5 ސެޕްޓެންބަރު 2025 - 11:39 0
5 ސެޕްޓެންބަރު 2025 - 11:39 0
އަންނަ ޑިސެމްބަރު މަހު ރާއްޖޭގައި ބާއްވާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ގައުމީ ސްކޮޑުގެ ސިލެކްޝަން މިހާރު ކުރިއަށްދާއިރު، ފުރަތަމަ ޖާގަތައް އިބްރާހިމް ހުޖާން އާއި އައިޝަތު ނަހުފާ ހޯދައިފި އެވެ.
އަންނަ ޑިސެމްބަރު މަހު 2-6 އަށް ބާސެލޯސް ނަަސަންދުރާގައި ކުރިއަށްދާ ކެރަމް ވޯލްޑް ކަޕަށް ގައުމީ ސްކޮޑު ފައިނަލް ކުރުމުގެ ސިލެކްޝަން މިހާރު ކުރިއަށްދާއިރު، 10 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާނެ އެވެ. އެއީ، އަންހެން ފަސް ކުޅުންތެރިންނާއި ފިރިހެން ފަސް ކުޅުންތެރިންނެވެ. އޭގެ ތެރެއިން، ފުރަތަމަ ޖާގަތައް މި ހޯދީ މި ވަގުތު އެންމެ ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ހުޖާން އާއި ނަހުފާ އެވެ.
ހުޖާން ވަނީ ގައުމީ ސިލެކްޝަނުގައި، 2-1 ސެޓުން، އިސްމާއިލް އަޒްމީން ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ، 00-25، 21-19 އަދި 21-20 އިންނެވެ. ހުޖާން ވަނީ މި އަހަރުގެ ގައުމީ ފައިނަލުގައި ވެސް އަޒްމީން ބަލިކޮށްފަ އެވެ. މި އަހަރުގެ ގައުމީ ސިލެކްޝަނުގައި، ހުޖާން އަދި ބަލިވެފައިނުވެ އެވެ.
ގައުމީ ކެރަމް ޓީމު އެކުލަވާލުމަށް އަހަރަކު ތިން ސިލެކްޝަން އޮވެ އެވެ. އެއީ ކޮންމެ ހަތަރު މަހަކުން ކުޅޭ ގޮތަށެވެ. އެ ގޮތުން، ހުޖާން ވަނީ މި އަހަރުގެ ފުރަތަމަ ދެ ސިލެކްޝަނުން ވެސް އެއް ވަނަ ހޯދައިފަ އެވެ.
މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި ރާއްޖެ ތަމްސީލްކުރާނެ ފުރަތަަމަ އަންހެން ކުޅުންތެރިޔާގެ ޖާގަ ނަހުފާ ހޯދީ ސިލެކްޝަނުގައި، ސީދާ ދެ ސެޓުން، އައިމިނަތު ވިދާދު ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ، 25-09، 25-04 އިންނެވެ. އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގައި ވިދާދު ވަނީ ސިންގަލްސް ފައިނަލުގައި 2-1 ސެޓުން ނަހުފާ ބަލިކޮށްފަ އެވެ. އެކަމަކު، ސިލެކްޝަނުގައި މި ފަހަރު ނަހުފާ މި ވަނީ ކުރިހޯދައިފަ އެވެ.
ރާއްޖޭގައި 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓްގައި ކެރަމް ވޯލްޑް ކަޕް ހޯސްޓްކުރިތާ 11 އަހަރު ފަހުން މި ފަހަރުގެ ވޯލްޑް ކަޕް ބާއްވަން ފުރުސަތު ލިބި، ކުރު މުއްދަތެއްގެ ތެރޭގައި އެކަން މި ވަނީ ހަމަޖެހިގެން ގޮސްފަ އެވެ. މިދިޔަ އަހަރު، އެެމެރިކާގެ ކެލަފޯނިއާގައި ކުރިއަށްދިޔަ، ހަ ވަނަ ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. ފިރިހެން ގައުމީ ޓީމުން ޓީމް އިވެންޓްގައި ފުރަތަމަ ފަހަރަށް ކެރަމް ވޯލްޑް ކަޕެއްގައި މެޑަލެއް ހޯދިއިރު، އެ ޓީމުން ތިން ވަނަ ހޮވި މެޗުގައި ބައްދަލުކުރީ ސިންގަޕޫރާ އެވެ. އަންހެން ގައުމީ ޓީމުން ތިން ވަނަ ހޯދީ އެމެރިކާ ބަލިކޮށްފަ އެވެ.
ކެރަމް އެސޯސިއޭޝަންގެ މި ފަހަރުގެ ޓާގެޓަކީ އަމިއްލަ ފަސްގަނޑުގައި ކުޅޭ މުބާރާތުން ކުރިއަށް ވުރެން ރަނގަޅު ކާމިޔާބެއް ހޯދުމެވެ.
Comment