Advertisement

ވޭތުވި 13 އަހަރުގެ ތެރޭގައި އަގުތައް އެންމެ ބޮޑަށް އުފުލުނު އަހަރަކީ މިދިޔަ އަހަރު

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ކޮންޓެއިނަރުތަކެއް: އިމްޕޯޓު މުދަލުން އަގު އުފުލުނީ ޑޮލަރުގެ އަގު ބޮޑުކަމުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ވޭތުވި 13 އަހަރުގެ ތެރޭގައި އަގުތައް އެންމެ ބޮޑަށް އުފުލުނު އަހަރަކީ މިދިޔަ އަހަރު

ވޭތުވި 13 އަހަރުގެ އިންފްލޭޝަން ރޭޓުތައް އަޅައިބަލާއިރު، އެންމެ ބޮޑު އިންސައްތައަކުން ތަކެއްޗާއީ ހިދުމަތުގެ އަގުތައް އުފުލުނު އަހަރަކީ މިދިޔަ އަހަރު ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ ސީޕިއައި އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

މިދިޔަ އަހަރު އިންފްލޭޝަން ހުރީ 4.04 ޕަސެންޓުގަ އެވެ. މިއީ 2011 އަދި 2012 ގައި އިންފްލޭޝަން ރޭޓު ޑަބަލް ޑިޖިޓުގައި ހުރުމަށް ފަހު އަގުތައް އެންމެ ބޮޑުވީ ފަހަރެވެ.

މާލެ އާއި އަތޮޅު ތެރޭގެ އިންފްލޭޝަން އަޅައިބަލައިއިރު، ބޮޑަށް އަގު އުފުލުނީ އަތޮޅުތަކުންނެވެ. މާލޭގައި އިންފްލޭޝަން 3.4 ޕަސެންޓުގައި ހުރިއިރު އަތޮޅު ތެރޭގައި އުޅެނީ 4.9 ޕަސެންޓުގަ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި އަގުތައް އެންމެ ބޮޑަށް އުފުލުނީ ދުންފަތާއި ދުފަން ގެންގުޅޭ ފޯކާއި ސުޕާރީ އާއި ކިއްލި ފަދަ ބާވަތްތަކުންނެވެ. އަހަރުންއަހަރަށް އެ ބާވަތްތަކުގެ އަގު ވަނީ 80 ޕަސެންޓަށް ވުރެ ބޮޑަށް އުފުލިފަ އެވެ. ޖުމްލަ އިންފްލޭޝަން އުފުލުނު އެންމެ ބޮޑު ސަބަބަކީ ވެސް ދުންފަތުގެ އަގަށް އައި އިތުރުވުމެވެ.

ދުންފަތުގެ އަގު އެހާ ބޮޑަށް އުފުލުނީ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމުމާ ގުޅިގެންނާއި އޭގެ ކުރީ އަހަރު ވޭޕު މަނާކުރަން ނިންމުމާ ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައި ދުންފަތުގެ ބާވަތްތަކަށް އޮތް ޑިމާންޑު އިތުރުވުމުން ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުންޏެވެ.

ދުންފަތް ނަގާފައި އެންމެ ބޮޑަށް އަގު އުފުލުނީ ރެސްޓޯރަންޓުތަކާއި އެކޮމޮޑޭޝަން ހިދުމަތްތަކުންނެވެ. މި ދާއިރާގެ އަގުތައް ވަނީ 5.5 ޕަސެންޓު އުފުލިފަ އެވެ. މި ދާއިރާގެ އަގުތަކަށް އައި ބަދަލެއް ވިއްޔާ އައީ ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފައިވެ އެވެ.

ރެސްޓޯރަންޓުތަކުގެ އަގުތައް އުފުލުނު އަނެއް ސަބަބަކީ ކާބޯތަކެތީގެ އަގު އުފުލުމެވެ. މިދިޔަ އަހަރު ކާބޯތަކެތީގެ އަގު 4.7 ޕަސެންޓު އުފުލުނެވެ. އެންމެ ބޮޑަށް އަގު އުފުލުނު ބާވަތްތަކުގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ މޭވާ އާއީ ތަރުކާރީގެ ބާވަތްތައް ވަރަށް ގިނަ އެވެ.

ކާބޯތަކެތީގެ އަގު އުފުލުނީ، ސްޓެޓިސްޓިކްސް ބިއުރޯއިން ބުނި ގޮތުގައި، އިމްޕޯޓަރުންނަށް ބޭރު ފައިސާ ލިބުން ދަތިވުމާއި، ދިވެހި ފައިސާގެ އަގު ދަަށަށް ގޮސް، ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމުންނެވެ.

ވޭތުވި އަހަރުތަކުގައި ފާހަގަވާ ޓްރެންޑާ އެއް ގޮތަށް މި އަހަރު ވެސް އެންމެ ބޮޑަށް އަގުތައް ދަށަށް ދިޔައީ މުވާސަލާތީ ހިދުމަތްތަކުންނެވެ. އެ ދާއިރާގެ އަގުތައް ވަނީ 4.6 ޕަސަންޓު ދަށް ވެފަ އެވެ.

ދުންފަތުގެ އަގު ބޮޑު ކުރުމާ ޑޮލަރު އަގާ ހުރެ ތަކެތީގެ އަގު އުފުލެން މެދުވެރިވީއިރު، ސަރުކާރުން ވަނީ ދުންފަތުގެ އަގާ ހުރެ އަގަށް އަންނަ ބަދަލަކާ މެދު ފަރުވާލެއް ނެތް ކަަމަށް ބުނެފަ އެވެ. ސަބަބަކީ، މި ބަދަލަކީ ސިއްހަތަށް ގެއްލުންދޭ ކަންތައްތަކުން ރައްޔިތުން ދުރުހެލި ކުރަން ސަރުކާރުން ގެންގުޅޭ އޮޕަރޭޝަނަލް އަމާޒަށް ވާސިލުވުމުގެ ގޮތުން ގެނައި ބަދަލަކަށް ވުމެވެ.

މިދިޔަ އަހަރު އިންފްލޭޝަން މި ވަރަށް މަތި ވިޔަސް، ދުންފަތުގެ އަގު ބޮޑުކުރުމުގެ ބޭސް އިފެކްޓުގެ އަސަރު ކެނޑި، މި އަހަރު އަނެއްކާ ވެސް އިންފްލޭޝަން ޕަސަންޓަކަށް ވެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެ އެވެ.