Advertisement

މާލީ ބަޔާން ހުށަނާޅަނީ ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރުން

4 ސެޕްޓެންބަރު 2025 - 10:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުން: މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން މިދިޔަ މަހުގެ ނިޔަލަށް މާލީ ބަޔާންތައް ހުށަހަޅަން ޖެހޭ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މާލީ ބަޔާން ހުށަނާޅަނީ ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރުން

4 ސެޕްޓެންބަރު 2025 - 10:41 0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހަށް ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަނާޅަނީ ފަސް މެންބަރުންކަން އެނގިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މާލީ ބަޔާން ހުށަނާޅަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް, ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން އަދި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އެވެ.

މަޖިލީހުގައި 93 މެންބަރުން ތިބޭއިރު އޭގެ ތެރެއިން އިއްޔެ މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑުކުރީ 88 މެންބަރެއްގެ މާލީ ބަޔާނެވެ. ބާކީ ފަސް މެންބަރުންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑު ނުކުރަނީ އެ މާލީ ބަޔާންތައް މުއްދަތުގެ ތެރޭގައި ނުފޮނުވާތީ އެވެ.

މާލީ ބަޔާން ހާމަނުކުރާ ނިޒާރުގެ ވާހަކަ ނޫސްތަކުގައި ރިޕޯޓުކުރުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން އޭނާ ފޭސްބުކް އެކައުންޓުގައި ލިޔުއްވަމުން މައްސަލައަކަށް ނެންގެވީ މީޑިއާތަކުން މީގެ ކުރިން ނުދޭ ސަމާލުކަމެއް ދީގެން މެންބަރުންގެ މާލީ ބަޔާންތަކުގެ ވާހަކަތައް ރިޕޯޓުކުރުމެވެ.

"ދިވެހިރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާއްމުކުރި މިއީ ފުރަތަމަ ފަހަރެއް ނޫން. ރާއްޖޭގެ ބައެއް މީޑިއާތަކުން މީގެ ކުރިން ނުދޭހާ ބޮޑު ސަމާލުކަމެއް މިފަހަރުގެ މާލީބަޔާންތަކަށް މިދިނީ ކީއްވެތޯ ސުވާލުއުފެދޭ،" ނިޒާރު ލިޔުއްވާފައި ވެ އެވެ.

ނިޒާރު މި ގޮތަށް ތުހުމަތުކުރެއްވި ނަމަވެސް، މެންބަރުންނާއި ވަޒީރުންގެ މާލީ ބަޔާންތައް އާންމުކުރަން ފެށި ފަހުން މީޑިއާތަކުން އަބަދު ވެސް ހަބަރުތައް ގެނެސްދެ އެވެ. އަދި މާލީ ބަޔާން ހާމަނުކުރާ މެންބަރުންނާއި ވަޒީރުންގެ ހަބަރުތައް މީގެ ކުރިން ވެސް ގިނަ މީޑިއާތަކުގައި ޝާއިއުކޮށްފައި އެބަހުއްޓެވެ.

މަޖިލީހުގެ ގަވާއިދަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެސް، ހަމަޖެއްސީ އެއް އަހަރު ފަހުން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށެވެ. އަދި ނިންމީ ބަޔާން ދޭންޖެހޭނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު 31، ގެ ނިޔަލަށް ކަމަށެވެ.

މަޖިލީހުން އާންމުކޮށްފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ވަނީ އަހަރެއްގެ ތެރޭގައި ލިބުނު އާމުދަނީ އާއި ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާ އާއި އަމިއްލަ ނަމުގައި ހުރި ދަރަނި/ލޯނުތަކާއި އަމިއްލަ ނަމުގައި ހުރި މުދަލުގެ ތަފުސީލެވެ.

އެއްވެސް ކުންފުންޏެއްގައި ހިއްސާއެއް އޮތް ނަމަ އޭގެ ތަފުސީލާއި ނަގުދު ފައިސާގެ ގޮތުގައި ހުރި ފައިސާގެ އަދަދާއި ވިއްކާލާފައިވާ ބައެއް ކެޓަގަރީތަކުގެ މުދަލުގެ ތަފުސީލާއި އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ގޮތުގައި ބެލެވޭ އެއްވެސް އެއްޗެއްގެ ތަފުސީލު ވެސް ބަޔާންތަކުގައި ހިމަނަންޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންގެ މާލީ ބަޔާންތައް އައްޔަނުކޮށްފައިވާއިރު، ސަރުކާރުގެ ވެރިންގެ މާލީ ބަޔާނެއް މިހާތަނަށް ވެސް އާންމެއް ނުކުރެ އެވެ. ސަރުކާރުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރުން ގާނޫނަކުން ލާޒިމު ނުކުރި ނަމަވެސް މިދިޔަ ސަރުކާރުގައި ވެރިންގެ މާލީ ބަޔާންތައް ވަނީ ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.