Advertisement

އަލޮންސޯ ބުނީ ރެއާލުގައި ވަކި ހާއްސަ ގޮތެއް އޮތް ކުޅުންތެރިއަކު ނުހުންނާނެ ކަމަށް

30 އޮގަސްޓު 2025 - 08:18 0


އަލޮންސޯ ބުނީ ރެއާލުގައި ވަކި ހާއްސަ ގޮތެއް އޮތް ކުޅުންތެރިއަކު ނުހުންނާނެ ކަމަށް

30 އޮގަސްޓު 2025 - 08:18 0

މެޑްރިޑް (އޮގަސްޓް 30) - ރެއާލް މެޑްރިޑްގައި ހާއްސަ ގޮތަކަށް އަމަލުކުރަންޖެހޭ ކުޅުންތެރިއަކު ނުހުންނާނެ ކަމަށް އެ ޓީމުގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

އަލޮންސޯ، މި ގޮތަށް ބުނެފައިވަނީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވިނީޝިއުސް ޖޫނިއާ އަށް ރެއާލްގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބެނީ ކީއްވެތޯ އޮޅުންފިލުވަން ނޫސްވެރިއަކު ކުރި ސުވާލަކަށް ދިން ޖަވާބުގަ އެވެ.

ސްޕެނިޝް ލީގުގައި އެންމެ ފަހުން، ރެއާލުން ކުުޅުނު މެޗުގައި އޮވިއޭޑޯ އަތުން މޮޅުވިއިރު، ބަދަލަކަށް ކުޅެން އަރައި ވިނީޝިއުސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ލީގުގައި މިރޭ މަޔޯކާއާ ދެކޮޅަށް ރެއާލުން ކުޅޭ މެޗުގައި ވެސް ވިނީޝިއުސް އަށް ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭނެތޯ އެހުމުން އަލޮންސޯ ބުނީ، ވަކި ކުޅުންތެރިއަކަށް ހާއްސަކޮށް ވިސްނައިގެން ކުރިއަށްދިއުމަކީ ރެއާލުގެ ޕްލޭނެއް ނޫން ކަމަށެވެ.

"އަހަރެން ދެކޭގޮތުގައި ހުރިހާ ކުޅުންތެރިން ވެސް އެ ތިބީ ޓީމަށްޓަކައި، ކޮށްދެވެން ހުރި ކަމެއް ކޮށްދޭން. އެހެންވީމަ، އަހަރެން ވިސްނަނީ ދަނޑުމަތީގައި ވެސް ދަނޑުން ބޭރުގައި ވެސް ހުރިހާ ކުޅުންތެރިން އެ ތިބީ ޓީމުގެ ފަހަތުގައޭ. ގަބޫލުކުރަނީ ވެސް އެ ގޮތަށް،" އަލޮންސޯ ބުންޏެވެ.

އޮވިއޭޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި، ވިނީޝިއުސްގެ ފަރާތުން ބަދަލަކަށް ކުޅެން އަރައި ވެސް ފެނުނު މޮޅު ކުޅުމުގެ އަސްލަކީ ޓީމަށްޓަކައި މަސައްކަތްކުރަން އޭނާ ވެސް ފުރުސަތުގެ ބޭނުން ހިފާނެ ކަމުގެ ހެއްކެއް ކަމަށް އަލޮންސޯ ވަނީ ބުނެފަ އެވެ.

މަޔޯކާއާ ދެކޮޅަށް ފުރަތަމަ އެގާރައިގައި ރޮޑްރީގޯ ފެންނާނެތޯ އެހުމުން އަލޮންސޯ ބުނީ، މެޗެއް ކުރިމަތީގައި އޮއްވައި މީޑިއާގައި ވާހަކަ ދައްކަމުން ކުޅޭނެ ކުޅުންތެރިން ބުނުމަކީ، ދުރު ވިސްނޭ މީހަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.