އަމްސްޓެޑަމް، ނެދަލެންޑްސް (ސެޕްޓެމްބަރު 4) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާން މިއުނިކް އިން ލިވަޕޫލްގެ ލުއިސް ޑިއާޒް ގަތީ އެ ޓީމުގެ ފޯވާޑް، ކޯޑީ ގަކްޕޯ ހޯދަން ކުރި މަސައްކަތް ކާމިޔާބުނުވުމުން ކަމަށް ބުނެފި އެވެ.
ޑިއާޒް، 28، ހޯދަން ބަޔާނުން، ފުރަތަމަ ކުރި ދެ ބިޑް ވެސް ލިވަޕޫލުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެކަމަކު، އެންމެ ފަހުން ބަޔާނުން ކުރި 88 މިލިއަން ޑޮލަރުގެ ޑީލަށް ލިވަޕޫލުން ރުހުން ދިނީ، ޑިއާޒް ވެސް އެ ގޮތަށް ބޭނުންވާތީ އެވެ. ޑިއާޒް ވަނީ ބަޔާނާ އެކު، 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.
މީގެ ދެ އަހަރު ކުރިން، ހަ އަހަރުގެ ކޮންޓްރެކްޓެއްގައި، ޕީއެސްވީ އައިންދޯވަން ދޫކޮށް، ލިވަޕޫލަށް ގަކްޕޯ ސޮއިކުރީ 50 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. ގަކްޕޯ ވަނީ މީގެ ފަސް ދުވަސް ކުރިން، ލިވަޕޫލާ އެކު، 2028 އަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ.
މި ވަގުތު ނެދަލެންްޑްސް ޓީމާ އެކު ހުރި ގަކްޕޯ، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މި ފަހަރުގެ ޓްރާންސްފާގައި ބަޔާނުން އޭނާ އަށް ހުށަހެޅުންތަކެއް ލިބުނު ކަމަށާއި ޑިއާޒްއާ މަޝްވަރާ ކުރަން ފެށީ އޭގެ ފަހުން ކަމަށެވެ.
"ކްލަބެއްގެ ކޮންޓްރެކްޓެއްގައި ހުއްޓައި، އެހެން ކްލަބްތަކުގެ އޮފާތައް ލިބި، އޭގެ ވާހަކަތައް ދައްކައި، އެކަންކަމާ ކުރިމަތިލުމަކީ ބައެއް ފަހަރު ފަސޭހަ އަދި އަނެއްބައި ފަހަރު އުނދަގޫ ކަމެއް. ދެން، މީގެ އެ ކުޅުންތެރިއަކު އެކަންކަމާ ކުރިމަތިލާ ގޮތް މުހިންމީ،" ގަކްޕޯ ބުންޏެވެ.
ގަކްޕޯ ވަނީ މިދިޔަ ސީޒަނުގައި، 49 މެޗުން 18 ގޯލު ޖަހައި، ދެ ގޯލު ޖަހަން ފުރުސަތު ތަަނަވަސްކޮށްފަ އެވެ. މިދިޔަ ދެ ސީޒަނުގައި ވެސް ގަކްޕޯ ވަނީ ލިވަޕޫލްގައި، ލިބުނު ފުރުސަތުތަކުގައި ނިސްބަތުން މޮޅު ކުޅުމެއް ދައްކައިފަ އެވެ.
Comment