Advertisement

ފުވައްމުލަކު އެއާޕޯޓު ހުއްޓި އެތައް ސަތޭކަ ބަޔަކަށް އަސަރު ކުރުމުން މޭޔަރު ކަންބޮޑުވުން ފާޅުކޮށްފި

2 ސެޕްޓެންބަރު 2025 - 22:15 1


ފުވައްމުލަކު އެއާޕޯޓު ހުއްޓި އެތައް ސަތޭކަ ބަޔަކަށް އަސަރު ކުރުމުން މޭޔަރު ކަންބޮޑުވުން ފާޅުކޮށްފި

2 ސެޕްޓެންބަރު 2025 - 22:15 1

ގާތްގަނޑަކަށް 14،000 އެއްހާ މީހުން ދިރިއުޅޭ ފުވައްމުލަކުގެ އެއާޕޯޓުގެ އޮޕަރޭޝަންސް ހުއްޓި، އެތައް ސަތޭކަ ބަޔަކަށް އޭގެ ސަބަބުން އަސަރު ކުރުމުން އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަން އިއްޔެ ހަވީރުގެ ވަގުތަކުން ފެށިގެން ހުއްޓުނީ އެއާޕޯޓުގައި އޮންނަ އަލިފާން ނިއްވާ އުޅަނދުގެ މައްސަލައެއް ޖެހިގެންނެވެ. ފަޔާ ޓްރަކެއް ނެތި އެއާޕޯޓު ހިންގުމަކީ ހުއްދަ ކަމެއް ނޫނެވެ.

ފުވައްމުލަކު މޭޔަރު ރަފީގު އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ބަލަންޖެހޭ މިންވަރަށް ބަލާ ނަމަ ދިމާނުވާނެ ފަދަ މައްސަލައެއް ދިމާވެގެން އެއާޕޯޓު ހުއްޓުނީތީ ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ދިމާނުވާނެ ގޮތަކަށް މަސައްކަތް ކުރުމަށް ސަރުކާރާއި އެއާޕޯޓު ހިންގާ އެމްއޭސީއެލްއާ ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިކަހަލަ ކަމެއް ދިމާނުވާނެ ގޮތަކަށް ކަންކަން ރާވައި، އެފަދަ ކަމެއް ކުރިމަގުގައި ދިމާނުވާނެކަން ޔަގީން ކުރަންޖެހޭ. އެއާޕޯޓު ކުންފުންޏާ ވެސް ސަރުކާރާ ވެސް އަޅުގަނޑުމެން ވާހަކަ ދައްކައިފިން،" ރަފީގް ވިދާޅުވި އެވެ. "ފަޔާ ޓްރަކަކީ ކުރިން ވެސް މައްސަލަ ޖެހިފައި ހުރި އުޅަނދެއް."

ފުވައްމުލަކު އެއާޕޯޓު އަދިވެސް އޮތީ ހުއްޓިފަ އެވެ. އެކަމަކު އައްޑޫ ސިޓީގެ ގަމުން ފަޔާ ޓްރަކެއް ގެނައުމުގެ މަސައްކަތް އެއާޕޯޓުން ދަނީ ކުރަމުންނެވެ. އެ ޓްރަކު ފުވައްމުލަކަށް އެރުވޭނީ ދަންވަރުގެ ވަގުތެއްގަ އެވެ. އެހެންކަމުން މާދަމާ ހެނދުނުން ފަށައިގެން އެއާޕޯޓު އޮޕަރޭޓު ކުރަން ފެށޭނެ ކަމަށް ބެލެވެ އެވެ.

"މިރޭ އެބަ މައްސަލަ ހައްލު ކުރޭ. ފަޔާ ޓްރަކެއް އެބަ ގެނޭ އައްޑޫ ސިޓީގެ ގަމުން. އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނުން ފަށައިގެން އެއާޕޯޓު އޮޕަރޭޝަނަށް ގެނެވޭނެ،" މޭޔަރު ވިދާޅުވި އެވެ.

ފުވައްމުލަކަށް މި ދުވަސްވަރު ވަރަށް ގިނަ އަދަދެއްގެ ގެސްޓުން އާދެ އެވެ. ދުވާލަކު އާންމުކޮށް ދެ ފްލައިޓު އެ ރަށަށް ދަތުރު ކުރާއިރު ކޮންމެ ފްލައިޓެއް ވެސް މިހާރު އޮންނަނީ ފުރިފައި ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ވަރަށް ބޮޑު ގެއްލުންތަކެއް ވަމުންދަނީ. ގެސްޓުންތަކަށް ވެސް ކަނެކްޓިން ފްލައިޓު ގެއްލިގެންދިޔަ. ބައެއް ގެސްޓްހައުސްތަކުން 12،14 ގެސްޓުންނަށް ފްލައިޓު މިސް ވި،" ރަފީގު ވިދާޅުވި އެވެ.

ފުވައްމުލަކަކީ އަރައިފޭބުން އުނދަގޫ ރަށެކެވެ. ރަށް އުފެދިފައިވާ ގޮތުން ދޯނިފަހަރުގައި ރަށާ ގާތް ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ފުވައްމުލަކުގައި ބަނދަރު ހެދި ފަހުން ވެސް، ރަށަށް އަރަން އުޅުނު އެތައް ބަޔަކު ހިތާމަވެރި އެކި ހާދިސާތަކުގައި ވަނީ ނިޔާވެފަ އެވެ. ފުވައްމުލަށް ހުޅުވިގެންދިޔައީ 2011 ވަނަ އަހަރު އެ ރަށުގެ އެއާޕޯޓު އިފުތިތާހު ކުރުމުންނެވެ.