Advertisement

ބަޖެޓު އަރަނި ކަމަށް ދައްކަން ޕީއެސްއައިޕީ ބަޖެޓުގެ ބޮޑުބައެއްގައި އަތް ވެސް ނުލާ!

3 ސެޕްޓެންބަރު 2025 - 11:42 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރަށެއްގައި މުއިއްޒު އޭޓީއެމްއެއް ހުޅުވައިދެނީ: މި ސަރުކާރުން އެންމެ ގިނައިން އިފްތިތާހު ކުރީ އޭޓީއެމް --- ފޮޓޯ: ރައީސް އޮފީސް


ބަޖެޓު އަރަނި ކަމަށް ދައްކަން ޕީއެސްއައިޕީ ބަޖެޓުގެ ބޮޑުބައެއްގައި އަތް ވެސް ނުލާ!

3 ސެޕްޓެންބަރު 2025 - 11:42 1

ދައުލަތުގެ ބަޖެޓު އަރަނި ކަމަށް ދައްކަނީ ތަރައްގީގެ މަޝްރޫއުތަކަށް ބަޖެޓު ކުރި އަދަދުގެ ބޮޑުބައެއްގައި އަހަރުގެ ތިންވަނަ ކުއާޓަރު ނިމެންދާއިރު ވެސް އަތްނުލައި އޮތުމުންކަން ހާމަވެއްޖެ އެވެ.

ފިނޭންސުން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުގައި މި އަހަރުގެ 32 ވަނަ ހަފުތާގެ ނިޔަލަށް ޕީއެސްއައިޕީގައި ހިމެނޭ މަޝްރޫއުތަކަށް ހަރަދު ކުރީ 3.96 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަަށް ވުރެ 2.3 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.3 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު މިހާތަނަށް އެ ބަޖެޓުން ހޭދަކުރީ 32 ޕަސެންޓެވެ. ދައުލަތުގެ ބަޖެޓު އަރަނި ކަމަށް ބުނެ ސަރުކާރުން ވާހަކަތައް ފަތުރަމުންދާއިރު ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ ކަންކޮޅުތަކުގައި ނުހިނގާކަން ބަޖެޓުން ހޭދަކުރި އަދަދުތަކުން ސާފުވެ އެވެ.

ޕީއެސްއައިޕީގެ ދަށުން ހިންގާ މަޝްރޫއުތަކުގެ ދަށުން އެންމެ ބޮޑު ހަރަދެއް ކުރީ ދަތުރުފަތުރުގެ ދާއިރާގެ މަޝްރޫއުތަކަށެވެ. މި ދާއިރާގައި ހިމެނެނި އެއާޕޯޓާއި ބަނދަރާއި ބްރިޖުތަކެވެ. ދެން އެންމެ ބޮޑު ހަރަދެއް ހިނގީ ބިން ހިއްކުމަށާއި މަގު ހެދުމަށެވެ.

މި އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް ސަރުކާރުން ސިފަކުރި ނަމަވެސް، އެ ދާއިރާއިން އަހަރުގެ މިހާތަނަށް ހަރަދުކުރީ 124 މިލިއަން ރުފިޔާ އެވެ. އެ ބަޖެޓުގެ 93 ޕަސެންޓުގައި އަދި އަތްލާފައި ނުވެ އެވެ.

ތަރައްގީގެ ބަޖެޓު ޕާކުކޮށްގެން ސަރުކާރުން ބަޖެޓު ހިންގަމުން އަންނައިރު، މިއާއެކީ ބަޖެޓު އަންނަނީ ސާޕްލަސް ވަމުންނެވެ. އެ ގޮތުން ޕްރައިމަރީ ސާޕްލަސް 3.3 ބިލިއަން ރުފިޔާގައި ހުރިއިރު، އޮވަރޯލް ސާޕްލަސް ހުރީ 534 މިލިއަން ރުފިޔާގަ އެވެ.

ކެޕިޓަލް ހަރަަދުތައް ސަރުކާރުން މަޑުޖައްސާލާފައި ވަނީ، ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، މި އަހަރުގެ ދައްކަން ޖެހޭ ދަރަންޏާއި އެހެނިހެން ހަރަދުތައް ކުރުމަށް ފަސޭހައަކަށެވެ. ނަމަވެސް ބަޖެޓު ކުރި ގޮތަށް އެ ފައިސާ ހަރަދު ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.