about 2 hours 0
މުހައްމަދު ޝަހްޒާން
ކުރީގެ ރައީސް، މުހައްމަދު ނަޝީދު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ
about 2 hours 0
ބޮޑު އިންޓްރެސްޓުގައި ނަގާ ލޯނުން ހަމައެކަނި ކުރާ ކަމަކީ ދައުލަތުގެ ދަރަނި ދެއްކުން ކަމަށް ވީމާ ދަރަނީގެ ދަންތުރައެއްގައި ދިވެހިރާއްޖެ ރަނގަޅަށް ބަނދެވިފައިވާކަން ސާފު ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނިމިދިޔަ 19 ވަނަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ދަރަނީގެ މައްސަލައަކީ އަދުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ.
"އެއީ މިހާރު ގައުމީ މައްސަލައެއް، ދިވެހީންނަށް އަނބުރާ ދެއްކުން ނުކުޅަދާނަވާ މިންވަރުގެ ބޮޑު އިންޓްރެސްޓުގައި ދަރަނި ނަގައި، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނި ދެއްކުން ކަމަށް ވީމާ، މި ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ބަނދެވިފައިވާކަން ސާފު،" ނަޝީދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ނަޝީދު މިފަދަ ޕޯސްޓެއް ކުރައްވާފައި މި ވަނީ ދައުލަތުގެ ދަރަނި ދެއްކުމަށްޓަކައި ބޮޑު އިންޓްރެސްޓުގައި ލޯނެއް ނެގުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.
އަޑުތައް ފެތުރިފައި ވަނީ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް މެދުވެރިކޮށް 14 ޕަސެންޓަށްވުރެ ބޮޑު އިންޓްރެސްޓުގައި ލޯނެއް ނެގުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ. ކާގިލްއިން ލޯނު ނަގަން އުޅެނީ މި އަހަރުގެ އޭޕްރީލް މަހުގައި މުއްދަތު ހަމަވާ 500 މިލިއަން ޑޮލަރުގެ ލޯނު ދެއްކުމަށެވެ. އެ ދެއްކުމުގެ މާލީ ގާބިލްކަމެއް ދިވެހި ދައުލަތުގެ ބަޖެޓުގައި މިހާރު ނެތެވެ.
މި ސުކޫކު ބޮޑު އިންޓްރެސްޓު ރޭޓެއްގައި ރިފައިނޭންސް ކުރަން އުޅޭކަމުގެ އަޑުތައް ގަދަވެ، އިދިކޮޅު ސިޔާސީ ލީޑަރުންގެ ކަންބޮޑުވުން ފާޅުކުރި ނަމަވެސް ސަރުކާރު މިހާތަނަށް މިކަމާ ގުޅޭ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ކުރީގެ ޑިފެންސް މިނިސްޓަރު، މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ހުރިހާ ސިޔާސީ ޕާޓީއެއް އެކުގައި މަޝްވަރާ ކުރުމަށް ގޮވާލައިފަ އެވެ. އަދި، އެފަދަ މަޝްވަރާއަކަށް ސަރުކާރުން ތައްޔާރު ނޫން ނަމަ، ދަރަނީގެ މައްސަލަ ހައްލު ކުރުމަށްޓަކައި ހުރިހާ އިދިކޮޅު ޕާޓީތަކެއް އެކުގައި މަސައްކަތް ކުރުން ލާޒިމު ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment