Advertisement

އަސާސީ ބާވަތްތަކުގެ އިންފްލޭޝަން 1.9 ޕަސެންޓަށް އަރައިފި

3 ސެޕްޓެންބަރު 2025 - 19:24 0

އަމަން ހަލީމް

އަމަން ހަލީމް

ފިހާރައެއްގައި ވިއްކަން ހުރި މޭވާގެ ބާވަތްތައް: އެންމެ ބޮޑަށް އަގު އުފުލެމުން އަންނަނީ މޭވާގެ ބާވަތްތަކުން --- ފޮޓޯ: އަދަދު/އިމްތިޔާޒު މޫސާ


އަސާސީ ބާވަތްތަކުގެ އިންފްލޭޝަން 1.9 ޕަސެންޓަށް އަރައިފި

3 ސެޕްޓެންބަރު 2025 - 19:24 0

ކާބޯތަކެއްޗާއި ރީތިވާ ސާމާނުގެ އަގުތައް އުފުލެމުން ދިޔުމާ ގުޅިގެން އަސާސީ ބާވަތްތަކުގެ އިންފްލޭޝަން 1.9 ޕަސެންޓަށް އުފުލިއްޖެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން މިދިޔަ މަހު އާންމުކުރަން ފެށި އެސެންޝަލް ކޮމޯޑިޓީ ޕްރައިސް އިންޑެކްސް (އީސީޕީއައި) ގެ ދެވަނަ އަދަދުގައިވާ ގޮތުގައި އަހަރުންއަހަރަށް މި އިންޑެކްސްގައި ބަލާ އަސާސީ ބާވަތްތަކުގެ އިންފްލޭޝަން ހުރީ 1.9 ޕަސެންޓުގަ އެވެ. މަހުންމަހަށް ބަލާއިރު އަގުތައް އިތުރުވީ 1.1 ޕަސެންޓެވެ.

އީސީޕީއައިގައި ހިމަނާފައިވާ ބައިތަކުގެ ތެެރެއިން ކާނާގެ ބާވަތްތަކާއި ބުއިމުގެ ބާވަތްތަކާއި ރީތިވާން ގެންގުޅޭ ތަކެތީގެ އަގުތައް އުފުލުނުއިރު، އަގު ދަށްވީ ގޭހާއި އެހެނިހެން ހަކަތައިގެ ބާވަތްތަކުން އެކަންޏެވެ. އެންމެ ބޮޑަށް އަގު އުފުލުނީ ރީތިވާ ސާމާނުން (4.3 ޕަސެންޓު) އެވެ.

އަހަރުންއަހަރަށް ބަލާއިރު، ޖުމްލަކޮށް ކާނާގެ އަގު މައްޗަށް ދިޔަ ނަމަވެސް ތަރުކާރީގެ އަގުތައް ވަނީ 6.3 ޕަސެންޓު ދަށް ގޮސްފަ އެވެ. އެންމެ ބޮޑަށް އަގު އުފުލުނީ މޭވާގެ ބާވަތްތަކުން (10.2 ޕަސެންޓު) އެވެ.

ބުއިމުގެ ބާވަތްތަކަށް ބަލާއިރު ވޭތުވި އަހަރުގެ މުއްދަތުގެ ތެރޭގައި އެންމެ ބޮޑަށް އަގު އުފުލުނީ ކޮފީ އާއި ކޮފީ ވައްތަރު ބުއިންތައް (8.22 ޕަސެންޓު) އާއި މޭވާ އާއި ތަރުކާރީ ޖޫސްތަކުން (6.9 ޕަސެންޓު) އެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އީސީޕީއައި ޝާއިއުކުރަނީ އަސާސީ ބާވަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް އަވަހަށް ދެނެގަނެ، އެއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ މަގުފަހިކުރުމެވެ.

މިއީ ތަކެތީގެ އަގުތައް، ހާއްސަކޮށް ކާބޯތަކެތީގެ އަގުތައް، އުފުލެމުން ދާތީ އާންމުންގެ ޝަކުވާ ގިނަ ދުވަސްވަރެއްގައި ޝާއިއުކުރަން ފެށި އިންޑެކްސްއެކެވެ. އަގު އުފުލެމުންދާން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ޑޮލަރު ތާށިކަމާ ގުޅިގެން ޑޮލަރުގެ އަގު އުފުލި، މުދާ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމެވެ.

ޑޮލަރު ތާށިކަމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ބޭންކުތަކުން ވިޔަފާރިތަކަށް ލިބޭ ޑޮލަރު ސަޕޯޓު އިތުރުކޮށްފައިވީ ނަމަވެސް، އަދިވެސް ވިޔަފާރިވެރިން ގިނަ ޑޮލަރު ގަންނަން ޖެހެނީ ކަޅު ބާޒާރުން އަގު ބޮޑު ރޭޓުގަ އެވެ. ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބޭ އާންމު ރޭޓު ހުރީ 19.70ރ. އާއި 20.10ރ. އާ ދެމެދުގަ އެވެ.