3 ސެޕްޓެންބަރު 2025 - 19:16 0
މުހައްމަދު ޝަހްޒާން
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަރީފް -- ފޮޓޯ: ރައީސް އޮފީސް
3 ސެޕްޓެންބަރު 2025 - 19:16 0
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރަން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ޗެއާޕާސަން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ، މުހައްމަދު ޝަރީފް މިއަދު އައްޔަނުކޮށްފި އެވެ.
އެސްޑީއެފްސީގެ ޗެއާޕާސަންގެ އިތުރުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށާއި ބޯޑަށް ވެސް މިއަދު ވަނީ ބޭފުޅުން އައްޔަނުކޮށްފަ އެވެ.
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށާއި ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކޮށްފައި ވަނީ ބީއެމްއެލްގެ ރީޓެއިލް އެންޑް އެސްއެމްއީގެ ޑިރެކްޓަރަކަށް ކުރިން ހުންނެވި ބަދުރުއްދީން ހަސަން އެވެ.
ބޯޑުގެ ނޮން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކޮށްފައި ވަނީ ބީއެމްއެލްގެ ހެޑް އޮފް ކާޑް ނެޓްވޯކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނަޝިޕްސް، ފާތިމަތު ފަރިހަތު ވަހީދު އެވެ.
މުޅީން ވަކިން ހިންގަމުންދިޔަ އެސްޑީއެފްސީ މިދިޔަ ޖުލައި މަހު ބީއެމްއެލްއިން ވަނީ ގަނެފަ އެވެ. ބީއެމްއެލްއިން އެސްޑީއެފްސީ ގަތީ، އެ ކުންފުނީގައި އޮންނަ ސަރުކާރުގެ ހިއްސާ ގަނެގެންނެވެ.
އެސްޑީއެފްސީ ބީއެމްއެލްއިން ގަންނައިރު، އެ ކުންފުނިން ދޫކޮށްފައިވާ ލޯނުތަކަށް ގަވައިދުން ފައިސާ ނުދައްކާ މައްސަލަ ބޮޑު ކަަމަށް އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ވަނީ ދައްކާފަ އެވެ. އެ ރިޕޯޓުގައި ބުނި ގޮތުގައި އެ ކުންފުނީގެ ދޫކޮށްފައިވާ 41 ޕަސެންޓު ލޯނަށް ފައިސާ ނުދައްކަ އެވެ.
ގަވާއިދުން ފައިސާ ނުދައްކާ ލޯނުތައް ގިނަ ނަމަވެސް، އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެ، މިދިޔަ އަހަރުގެ ތެރޭގައި ފުރަތަމަ ފަަހަރަށް ފައިދާއެއް ނެރެވިފައިވާ ކަމަށް އެ އޮޑިޓުން ދައްކަ އެވެ.
Comment