2 ސެޕްޓެންބަރު 2025 - 20:29 0
2 ސެޕްޓެންބަރު 2025 - 20:29 0
މި އަހަރު ބާއްވާ، އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން އަށް ތައްޔާރުވާ، ފަލަސްތީނުގެ ޒުވާން ގައުމީ ޓީމުގެ ތަމްރީނު ހެދުމަށް ޓްރެއިނިން ކޭމްޕެއް ރާއްޖޭގައި ކުރިއަށްގެންދިއުމަށް، ދިވެހި ސަރުކާރުގެ އެއްބާރުލުމާ އެކު، އެފްއޭމް އިން ހަމަޖައްސައިދޭން ނިންމައިފި އެވެ.
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ މިއަދު، ފަލަސްތީނުގެ ޓްރެއިނިން ކޭމްޕާ ގުޅޭގޮތުން ބައްދަލުވުމެއް ބާއްވައިފަ އެވެ.
"މި ބައްދަލުކުރެއްވުމުގައި އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށްވަނީ ނިންމާފައި. އަދި އިންތިޒާމް ހަމަޖެއްސުމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައި. މިއީ ފަލަސްތީނާއި ރައްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެ، ކުޅިވަރުގެ ކަންކަމުގައި ފަލަސްތީނަށް އެހީވުމަށްޓަކައި ކުރެވޭ މުހިންމު ނިންމުމެއް،" ސްޕޯޓްސް މިނިސްޓްރީން، މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ލިޔެފައިވެ އެވެ.
އެ ޕޯސްޓް، އަމިއްލަ އެކައުންޓްގައި، ހިއްސާކޮށް، ތޯރިގު ވިދާޅުވީ، ފަލަސްތީނުގެ ޓީމުން ރާއްޖޭގައި ކޭމްޕް ކުރުމަށްޓަކައި ސަރުކާރުން އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.
ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމް އިން ބޭއްވި ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
"ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕްކުރުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަންވަނީ ލިބިގެންގޮސްފައި. ވުމާއެކު، ފަލަސްތީނުގެ ޒުވާންޓީމާއި ރާއްޖޭގެ ޒުވާން ޓީމާއި ދެމެދު 12 އަދި 14 ނޮވެންބަރުގައި އެކުވެރި ކަމުގެ ދެ މެޗް ކުޅެވިގެންދާނެ. އިންޝާަﷲ" ތޯރިގު ލިޔުއްވާފައިވެ އެވެ.
އިޒްރޭލުން ފަލަސްތީނަށް އަރާ ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ޓީމުތަކަށް އެ ގައުމުގައި ޓްރެއިނިން އާއި މެޗުތައް ކުރިއަށްނުގެންދެވޭތީ، އެކަންކަން ކުރަމުން އަންނަނީ ފަލަަސްތީން ފުޓްބޯޅަ އެސޯސިއޭޝަނުން އެދިގެން، އެކި ގައުމުތަކުގަ އެވެ. އެ ގޮތުން، ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަނުން މި ފަހަރު އެހީތެރިކަމަށް އެދިފައި މި ވަނީ ރާއްޖޭގެ ކިބައިންނެވެ. އެ ގޮތުން، ފަލަސްތީންގެ އެދުމަށް އިޖާބަދީ މި ކަން ހަމަޖައްސައިދޭން، އެފްއޭއެމުން ދިވެހި ސަރުކާރުގެ ސަރުކާރުގެ އެހީތެރިކަމަށް އެދެން ނިންމީ އެވެ.
އެފްއޭއެމް އިން ވަނީ ފަލަސްތީނުގެ މި ޓްރެއިނިން ކޭމްޕްގެ ކަންކަން ހަމަޖެއްސުމަށް ސްޕޮންސަރުން ހޯދުމުގެ ކަންކަން ވެސް ފަށަން ނިންމައިފަ އެވެ.
ފަލަސްތީނުގެ ސީނިއާ ފުޓްބޯޅަ ޓީމު ވަނީ 2014 ވަނަ އަހަރު ރާއްޖޭގައި އޮތް އޭއެފްސީ ޗެލެންޖް ކަޕްގައި ވާދަކޮށްފަ އެވެ. އެ ފަހަރު ވެސް ދިވެހި ގިނަ ސަޕޯޓަރުން ފަލަސްތީނަށް ސަޕޯޓްކުރި އެވެ.
Comment