Advertisement

ޗައިނާއަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު ރާއްޖެ ވަޑައިގެންފި

4 ސެޕްޓެންބަރު 2025 - 20:16 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޗައިނާއަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު ރާއްޖެ ވަޑައިގެންފި

4 ސެޕްޓެންބަރު 2025 - 20:16 0

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރަށްފަހު ރައީސް މުހައްމަދު މުއިއްޒު އެނބުރި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ދަތުރުގެ ތެރެއިން މުއިއްޒު ވަނީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ވެސް ބައްދަލުކުރައްވާފަ އެވެ.

ސަމިޓުގެ ހަވާސާގައި ކުރިއަށް ގެންދިޔަ ބައިލެޓްރަލް ބައްދަލުވުންތަކުގެ ތެރެއިން ބައެއް ގައުމުތަކުގެ ވެރިންނާއި އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލުކުރެއްވި އެވެ.

އޭގެއިތުރުން ދަތުރުގެ ތެރެއިން ރާއްޖެ އާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭ 11 އެމްއޯޔޫތަކެއްގައި ސޮއިކުރި އެވެ.

މުއިއްޒު ވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާއަށް ލިބުނު ކާމިޔާބީއަށް 80 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހާއްސަ ޕެރޭޑުގައި ބައިވެރިވެވަޑައިގެންފަ އެވެ.

މިއީ މުއިއްޒު ވެރިކަމާ ހަވާލުވިފަހުން ޗައިނާއަށް ކުރެއްވި ދެވަނަ ރަސްމީ ދަތުރެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ޗައިނާ ގާތް ކުރުމަށްފަހު އިންޑިއާއާ ފެއަށް ދިޔުމަށެވެ. ޖެނުއަރީ، 2024، ގައި ޗައިނާއަށް ކުރެއްވި ދަތުރަށްފަހު އެނބުރި ވެރި ރަށް މާލެއަށް ވަޑައިގެން، އިންޑިއާއާ ދުރަށްޖެހުމުގެ މަގު ޗާޓެއް ވެސް މުއިއްޒު އިއުލާނު ކުރެއްވި އެވެ.

އޭގެ ފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އެކަމަކު އެ ދަނޑިވަޅުގައި ވެސް ޗައިނާއާއެކު އޮތް ގުޅުން ވަރުގަދައެއް ނުވި އެވެ. ޗައިނާއިން ހޯދަން ބޭނުންވި އެހީތަކެއް ވެސް އެއިރު ހަމަޖެހިފައެއްނުވެ އެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވުމާއެކު މުއިއްޒު ދެން ބެއްލެވީ އިންޑިއާއާއެކު އޮތް ގުޅުން ބަދަހި ކުރުމަށެވެ. ގުޅުން ބަދަހި ކުރުމަށްޓަކައި އޮކްޓޯބަރު، 2024، ގައި މުއިއްޒު އިންޑިއާއަށް ވެސް ވަޑައިގަތެވެ. އަދި ގުޅުން ބަދަހި ކުރުމުގެ އެގްރިމެންޓެއްގައި ވެސް އެ ދަތުރުގައި މުއިއްޒު ސޮއި ކުރެއްވި އެވެ.