Advertisement

ވެލެންސިއާ ކޯޗަކަށް ފެސްކޯ

29 އޮގަސްޓު 2025 - 07:35 0


ވެލެންސިއާ ކޯޗަކަށް ފެސްކޯ

29 އޮގަސްޓު 2025 - 07:35 0

ކުރިއަށް އޮތް ސީޒަނުގައި ކްލަބް ވެލެންސިއާ އިން ނުކުންނާނީ އެންމެ ފަހުން ވެސް އެ މަގާމުން ފެނުނު އަހުމަދު މުޖުތަބާ (ފެސްކޯ)އާ އެކު ކަމަށް އެ ކްލަބުން ބުނެފި އެވެ.

ވެލެންސިއާ އިން އަންނަނީ އެ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ ނަގައިގެން އެކި ފަހަރު މަތިން މަސައްކަތްކޮށްފައިވާ، އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ބެލުމުގެ ދަށުން އަންނަ މަހު ފަށާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ޕްރީ ސީޒަން ކުރިއަށްގެންދަމުންނެވެ. އަދި، ކުޑަހީނާއާ އެކު، ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނީ މީގެ ކުރިން ވެސް އެކުގައި ފެނުނު ފެސްކޯ އެވެ.

އެންމެ ފަހުން ވެލެންސިއާ އިން 2023 ވަނަ އަހަރު ކުޅެފައިވަނީ ވެސް ފެސްކޯގެ ކޯޗުކަމުގަ އެވެ. އޭގެ އެއް އަހަރު ކުރިން، ފެސްކޯ، ވެލެންސިއާ ކޯޗުކަމާ ހަވާލުވީ ހަތަރު އަހަރަށް ފަހު އެވެ.

ޒުވާން ޓީމަކާ އެކު، ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވަމުން އަންނަ ވެލެންސިއާ ޓީމަށް ބިދޭސީ ދެ ކުޅުންތެރިން ގެންނަން ހަމަޖެހިފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ޒަމާންވީ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ވެލެންސިއާ އިން އެންމެ ފަހުން ކުޅުނު އަހަރުތަކަށް ބަލާއިރު، އެ ޓީމުން އަންނަނީ ޒުވާން ކުޅުންތެރިންތަކެއް ލައިގެން މުސްތަގުބަލަށް ޓީމެއް ބިނާކުރުމަށް މަސައްކަތްކުރަމުންނެވެ. އެ ކްލަބަށް މިދިޔަ އަހަރުތަކުގައި ދިމާވެފައި އޮތް މާލީ ދަތިތަކުގެ ސަބަބުން އެ ޓީމަށް ބޮޑު ހަރަދުކޮށް ޓީމެއް އެކުލަވާލެވެން ވެސް ނެތީ އެވެ، އެކަމަކު، މަޑުމަޑުން ހާލަތު ބަދަލުވެ، އެ ޓީމު އޮތީ ކުރިއަށްދިއުމަށް މަސައްކަތްކުރުމުގެ އަމާޒާ އެކު އެވެ.

އެންމެ ފަހުން، ކުޅުނު ސީޒަނުގެ ފަހު ބުރުގައި ވެލެންސިއާ އިން ކުޅެފައިނުވެ އެވެ. އެއީ، މާލީ ދަތިތަކާ ހެދި ލީގުން ވަކިވާން ނިންމީ އެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފައިވާ، ފެސްކޯ އޭނާގެ ކޯޗިން ކެރިއަރުގެ ފުރަތަމަ މަސައްކަތް ފެށީ ވެލެންސިއާ އެސިސްޓަންޓް ކޯޗުގެ މަގާމުންނެވެ. ކޯޗިން ކެރިއަރު ފަށައި 1999 އަދި 2000 ވަނަ އަހަރު ލާޒްލޯ ކިސްގެ އެސިސްޓަންޓެއްގެ ގޮތުގައި ވެލެންސިއާގައި މަސައްކަތްކޮށް ފަހުން ވެލެންސިއާގެ ހެޑްކޯޗުކަމާ ހަވާލުވީ 2001 ވަނަ އަހަރުގެ ފަހުކޮޅެވެ.

އަދި އެ އަހަރުގެ ޕޮމިސް ކަޕް އެ ޓީމަށް ކާމިޔާބުކޮށްދީ އުމުރުން އެންމެ 28 އަހަރުގައި ބައިނަލްއަގްވާމީ މުބާރާތެއް ކާމިޔާބުކުރި ދިވެހި އެންމެ ޒުވާން ކޯޗުގެ ޝަރަފް ހޯދި އެވެ. ވެލެންސިއާ އަށް ދެ އަހަރު ކޯޗުކޮށްދިން ފެސްކޯ އެ ޓީމުން ވަކިވީ 2003 ވަނަ އަހަރުގެ ޕޮމިސް ކަޕުގެ ފައިނަލުން އިންޑިއާގެ މަހިންދުރަ ޔުނައިޓެޑް އަތުން ބަލިވި ހިސާބުންނެވެ. ދެން، ވެލެންސިއާ ކޯޗެއްގެ ގޮތުގައި ފެނުނީ 13 އަހަރު ފަހުން 2017 ވަނަ އަހަރު އެވެ. އެ ސީޒަނުގައި އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވެލެންސިއާ ގޮވައިގެން ވާދަކޮށް މުޅި ސީޒަނުގައި ވެސް ޖުމްލަކޮށް ވެލެންސިއާ އަށް މާ އެދެވޭ ނަތީޖާތަކެއް ނުނެރެވުނެވެ.

ފުރަތަމަ ޑިވިޝަނުގައި ފެސްކޯ ވަނީ ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި އޯލްޔޫތުލިންކްއޭޖް، ވިޔަންސާ، ނިލަންދޫ ފުޓްބޯޅަ ޓީމު އަދި ވިކްޓްރީ ސްޕޯޓްސް ކްލަބްގައި ވެސް މަސައްކަތްކޮށްފަ އެވެ.