29 އޮގަސްޓު 2025 - 13:51 0
29 އޮގަސްޓު 2025 - 13:51 0
ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 29) - ތަކުރާރުކޮށް އަތަށް ދިމާވަމުން އަންނަ މައްސަލަ އަނެއްކާ ވެސް ގޯސްވެ، އިނގިރޭސި އެއް ވަނަ ފިރިހެން ޓެނިސް ތަރި، ޖެކް ޑްރެޕާ، މިހާރު ކުރިއަށްދާ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ޔޫއެސް އޯޕަން އިން ވަކިވެއްޖެ އެވެ.
ޑްރެޕާ، 23 ވަނީ ޖުލައި މަހު ކުރިއަށް ދިޔަ ވިމްބަލްޑަންގެ ދެ ވަނަ ބުރުން ކެޓިއިރު، އޭނާގެ އަތަށް ލިބިފައިވާ އަނިޔާއެއްގެ ސަަބަބުން، ދެން ކުޅުމަށް އެނބުރި އަންނަން ގަސްދުކުރަނީ އެއްކޮށް ރިކަވާ ވުމަށް ފަހު ކަމަށް ބުނެފަ އެވެ. އަދި، މުޅިން ފިޓްވެގެން، މި އަހަރުގެ ފަހު، ގްރޭންޑް ސްލޭމް ޔޫއެސް އޯޕަންގައި އެނބުރި އަންނާނެ ކަމަށް ޑްރެޕާ ވަނީ ބުނެފަ އެވެ. އެކަމަކު، ޑްރެޕާ އަށް އަނެއްކާ ވެސް ޔޫއެސް އޯޕަންގައި މި ދިމާވީ އަތަށް ލިބުނު އަނިޔާއެއްގެ މައްސަލަ އެވެ. ރިޕޯޓްތައް ބުނާގޮތުން، އޭނާ ކުޅުމަށް އެނބުރި އައީ އެއްކޮށް ރިކަވާވެގެން ނޫނެވެ.
ޔޫއެސް އޯޕަންގެ ފުރަތަމަ ބުރުގެ މެޗުން އާޖެންޓީނާގެ ފެޑެރީކޯ އޮގަސްޓިން ގޯމޭޒް އަތުން ޑްރެޕާ ވަނީ ރަނގަޅު ކުޅުމެއް ދައްކައި މޮޅުވެފަ އެވެ. ހަތަރު ސެޓަށް ދިގުދެމިގެންދިޔަ މި މެޗުން މޮޅުވެ، ދެ ވަނަ ބުރުގައި، ޑްރެޕާ ކުޅެން ޖެހިފައި އޮތީ، ބެލްޖިއަމްގެ ޒިޒޫ ބާގްސްއާ އެވެ. އެކަމަކު، އެ މެޗުގެ ކުރިން ޑްރެޕާ މި ވަނީ އަނިޔާއާ ހެދި މުބާރާތުން ވަކިވެފަ އެވެ.
ޑްރެޕާ ބުނީ، މެޗު ކުޅެން ކިތަންމެހާ ވެސް މަސައްކަތްތަކެއް ކޮށް ފިޓްވުމަށް ކަންތައްތަކެއް ކުރެވުނު ކަމަށާއި އެހެން ނަމަވެސް އަތަށް ލިބިފައިވާ އަނިޔާގެ ކަންކަން މިހާރު މާ ގޯސްވެފައިވާތީ، އަމިއްލަ ނަފްސަށް ބެލުމަށްޓަކައި މަޑުޖައްސާލަން ޖެހޭ ކަމަށެވެ.
Comment