2 ސެޕްޓެންބަރު 2025 - 08:33 0
ފަލަސްތީނުގެ ރައްޔިތަކު ގާޒާގައި: އިޒްރޭލުން ދަނީ ލާއިންސާނީ އެތައް އަމަލެއް ގާޒާގައި ހިންގަމުން -- ފޮޓޯ: އޭއޭ/ ތުރުކީ
2 ސެޕްޓެންބަރު 2025 - 08:33 0
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ޖަރީމާތައް ނަސްލުހޭދު ކުރުމުގެ ގާނޫނީ މިންގަނޑަށް ވެސް ފެތޭ ކަމަށް ޖެނޮސައިޑްއާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާއިން ކަނޑައަޅައިފި އެވެ.
ދަ އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ ޖެނޮސައިޑް ސްކޮލާސް އިން ނެރުނު ގަރާރެއްގައި ބުނީ، އިޒްރޭލުން ދަނީ ރޭވުންތެރިކަމާއެކު އިންސާނިއްޔަތާ ހިލާފު އެތައް އަމަލެއް ފަލަސްތީނުގައި ހިންގަމުން ކަމަށެވެ.
"އިޒްރޭލުގެ ސަރުކާރުން ދަނީ ރޭވިގެން، ފުޅާ ދާއިރާއެއްގައި އިންސާނިއްޔަތާ ހިލާފު އެތައް އަމަލެއް ހިންގަމުން. އޭގެ ތެރޭގައި ގަސްތުގައި މަދަނީން މެރުމާއި ހޮސްޕިޓަލާއި ގެތައް ހިމެނޭ ގޮތަށް މަދަނީންގެ އިމާރާތްތައް ބިމާ ހަމަކުރުން ހިމެނޭ،" އެ ގަރާރުގައި ބުނެފައިވެ އެވެ.
އެ ޖަމިއްޔާއިން ވަނީ އިޒްރޭލުން ފުޅާ ދާއިރާއެއްގައ ހިންގާ ލާއިންސާނީ ބައެއް އަމަލުތައް ގަރާރުގައި ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި، ފަލަސްތީނުގެ ރައްޔިތުން ބަނޑަށް ޖެއްސުމާއި ޓޯޗާ ކުރުމާއި ޑޮކްޓަރުންނަށް ހަމަލާ ދިނުމާއި އެއިޑުގެ މަސައްކަތް ކުރާ މީހުންނާއި ނޫސްވެރިން މެރުމާއި ހައިހޫނުކަން ތައާރަފު ކުރުމާއި ބޭހަށް ދަތި ކުރުން ހިމެނެ އެވެ.
ގާޒާގެ އާބާދީގެ 2.3 މިލިއަން މީހުން އެ ބިމުން ނެރެފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަ ކުރެ އެވެ. އަދި ގާޒާގެ އިންފްރާސްޓްރަކްޗާގެ 90 ޕަސެންޓު އިޒްރޭލުން ނެތިކޮށްލާފައިވާ ކަމަށް ވެސް ޖަމިއްޔާއިން ބުނެ އެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ހޮސްޕިޓަލްތަކާއި ލައިބްރަރީތަކާއި އަރުޝީފުގެ އެތައް އިމާރާތެއް ހިމެނެ އެވެ.
އޮކްޓޯބަރު 7، 2023، އިން ފެށިގެން އިޒްރޭލުން ވަނީ ފަލަސްތީނުގެ 100،000 އާ ގާތް ކުރާ އަދަދެއްގެ މީހުން މަރައިފަ އެވެ. މަރާލި ކުޑަކުދިންގެ އަދަދު 50،000 އަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 150،000 އަށް ވުރެ މަތިވާނެ ކަމަށް ވެސް ބެލެވެ އެވެ.
ދަ އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ ޖެނޮސައިޑް ސްކޮލާސް އަކީ 1994 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. ޖަމިއްޔާގެ ބޭނުމަކީ ދުނިޔޭގައި ހިންގާ ނަސްލުހޭދު ކުރުމުގެ މައްސަލަތައް ބަލައި ދިރާސާ ކުރުމެވެ.
Comment