Advertisement

151 ނޫސްވެރިންގެ ސޮޔާއެކު ބިލު ބޭރުކޮށްލަން ގޮވާލައި މަޖިލީހާއި ރައީސް އޮފީހަށް ޕެޓިޝަނެއް

3 ސެޕްޓެންބަރު 2025 - 13:55 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ނޫސްވެރިންގެ ފަރާތުން ރައީސް އޮފީހަށް ޕެޓިޝަން ހުށަހަޅަނީ --- ފޮޓޯ: އަހްމަދު އިޔާދު


151 ނޫސްވެރިންގެ ސޮޔާއެކު ބިލު ބޭރުކޮށްލަން ގޮވާލައި މަޖިލީހާއި ރައީސް އޮފީހަށް ޕެޓިޝަނެއް

3 ސެޕްޓެންބަރު 2025 - 13:55 1

މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރު އަޑީގައި އޮވެ ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލް" ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނޫސްވެރިންގެ ފަރާތުން ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މި ޕެޓިޝަނުގައި ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ފްރީލާންސް ނޫސްވެރިން ވެސް ހިމެނެ އެވެ.

އެ ޕެޓިޝަން މަޖިލީހަށް ވައްދަން ސޮއިކުރީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ. ރައީސަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ އެ ބިލު މަޖިލީހުން ފާސްކުރި ނަމަވެސް ތަސްދީގު ނުކުރުމަށް ގޮވާލާފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރަމުން އަންނައިރު ނޫސްވެރިން ވަނީ އެ ކޮމިޓީއަށް ހާޒިރުވެ ބިލު ބޭރުކޮށްލަން އެދިފަ އެވެ. އެ ބިލުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ސެޕްޓެމްބަރު 15، އެވެ.

ބިލު ބޭރުކޮށްލަން ނޫސްވެރިން ގޮވާލާ ގޮވާލުމަށް ބީރު ކަންފަތެއް ދީ އެ ބިލު ބޭރުކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ އޮގަސްޓު 28، ގައި ވިދާޅުވެފަ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.

މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.

އެ ބިލު ބޭރުކޮށްލަން ރާއްޖޭގެ ނޫސްވެރިންނާއި ޖަމިއްޔާތަކުން އަދި ސިޔާސީ ޕާޓީތަކުން ދަނީ ގޮވާލަމުންނެވެ.