Advertisement

ނޫސްވެރިން އުލު ބައިންދަން ފަލާހު ގޮވާލި މައްސަލަ ތަހުގީގު ކުރުމާމެދު ފުލުހުން ގާނޫނީ ލަފާ ހޯދަނީ

29 އޮގަސްޓު 2025 - 20:39 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހިމް ފަލާހު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ނޫސްވެރިން އުލު ބައިންދަން ފަލާހު ގޮވާލި މައްސަލަ ތަހުގީގު ކުރުމާމެދު ފުލުހުން ގާނޫނީ ލަފާ ހޯދަނީ

29 އޮގަސްޓު 2025 - 20:39 2

ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ގޮތުން އެ މީޑިއާގެ މުވައްޒަފުން އުލުބައިންދަން ޖެހޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވި މައްސަލަ ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައެއް ހޯދަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މަޖިލީހުގައި ފަލާހު ދެއްކެވި ވާހަކަ ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައެއް ހޯދަން އިއްޔެ ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވާހަކައަކާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، ދިވެހި ފުލުހުންގެ ހިދުމަތުން އޯގަސްޓު 28، 2025 ވަނަ ދުވަހު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވާނީ ހުށަހަޅާފަ އެވެ،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.

ބައެއް ނޫސްވެރިން އުލު ބައިންދަންޖެހޭ ކަމަށް ފަލާހު ވިދާޅުވީ މިދިޔަ ބުދަ ދުވަހު މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް މީގެ ކުރިން ފަތުރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް މަސައްކަތް ކުރާ މީޑިއާގެ މުވައްޒަފުން އުލުބައިންދަންޖެހޭ ކަމަށެވެ.

"... މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން [ލާންވީ]، އުލުބައިންދަންވަނީ. އުލުބައިންދަންވީ،" ފަލާހު ވިދާޅުވި އެވެ.

ދިވެހި ރަދީފުގައި ބުނެފައިވާ ގޮތުން އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މަރަން ގެންގުޅުނު ލާއިންސާނީ އުކުޅެކެވެ. އުލުބައިންދާއިރު ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މަރާލަން ބޭނުންވާ މީހާ ބައިންދާ ފުރަގަސް ފަރާތުން އޫ ހަރާލުމަށްފަހު ބޮލުން ދަގަނޑު ނެރެނީ އެވެ.

ފަލާހުގެ އެ ވާހަކައާ ގުޅިގެން އެތައް ބަޔަކު ގެންދަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އޭގެތެރޭގައި ގާނޫނީ ބޭފުޅުންނާއި އާންމުންގެ އިތުރުން ނޫސްވެރިން ވެސް ހިމެނެ އެވެ.