30 އޮގަސްޓު 2025 - 08:19 1
ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން މޯހަން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
30 އޮގަސްޓު 2025 - 08:19 1
ރާއްޖޭގެ ލީގު ފުޓްބޯޅަ ހުއްޓިފައި އޮތުމުން މިއީ ގައުމީ ފުޓްބޯޅަ ޓީމަށް ދަތި ވަގުތެއް ކަމަށާއި އެހެން ނަމަވެސް އަމާޒަކީ އަންނަ މަހު ސައުތު އޭޝިއަން ސުޕަ ކަޕްގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ދެ މެޗުން ވެސް މޮޅުވުން ކަމަށް ގައުމީ ޓީމާ ދާދި ފަހުން ހަވާލުވި ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
އަންނަ މަހު ހަ ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު ސްރީ ލަންކާގެ ކޮލަމްބޯ، ރޭސް ކޯސް ސްޓޭޑިއަމްގައި، ލަންކާއާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗުތަކަށް އިއްޔެ ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. ސައްބީސް ކުޅުންތެރިންނާ އެކު ގައުމީ ޓީމުން ފަރިތަކުރުންތައް ކުރިއަށްގެންދާއިރު، އަންނަ މަހު ހަތަރެއްގައި ކޮލަމްބޯ އަށް މެޗުތައް ކުޅެން ފުރާނެ އެވެ.
"ހުރިހާ ބޭފުޅުންނަށް ވެސް އެނގިލައްވާނެ ދިވެހިރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތް ހާލަތު، ސީޒަނެއް ނުކުޅެ ވަރަށް ގިނަ ދުވަސް ދިއުމާ އެކީގައި، ކުޅުންތެރިންގެ ވެސް ހާލަތު (ހުރި ގޮތް) އިރާދަކުރެއްވިއްޔާ އުންމީދު މި ކުރަނީ، މިހާރު ހުރިހާ ކްލަބެއް ވެސް ޕްރެކްޓިސް ފަށައިގެން މި އުޅެނީ. މަޑުމަޑުން ރަނގަޅުވަމުން ދާނީ، އެކަމަކު ވެސް ދުވަސް ބޭނުންވާނެ. ދެން މި ދެ މެޗުގެ އުންމީދަކީ ދެ މެޗުން ވެސް މޮޅުވުން، ހުރި ހުރިހާ ދައްޗަކާ އުނދަގުލަކާ އެކީގައި ނަމަވެސް ކާމިޔާބީ ހޯދުން ހަމަ އެންމެ ބޮޑު މަގްސަދަކީ، ﷲ އިރާދަކުރެއްވިއްޔާ އެކަން ކުރުމަށް ތައްޔާރު މި ވަނީ،" ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމު އަދާކުރި މޯހަން ބުންޏެވެ.
މޯހަން ބުނީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ތައްޔާރުވާން މާގިނަ ދުވަހެއް ނުލިބޭ ކަމަށާއި މި ލިބިފައި އޮތް ހައެއްކަ ދުވަހުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން ކުޅުންތެރިންގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށެވެ.
ގައުމީ ސްކޮޑު އެކުލަވާލަން ބެލިއިރު، އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް މި ވަގުތު ކުޅުމާ ދުރުގައި އެބަހުރި އެވެ. އެހެންވެ، މޯހަން ވަނީ ސްކޮޑުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ 16 އަހަރުގެ މުހައްމަދު އިލާން އިމްރާން އެވެ.
"މާޒިޔާގައި މި އެންމެ ފަހުން ކުޅުނު މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ، ހަގު ކުޅުންތެރިއެއްގެ ވާހަކަ މި ދައްކަނީ، އިލާން. ކޮންމެ ކުޅުންތެރިއަކީ ވެސް ޕޮޓެންޝިއަލް ހުރި މުސްތަގުބަލު ހުރި ކުޅުންތެރިން، އެ ކުޅުންތެރިންގެ ފަރާތުން ވެސް ކުރިއެރުން ލިބޭނެ ސްކޮޑެއްގައި އެންމެ ހުނަރުވެރި ކުޅުންތެރިންނާ އެކީގައި ޕްރެކްޓިސް ކުރަން ލިބުމަކީ، އެ ކުޅުންތެރިންނަށް ލިބިގެންދާ ބޮޑު ކުރިއެރުމަކަށް ވެގެންދާނެ." ޒުވާން ގައުމީ ޓީމުތަކުގައި ވެސް މީގެ ކުރިން މަސައްކަތްކުރި މޯހަން ބުންޏެވެ.
"އެކަމަށް ބަލައިގެން އެންމެ ބޮޑު ކުރިއެރުމަކީ ޓެލަންޓް (ހުނަރު) ހުރި ކުޅުންތެރިން ހޯދައިގެން އެ ކުޅުންތެރިން ނެޝަނަލް ޓީމަށް މަޑުމަޑުން ރެޑީ ކުރުން، އެ މަގުސަދާ އެކީގައި އެ ކުޅުންތެރިން ސްކޮޑަށް ނަގާފައި އެ ހުރީ،"
ލަންކާ ދެ މެޗުގެ އިތުރުން، މި ވަގުތަށް ބަލާއިރު މޯހަން ދެން ގައުމީ ޓީމަށް އިރުޝާދުދޭނީ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހު ތަޖިކިސްތާނާ ކުޅޭ ދެ މެޗާއި ނޮވެމްބަރު މަހު ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ.
Comment