Advertisement

ނިއުކާސަލް އިން ގޮތްދޫކޮށް ލިވަޕޫލަށް އިސާކް ވިއްކާލަން ނިންމައިފި

1 ސެޕްޓެންބަރު 2025 - 08:16 0


ނިއުކާސަލް އިން ގޮތްދޫކޮށް ލިވަޕޫލަށް އިސާކް ވިއްކާލަން ނިންމައިފި

1 ސެޕްޓެންބަރު 2025 - 08:16 0

ނިއުކާސަލް (ސެޕްޓެމްބަރު 1) - ނިއުކާސަލް ޔުނައިޓެޑުން އެންމެ ފަހުން ގޮތް ދޫކޮށް އެ ކްލަބަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް، އަލެކްސަންޑަ އިސާކް، ލިވަޕޫލަށް ވިއްކާލަން ނިންމައިފި އެވެ.

ނިއުކާސަލް ދޫކޮށްލަން ބޭނުންވާކަން އިސާކް، 25، ވަނީ އެ ކްލަބަށް އަންގައިފަ އެވެ. އެކަމަކު، އިސާކް ގަންނަން ލިވަޕޫލުން ކުރި ދެ ބިޑް ވެސް ވަނީ އަނބުރާ ފޮނުވާލައިފަ އެެވެ.

އޭގެ ފަހުން، އިސާކް ވަނީ ނިއުކާސަލްގެ ޓްރެއިނިންތަކާއި ޓީމުގެ މެޗުތަކުގައި ނުކުޅެން ނިންމައި، އެކަން އެ ކްލަބްގެ މެނޭޖްމަންޓަށް ވެސް އަންގައިފަ އެވެ. އަދި، ދާދި ފަހުން، ނިއުކާސަލްގެ ސީނިއާ މެނޭޖްމަންޓުން އިސާކްއާ ބައްދަލުކުރުމުން ވެސް އޭނާ ވަނީ ނިންމުން ބަދަލުނުކުރާނެ ކަމަށާއި ލީގު ޗެމްޕިއަން، ލިވަޕޫލާ ގުޅެން ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ. ނިއުކާސަލާ އެކު، އިސާކް ހަދާފައި އޮތް އެއްބަސްވުމުގައި ބާކީ ތިން އަހަރު އެބައޮތެވެ.

ނިއުކާސަލް އިން ސްޓުޓްގާޓަށް ކުޅޭ ޖަރުމަނުގެ ފޯވާޑް، ނިކް ވޯލްޓްމޭޑް، ނިއުކާސަލް އަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިފައިވާއިރު، އެ ޑީލް ފުރިހަމަވުމުން، ނިއުކާސަލް އިން މި ވަނީ އިސާކް ދޫކޮށްލަން އެއްބަސްވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ނިއުކާސަލުން ލިވަޕޫލަށް އިސާކް ވިއްކާލަން އެއްބަސްވީ، 160 މިލިއަން ޑޮލަރަށެވެ. ނިއުކާސަލް އިން އިސާކް ވިއްކާނެ ކަމަށް އެންމެ ފުރަތަމަ ބުނީ 190 މިިލިއަން ޑޮލަރަށް ނަމަވެސް، އެންމެ ފަހުން އެ އަށް ވުރެ ކުޑަ އަގަކަށް މި ޑީލް ކުރިއަށްގެންދަން އެއްބަސްވީ އެވެ. އިސާކްގެ ޑީލް ލިވަޕޫލުން ކުރިއަށްގެންގޮސް ނިންމާލައިފިނަމަ، މި ފަހަރު އެ ޓީމުން ކުޅުންތެރިން ގަންނަން ކުރި ހަރަދު 500 މިލިއަން ޑޮލަރަށް ވުރެން އިތުރުވާނެ އެވެ.

ނިއުކާސަލް އިން މީގެ ތިން އަހަރު ކުރިން، 80 މިލިއަން ޑޮލަރު ދީފައި، ރެއާލް ސޮސިއެޑާޑުން ގަތް އިސާކް، ވަނީ ނިއުކާސަލް އަށް ކުޅެދިން 109 މެޗުން 62 ލަނޑު ޖަހައި، 11 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.