29 އޮގަސްޓު 2025 - 14:38 0
އަހުމަދު އާއިދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ އެޕްސްޓީނާއި ބައްދަލުނުކުރައްވާ ކަމަށް ---- ފޮޓޯ: ރައީސް އޮފީސް
29 އޮގަސްޓު 2025 - 14:38 0
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީން އާއެކެ ބައްދަލުވުމެއް ތާވަލުކުރި، ރާއްޖޭގެ ކުރީގެ ރައީސަކީ އެމަނިކުފާނު ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކުރީގެ ރައީސަކާއެކު 2014 ވަނަ އަހަރު އެޕްސްޓީން ބައްދަލުވުމެއް ތާވަލުކުރިކަން ހާމަވީ އިންޓަނެޓުގައި ލީކުކޮށްލި އީމެއިލްތަކަކުންނެވެ. އެކަމާ ގުޅިގެން އަދަދު ނޫހުން ސުވާލުކުރުމުން ނަޝީދު ވަނީ އެއީ އެމަނިކުފާނު ނޫންކަން ކަށަވަރުކޮށްދެއްވާފަ އެވެ.
"ތާރީހު ތަކަށް ބައްލަވާލެއްވީމަ އެނގިލައްވާނެ އަޅުގަނޑު އެ ދުވަހު ހުރި ތަން. އެއީ އަޅުގަނޑެއް ނޫން،" މިވަގުތު ގާނާގައި ދިރިއުޅުއްވާ ނަޝީދު ވަޓްސްއެޕް މެދުވެރިކޮށް ދެއްވި ޖަވާބުގައި ލިޔުއްވާފައިވެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓުތަކާއި ނޫސްތަކުގެ ހަބަރުތަކުން އެނގޭ ގޮތުގައި އެ ދުވަސްވަރު ނަޝީދު ހުންނެވީ މާލޭގަ އެވެ. ނަޝީދު ފިޔަވާ ދެން އޭރު ރާއްޖޭގެ ކުރީގެ ވެރިންގެ ގޮތުގައި ތިއްބެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ވަހީދު އެވެ.
ނަޝީދު ވަނީ އެމަނިކުފާނު އެ ދުވަސްކޮޅު ރާއްޖޭގައި ނެތްކަމަށް ބުނެ އެކްސްގައި އެކައުންޓަކުން ކޮށްފައިވާ ޕޯސްޓެއް އެމަނިކުފާނުގެ ރަސްމީ އެކައުންޓުގައި ރީޕޯސްޓް ވެސް ކުރައްވާފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރުކަން 1999 އިން 2001 އަށް ކުރި އިހުދު ބަރާކްގެ އީމެއިލްތަކެއް މީގެ ދެ ދުވަސް ކުރިން ވަނީ ޓެލެގްރާމްގައި ލީކުކޮށްލާފަ އެވެ. އެކަން ކުރި ކަމަށް ބެލެވެނީ އީރާންގެ އިންޓެލިޖެންސް ހިދުމަތްތަކާ ގުޅުން އޮތް ހެކަރުންގެ ގްރޫޕަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 2007 އިން 2016 އަށް އޭނާ ކޮށްފައިވާ އެެއްލައްކަށްއަށްވުރެ ގިނަ އީމެއިލް އެވެ.
"އައި ހޭވް ޕީޓާ ތިއެލް އޮން ދަ 19 އިން އެންވައި، އިފް ޔޫ ލައިކް، އޭޒް ވެލް އޭޒް ދަ ފޯމާ ޕްރެޒިޑެންޓް އޮފް ދަ މޯލްޑިވްސް،" އެޕްރީލް 28، 2014 ގައި އިހުދު ބަރާކް ކުރި އީމެއިލަކަށް ހަމަ އެ ދުވަހު ފޮނުވި ޖަވާބެއްގައި ވަކި ރައީސެއްގެ ނަން ހާމަނުކޮށް އެޕްސްޓީން ލިޔުނެވެ.
"އެންވައި" އެއީ ނިއު ޔޯކްއަށް ނިސްބަތްކުރާ ނަމެކެވެ. ބެލެވޭ ގޮތުގައި އީމެއިލްގައި އެ ބުނަނީ އެޕްރީލް 2014 އާ ޖެހިގެން އައި މެއި މަހުގެ 19 ވަނަ ދުވަހު ނިއު ޔޯކްގައި ބާއްވަން ތާވަލުކުރި ބައްދަލުވުމެކެވެ. އެ ބައްދަލުވުން އޮތް ކަމެއް ނުވަތަ ނެތް ކަމެއް ކަށަވަރެއް ނުކުރެވެ އެވެ.
އެޕްސްޓީންގެ ހަތް ފްލޯގެ މެންޝަނެއް އެމެރިކާގެ ނިއު ޔޯކްގައި ހުއްޓެވެ. އެ މެންޝަނަކީ އެޕްސްޓީން ސެކްސް ޓްރެފިކިން އޮޕަރޭޝަނެއް ހިންގި ތަނެއްކެވެ. އެ އީމެއިލްގައި ބުނާ ބައްދަލުވުމެއް ބޭއްވިނަމަ އެ ބައްދަލުވުން އޮތީ މި ތަނުގައި ކަމެއް ވެސް ކަށަވަރެއް ނުކުރެވެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުގައި އެޕްސްޓީންއާ ދެކޮޅަށް ތަހުގީގު ފެށީ 2005 ވަނަ އަހަރު އެވެ. ޖޫން 2008 ގައި އޭނާގެ މައްޗަށް 18 މަސްދުވަހު ޖަލު ހުކުމެއް އިއްވިއިރު 13 މަސްދުވަހަށް ފަހު އޭނާ މިނިވަންވި އެވެ. އެހެންކަމުން ރާއްޖޭގެ ކުރީގެ ރައީސަކު އެޕްސްޓީން އާއެކު ބައްދަލުވުމެއް ބޭއްވިނަމަ އެ ބައްދަލުވުމެއް ބާއްވާފައިވަނީ އޭނާގެ މައްޗަށް ކުޑަކުއްޖަކަށް ހަށި ވިއްކުމަށް މަޖުބޫރު ކުރުވުމުގެ ކުށް ސާބިތުވެފައި ވަނިކޮށެވެ.
ޖުލައި 2019، ގައި ސެކްސް ޓްރެފިކިން ތުހުމަތުގައި އޭނާ އަލުން ހައްޔަރުކުރި އެވެ. އަދި، ޖެހިގެން އައި އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ޖަލު ގޮޅީގައި ހުއްޓައި އޭނާ ކުއްލި ގޮތަކަށް މަރުވި އެވެ. އެއަށް ފަހު އޭނާގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންދިޔަ އެވެ.
Comment