Advertisement

އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑު ދޭން ފަށަނީ

30 އޮގަސްޓު 2025 - 11:12 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޓީސީސީގެ އިންޖިނޭރުންތަކެއް މަސައްކަތުގައި -- ފޮޓޯ: އެމްޓީސީސީ


އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑު ދޭން ފަށަނީ

30 އޮގަސްޓު 2025 - 11:12 1

އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑު ސަރުކާރުން ދޭން ފަށާނެކަން އިއުލާންކޮށްފި އެވެ.

އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ހިތާބުގައި ވިދާޅުވީ އިންޖިނޭރުން ގައުމަށް ކޮށްދޭ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން ގައުމީ އެވޯޑު ސަރުކާރުން ދޭން ފަށާނެ ކަމަށެވެ.

އިންޖިނޭރުންގެ އިލްމީ ދިރާސާތަކަށް ފުރުސަތު ފަހިކޮށްދީ، އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ ތަމްރީނު ދިނުމަށް ސަރުކާރުންދޭ ސަމާލުކަން އިތުރުކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ 2040 ވަނަ އަހަރަށް ދާއިރު ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި އާއި، ޑިޖިޓަލް ރާއްޖެއްގެ އަމާޒަށް ވާސިލުވުމަށާއި، އިއާދަކުރަނިވި ހަކަތައިގެ ރޮނގުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެކި ދާއިރާތަކުގެ އިންޖިނޭރުންގެ އިލްމާއި، ތަޖްރިބާ އާއި، އެހީތެރިކަމަށް ގައުމު އޮތީ ބޭނުންވެފައި ކަމަށެވެ.

"އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު 33 އިންސައްތައަށް އިތުރުކުރުމަށް ހިންގާ މަޝްރޫއު ފަދަ ހުރިހާ ކަމެއްގައި ވެސް މި ދެންނެވި އެކި ދާއިރާތަކުގެ އިންޖިނޭރުންގެ ޢިލްމާއި، ތަޖްރިބާ އާއި، އެހީތެރިކަމަށް ނުހަނު ބޮޑަށް ގައުމު ބޭނުންވޭ،" މުއިއްޒު ދެއްވި ހިތާބުގައި ވިދާޅުވި އެވެ.

"ދިވެހިރާއްޖެއަށް ލިބިފައިވާ ހާއްސަ ސިފަތަކާއެކު، ރަށްވެހިކަމާއި ތަމައްދުންގެ ޒަމާނީ ކުރިބޯށިތަކާ ހަމަޔަށް ދެވޭނީ، ދިވެހި އިންޖިނޭރުންގެ ވިސްނުމާއި ރޭވުންތެރިކަމުން މަގުދައްކައިދީގެން،"

މި އަހަރުން ފެށިގެން އޮގަސްޓް 30، އަކީ ގައުމީ ފެންވަރުގައި ރާއްޖެއިން ފާހަގަކުރާ އިންޖިނޭރުންގެ ދުވަސް ކަމުގައި މުއިއްޒު ހަމަޖެއްސެވީ މިދިޔަ ޖޫން 15، ގަ އެވެ.

އޮގަސްޓް 30، އަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ އިންޖިނޭރުންގެ ދުވަސް ކަމަށް މުއިއްޒު ކަނޑައެޅުއްވީ އެ ދުވަހަކީ ސިނަމާލެ ބްރިޖް އިފްތިތާހު ކުރެވުނު ދުވަސް ކަމުގައިވާތީ އެވެ. ސިނަމާލެ ބްރިޖް އިފްތިތާހުކުރިތާ މިއަދަށް ހަތް އަހަރު ވަނީ ވެފަ އެވެ.