Advertisement

މުއިއްޒުގެ ސަބަބުން ދިވެހިންގެ ކުރިއެރުމާއި ތަރައްގީ އެތައް އަހަރަކަށް މަޑުޖެހޭނެ: އިމްރާން

28 އޮގަސްޓު 2025 - 07:36 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ -- ފޮޓޯ: އަދަދު


މުއިއްޒުގެ ސަބަބުން ދިވެހިންގެ ކުރިއެރުމާއި ތަރައްގީ އެތައް އަހަރަކަށް މަޑުޖެހޭނެ: އިމްރާން

28 އޮގަސްޓު 2025 - 07:36 2

ދައުލަތުގެ ހިންގުމުގެ ނިޒާމު ގަޑުބަޑު ކުރުމަކީ ރައީސް މުހައްމަދު މުއިއްޒު ހައްދަވާ ބޮޑު ގޯހެއް ކަމަށާއި އެކަމުގެ ސަބަބުން ދިވެހިންގެ ކުރިއެރުމާއި ތަރައްގީ އެތައް އަހަރަކަށް މަޑުޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ދައުލަތް ހިންގުމުގެ ނިޒާމުގައި މުއިއްޒު ޖައްސަވާ ގޮށްތައް މޮހެލުމަށް އެތައް އަހަރު މަސައްކަތް ކުރަން ޖެހޭނެ" ކަމަށެވެ.

"އެކަމުގެ ސަބަބުން ދިވެހިންގެ ކުރިއެރުމާއި ތަރައްގީ އެތައް އަހަރަކަށް މަޑު ޖެހޭނެ،" މިނިވަން ނޫސްވެރިކަން ނައްތާލުމުގެ ބިލް އިއްޔެ މަޖިލީހުން ބަލައިގަނެފައި ވަނިކޮށް އިމްރާން ވިދާޅުވި އެވެ.

މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް އެތައް ގެއްލުމެއްވާ ދުވަހެއް ކަމަށް ވެސް މީގެ ކުރިން އިމްރާން ވިދާޅުވެފައިވެ އެވެ.

"[އެހެންވެ] މިކަމުން ދިވެހިން މިންޖުވާން އެބަ ޖެހޭ،" އިމްރާން އޭރު ވިދާޅުވި އެވެ.

މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ އަދާލަތު ޕާޓީންނެވެ. އެއަށް ފަހު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަގާމު ދެމެހެއްޓުމަށްޓަކައި އަދާލަތު ޕާޓީ ދޫކޮށް، އެމްޑީއޭއާ ގުޅިވަޑައިގަތެވެ.

އެއަށް ފަހު ޔާމީންގެ ވެރިކަމުގައި ޕީޕީއެމް އަށް ސޮއި ކުރެއްވި އެވެ. މުއިއްޒު ޕީޕީއެމްއިން ވަކިވެ، ޕީއެންސީއާ ގުޅިވަޑައިގަތީ ރިޔާސީ ޓިކެޓު ހޯއްދެވުމަށެވެ. އެއަށް ފަހު ޕީޕީއެމް ވެސް އުވައިލި އެވެ.

ޑިމޮކްރަސީ އާއި ހައްގުތައް ދެމެހެއްޓުމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގަތުމަށް ފަހު، މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އަށް މުއިއްޒު ބޭނުން ވެގެން ވަނީ ބަދަލު ގެނެސްފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމުމުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރި އެވެ.

ފަނޑިޔާރު ހުސްނުއް ސުއޫދު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ފުރަތަމަ ސަސްޕެންޑުކުރީ އޭސީސީން ބަލަމުން ދިޔަ މައްސަލައެއް އޮތުމުން ކަމަށް ބުނެ އެވެ. ނަމަވެސް އެ މައްސަލައިގަ އަދިވެސް ގޮތެއް ނިންމަ އެވެ. އެކަމާ ގުޅޭ ގޮތުން އޭސީސީއާ ސުވާލުކުރުމުން ވެސް ވާހަކައެއް ނުދައްކަ އެވެ.

ސަސްޕެންޑުކުރުމުން ސުއޫދު އިސްތިއުފާ ދެއްވީ ރައީސް މުއިއްޒު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ، އެކަމުގައި އިހުތިޖާޖުކުރެއްވުމުގެ ގޮތުންނެވެ. މަހާޒު އާއި އަޒްމިރާލްދާ މަގާމުން ވަކިކުރި ގައިރު ގާނޫނީ ތަހުގީގަކަށް ފަހު އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ބަންޑާރަ ނައިބުގެ މަގާމު އަދާކުރައްވަމުން ގެންދަވާ އަހުމަދު އުޝާމްއަކީ 2008 ގެ ފަހުން ފަނޑިޔާރުންނަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވި ބަންޑާރަ ނައިބު ކަމަށް މަހާޒު ވެސް ވިދާޅުވެފައިވެ އެވެ.

މަޖިލީހާއި ޖުޑީޝަރީ ރައީސް މުއިއްޒުގެ މުށުތެރެއަށް ލެއްވުމަށް ފަހު، މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދައުލަތުގެ ހަތަރު ވަނަ ބާރުކަމުގައި މީޑިއާ ކޮންޓްރޯލުކުރުމަށެވެ.

މިނިވަން ނޫސްވެރިކަން ކޮންޓްރޯލްކޮށް، ނައްތާލެވޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް އަނބުރާ ގެންދިޔުމަށް ނޫސްވެރިންނާއި މީޑިއާ ކައުންސިލް އަދި އެމްޖޭއޭއިން ގޮވާލާފައި ވަނިކޮށް އެކަމަށް ބީރު ކަންފަތެއް ދީ، މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި ބިލް ބަލައިގަނެ، ދިރާސާކުރަން ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.

މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ އެ ބިލް ބަލައިގަތުމަށް ވޯޓު ދެއްވީ ޕީއެންސީ މެންބަރުންނެވެ.

އިއްޔެ ޖަލްސާގައި ވިލާ ޓީވީގެ ޗެއާމަން، މާގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، އަދި ސަން މީޑީއާގެ ޗެއާމަން، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ބައިވެރިވެވަޑައިނުގަންނަވަ އެވެ.

ޕީއެންސީ އަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވީ މި ބިލްގައި މައްސަލަތަކެއް އެބަ ހުރި ކަމަށާއި ބިލް އޮތް ގޮތަށް ފާސްކޮށްފި ނަމަ ނާޖާއިޒު ގޮތުގައި ގާނޫނު ބޭނުންކުރަން ފުރުސަތު ލިބޭނެ ކަމަށެވެ. އަޒާން އަކީ ދިޔަރެސް ނޫހުގެ އެއް ފައުންޑަރެވެ.

ނޫސްވެރިކަން ނައްތާލާ ބިލް ބޭރުކޮށްލަން ގޮވާލައި އިއްޔެ މުޒާހަރާކުރި ބައެއް ނޫސްވެރިން ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް މާގިނަ އިރެއް ނުވެ އެ ނޫސްވެރިން ދޫކޮށްލުމަށް ފަހު ފުލުހުން ބުނީ، ނޫސްވެރިން ހައްޔަރު ނުކުރާ ކަމަށެވެ.