮށްފަ އެވެ.

މިޑްލްސްބަރާ ދޫކޮށް، 2022 ވަނަ އަހަރު، 25 މިލިއަން ޑޮލަރުގެ ޕެކޭޖެއްގައި، ޓޮޓެންހަމް އަށް ބަދަލުވި ސްޕެންސް ވަނީ، އެ ޓީމުގައި އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅެން ވަރަށް ޗެލެންޖިން ކަމަށް ބުނެފަ އެވެ. އެކަމަކު، ޕޮސްޓެކޮގްލޫ އާއި މިހާރު ޓޮޓެންހަމާ ހަވާލުވެ ހުރި ކޯޗު، ތޯމަސް ފްރޭންކްއާ އެކު މަސައްކަތް ކުރަން ފަސޭހަ ކަމަށް ސްޕެންސް ވަނީ ބުނެފަ އެވެ.

ޓޮޓެންހަމް އަށް ސޮއިކުރި ފަހުން، ސްޕެންސް ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ރެން، އިޓަލީގެ ޖެނޯއާ އަދި ލީޑްސް ޔުނައިޓެޑަށް ކުޅެފަ އެވެ.

އިނގިރޭސި އެކިއެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތަކަށް އެކި ދަރިފަސްކޮޅުގެ މުސްލިމް ކުޅުންތެރިން އަންނަނީ ކުޅެމުންނެވެ. އެ ގޮތުން ކްރިކެޓަށް ބަލާއިރު އިންގްލެންޑް ޓީމަށް ޕާކިސްތާން ދަރިކޮޅުގެ، އާދިލް ރާޝިދު އާއި މޮއީން އަލީ އަންނަނީ ކުޅެމުންނެވެ.