Advertisement

ސިއްހީ މަރުކަޒުތަކަށް ވެސް ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަންކުރަނީ

30 އޮގަސްޓު 2025 - 09:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުހައްމަދު މުއިއްޒު: އެމަނިކުފާނު ގެންދަވަނީ ސިއްހީ މަރުކަޒުތަކަށް ވެސް ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަންކުރަމުން --- ފޮޓޯ: ރައީސް އޮފީސްް


ސިއްހީ މަރުކަޒުތަކަށް ވެސް ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަންކުރަނީ

30 އޮގަސްޓު 2025 - 09:57 0

ރަށްރަށުގައި ސިއްހީ ހިދުމަތްތައް ދޭން ހުންނަ ސިއްހީ މަރުކަޒުތަކަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިއްހީ މަރުކަޒުތަކަށް އައްޔަން ކުރަމުން ދަނީ ޕޮލިޓިކަލް ޑިރެކްޓަރުން ފެންވަރުގެ ސިޔާސީ މަގާމުތަކެވެ. އެގޮތުން އޮގަސްޓު 28، ގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ހދ. ނޭކުރެންދޫގައި ހުންނަ ސިއްހީ މަރުކަޒަށް ޕޮލިޓިކަލް ޑިރެކްޓަރަކު އައްޔަންކޮށްފަ އެވެ.

އެކި ގޮތްގޮތަށް ސަރުކާރުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފުސީލުތަކުން އެނގޭ ގޮތުގައި ޕޮލިޓިކަލް ޑިރެކްޓަރަކަށް މުސާރަ އާއި އިނާޔަތްތައް ހިމެނޭހެން މަހަކު 20,500ރ. ލިބޭނެ އެވެ. އެއީ އަހަރެއްގެ މައްޗަށް 246،000ރ. އެވެ.

ސަރުކާރުން ޖުލައި 16، ގައި ބުނި ގޮތުގައި ސަރުކާރުގައި މި ވަގުތު ތިބީ ޖުމުލަ 922 ސިޔާސީ މުވައްޒަފުން ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ދަނީ އެއީ ރަނގަޅު އަދަދެއް ނޫން ކަމަށް ބުނަމުންނެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގެ މުވައްޒަފުންނެއް ވެސް ނުހިމެނެ އެވެ.

ސިޔާސީ މުވައްޒަފުންގެ ތެރެއިން 228 މުވައްޒަފުން ވަކިކުރައްވާނެ ކަމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު 15 ގައި ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. ވަކި ކުރައްވާނީ 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 69 ޕޮލިޓިކަލް ޑިރެކްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި ހަތް ސްޓޭޓް މިނިސްޓަރުން ވިދާޅުވި އެވެ.

ތަރުޖަމާނު ހީނާ ވިދާޅުވެފައި ވަނީ އޮކްޓޯބަރު 31، 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަކިކުރީ ކޮން ބައެއްކަން ހާމަ ނުކުރެ އެވެ.

އިގުތިސޯދީ ހާލަތު ގޯސްވުމުގެ ފަހަތުގައި ކުރީ ސަރުކާރުގެ މަތިބަރު ކަމަށް މި ސަރުކާރުން ބުނެފައި ވިޔަސް، މި ސަރުކާރުން ވަނީ މަތިބަރުކޮށް މުސާރައަށް ހޭދަކުރާ މިންވަރު އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އިތުރުކޮށްފަ އެވެ.

ސިޔާސީ މަގާމުތަކުގައި ތިބި ކަމަށް ރައީސް އޮފީހުން ބުނި 922 މީހުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ހޭދަވަނީ ކިހާ ވަރެއްކަން އަދި ހާމައެއް ނުކުރެ އެވެ. އަދި އެ މުވައްޒަފުންގެ ފުލް ލިސްޓެއް ވެސް ހާމައެއް ނުކުރެ އެވެ.