30 އޮގަސްޓު 2025 - 10:26 0
ލީވާން އަލީ ނާސިރު
އެމްޔޫ މަނިކު: އެމަނިކުފާނު އަވަހާރަވުމުން ގިނަ ބަޔަކު ދަނީ ތައުޒިޔާ ވިދާޅުވަމުން -- ފޮޓޯ: އަދަދު ފައިލް
30 އޮގަސްޓު 2025 - 10:26 0
ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ، ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވާހަރަވުމާ ގުޅިގެން އެތައް ބަޔަކު ތައުޒިޔާ ވިދާޅުވާން ފަށައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑު އެއް ކުންފުނި ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަން، އެމްޔޫ މަނިކު އުމުރުފުޅުން 78 އަހަރުގައި އަވަހާރަަވީ ސިއްހީ ހާލުކޮޅު ގޯސްވެގެން ޖުލައި މަހު ފަހުކޮޅު ސިންގަޕޫރަށް ގެންގޮސް، މައުންޓު އެލިޒަބަތު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ. ސިންގަޕޫރުގައި ހުންނެވި އެމްޔޫ މަނިކުގެ އަރިސް ބޭފުޅަކު ވިދާޅުވީ އެ މަނިކުފާނުގެ ޖަނާޒާ އޮންނާނީ ސިންގަޕޫރުގައި ކަމަށާއި ޣައިބަށް ކަށުނަމާދު ކުރުން މިއަދުގެ އަސުރު ނަމާދަށް ފަހު މާލޭ އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ.
އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްގީވެ ކުރިއަރައި ދިޔުމުގައި އެމްޔޫ މަނިކް ކުރައްވާފައިވަނީ، ތައުރީފް ހައްގު މަސައްކަތްތަކެއް ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސް ގައި ވިދާޅުވީ މިއަދު ރާއްޖެ މިގޮތުގައި ބައްޓަންކޮށް ބިނާކުރުމުގައި އެންމެ ބޮޑު ހިއްސާދާރަކީ އެމްޔޫ މަނިކު ކަމަށާއި އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކްސް ގައި ވިދާޅުވީ އެމްޔޫ މަނިކަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ ހިދުމަތްތަކެއް ކުރެއްވުމުގެ އިތުރުން ދިވެހި ދައުލަތަށްވެސް 19 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ހިދުމަތް ތެރިއެއް ކަމަށެވެ.
މީގެ އިތުރުން އިޖްތިމާއީ ދާއިރާއިންވެސް ގައުމަށް ނުހަނު ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދެވި އެމްޔޫ މަނިކަކީ ސިއްހީ ދާއިރާ އަށާއި ތައުލީމީ ދާއިރާއަށް، މަތީތައުލީމުގެ ފުރުސަތު ފަހިކޮށް މީހުން ބިނާކުރުމަށް ވަރަށް ގިނަބަޔަކަށް ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ބޭފުޅެއްކަން ސޯލިހު ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކްސް ގައި ވިދާޅުވީ އެމްޔޫ މަނިކުގެ ވިޝަނަރީ ވިސްނުންފުޅާއި ތަސައްވުރަކީ، ރާއްޖޭގައި ކުރިން އޮތް ނިކަމެތި އިގުތިސާދު ތަނަވަސް އިގުތިސާދަކަށް ބަދަލުވެ، އޭގެ ފަހުން އައި ޖީލުތަކަށް ފުރުސަތުތައް ފަހިކޮށްދިން ތަސައްވުރެއް ކަމަށެވެ.
މާމިގިލި ދާއިރާގެ މަޖިލިސް މެންބަރު އަދި ޓޫރިޒަމް ވިޔަފާރިވެރިޔާ އަދި އެކުގައި ބައެއް ވިޔަފާރިތައް ވެސް ހިންގެވި ގާސިމް އިބްރާހިމް އެކްސްގައި ވިދާޅުވި އެމްޔޫ މަނިކަނީ ވިޔަފާރީގައި އިންތިހާއަށް ފަރުވާތެރި ނަމޫނާ ވިޔަފާރިވެރިއެއް އަދި އެކުގައި މަސައްކަތް ކުރެއްވި ގާތް އެކުވެރިއެއް ކަމަށެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އެކްސްގައި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް ފެށުނީއްސުރެ ގިނަ ކުރިއެރުންތަކެއް ހޯދައިދީފައިވާ އެމްޔޫ މަނިކް ވަކިވެދިޔުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ.
Comment