Advertisement

ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކި ކުރަން ފަށައިފި

3 ސެޕްޓެންބަރު 2025 - 23:00 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގުޅީފަޅުން ގޯތި ދޫކުރާ ސަރަހައްދުގެ ބިން ސާފު ކުރުމުގެ މަސައްކަތް ކުރަނީ: މި މަސައްކަތް ކުރިއަށްދާ ވަރަކުން ގޯތިތައް ހަވާލުކުރަމުން ދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނި -- ފޮޓޯ: ހައުސިން މިނިސްޓްރީ


ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކި ކުރަން ފަށައިފި

3 ސެޕްޓެންބަރު 2025 - 23:00 0

ކުރީ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ދޫކުރި ގޯތިތަކުގެ އިން ވަކި ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގުޅީފަޅުން ގޯތި ދޫކުރާ ސަރަހައްދުގެ ބިން ސާފުކޮށް ގޯތިތަކުގެ އިން ވަކި ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ،" ހައުސިން މިނިސްޓްރީން ބުންޏެވެ.

ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކި ކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާއިރު، އެތަނުން ގޯތި ލިބުނު ބައެއް މީހުން އަދިވެސް ގޯތީގެ ރެޖިސްޓްރީއާ ހަވާލެއް ނުވެ އެވެ. އެ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދަނީ މިދިޔަ ސަރުކާރުން ހެދި އެއްބަސްވުމަށް މި ސަރުކާރުން ބަދަލު ގެނައި ކަމަށް ބުނެ އެވެ.

ބިންވެރިޔާ ސްކީމަށް ކުރީ ސަރުކާރުން ހެދި އުސޫލުގެ ދަށުން އެކުލަވާލި އެއްބަސްވުމަށް ބަދަލު ގެނެސް، މި ސަރުކާރުން އެކުލަވާލި އެއްބަސްވުމުގައި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ގޯތި ލިބޭ ފަރާތުގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، އެއްމެދު އިމާރާތެއް، ފްލެޓެއް، ސަރުކާރުން ދީފައިވާ ސޯޝަލް ހައުސިން އެއް ރަޖިސްޓަރީ ކޮށްފައިވާނަމަ އެ ގޯއްޗެއް ރަޖިސްޓަރީ ކުރެވިފައިވާ އެއްމެދު މިލްކުވެރިންނަށް ބަދަލަކާއި ނުލައި ދޫކޮށްލުން ވަނީ ހިމަނައިފަ އެވެ.

މީގެއިތުރުން ގޯތީގެ އިތުރުން އެއްމެދު މިލްކުވެރިޔަކު ނެތް ނަމަ ދައުލަތަށް ދޫކޮށްލުމަށް ގޯތި ލިބޭ ފަރާތުން އެއްބަސްވާ ކަމަށް ވަނީ ބަދަލު ގެނެސްފަ އެވެ.

އެމްޑީޕީ ސަރުކާރުން ހެދި އެއްބަސްވުމުގައި އޮންނަނީ މާލެ ސަރަހައްދުން އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވެހިކަމެއް ރަޖިސްޓްރީވެފައި ނެތުމުގެ އިތުރުން މާލެ ސަރަހައްދުން ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓްރީވެފައިވާނަމަ އެތަނެއް އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުމެވެ.

އެއްބަސްވުންތަކަށް މި ސަރުކާރުން ބަދަލު ގެނައީ ބިންވެެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް މިދިޔަ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ބިމާބެހޭ ގާނޫނުގެ މާއްދާއަކާ ހިލާފު ކަމަށް ބުނެ އެވެ. ނަމަވެސް ހަމައެކަނި ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުންތައް އިސްލާހު ގެނެސްގެން އެ މައްސަލަ ހައްލުވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ޖުލައި 9، ގައި ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ބުންޏެވެ.

"ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެއިން ލިބުނު ގިނަ ގޯތިތައް ހަވާލު ކުރެވި އިމާރާތްކުރުމުގެ މަސައްކަތް ފެށިފައި ވުމާއެކު، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް މި މިނިސްޓްރީން ނުދެކެމެވެ،" ހައުސިން މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

އެހެންކަމުން މިހާރު ނިންމާފައި ވަނީ މެއި 30، 2025 ގައި ނެގި ގުރުއަތާ އެއްގޮތަށް ގޯތިތައް ހަވާލު ކުރުމުގެ ގޮތުން، ހަމައެކަނި ގޯތީގެ އާ ރެޖިސްޓްރީ ނަންބަރާއި، ގޯތި އޮތް ތަން ބަޔާން ކޮށްދިނުމަށް ހިމަނާ ކޯޑިނޭޓްސްގެ އިތުރުން ގޯތީގެ ނަންބަރު ބަދަލުކޮށް، ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި ސޮއި ކުރުމަށް ކަމަށް އެ އިއުލާނުގައި ބުންޏެވެ.