27 އޮގަސްޓު 2025 - 12:34 0
ސާއިފް ޝިޔާދު
ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވާހަކަ ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް
27 އޮގަސްޓު 2025 - 12:34 0
ހދ. ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފޭސް އިފްތިތާހު ކުރީ ދެވަނަ ފޭސް ފުރިހަމަ ނުކުރެވި މަސައްކަތް ވެސް ހުއްޓިފައި އޮއްވައި ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އިއްޔެ ކުޅުދުއްފުށްޓަށް ވަޑައިގެން އެރަށުގައި ހަތަރު މަޝްރޫއުއެއް އިފްތިތާހު ކުރި އެވެ. އެއީ ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ހަތަރު ސަތޭކަ ހައުސިން ޔުނިޓުގެ މަސައްކަތްތައް އަލުން ފެށުމާއި، މި ސަރުކާރުން ކުޅުދުއްފުށީގައި އަޅާނޭ ކަމަށް ވައުދުވި ދެހާސް ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމާއި، ސްޕޯޓްސް ކޮމްޕްލެކްސް އެއް އިމާރާތްކުރުމުގެ މަޝްރޫއުގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ ތިން ވަނަ ފޭސް ފެށުމުގެ މަޝްރޫއު އެވެ.
މި ހުރިހައި މަޝްރޫއުތަކެއްގައި ސޮއިކުރެވުމަކީ ވަރަށް އުފާވެރިކަމެއް ކަމަށް ފާހަގަ ކުރެއްވުމާއެކު އާތިފް ވިދާޅުވީ އެ މަޝްރޫއުތަކާ ގުޅޭ ބައެއް ކަންބޮޑުވުންތައް ވެސް އެބަހުރި ކަމަށެވެ. އެގޮތުން، ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފޭސްގެ މަޝްރޫއު އިފްތިތާހު ކުރެވުނުއިރު ދެވަނަ ފޭސްގެ މަސައްކަތް ހުއްޓިފައި އޮތް ކަމަށް އާތިފް ވިދާޅުވި އެވެ.
"މަގު ހެދުމުގެ ފޭސް ދޭއްގެ ގިނަ މަސައްކަތްތަކެއް އަދިވެސް ނުކުރެވި އެބަހުރި ރައީސް. ހާއްސަކޮށް، ސްޓޯމް ވޯޓަރ ސިސްޓަމްގެ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް އެއްވެސް ވަރަކަށް ނުކުރެވޭ. އަދި ހަމަ އެއާއެކީގަ ޑިވޯޓަރިންއާއި ފަޔަރ ހައިޑްރަންޓްގެ މަސައްކަތްތައް ވެސް ޕެންޑިންގ ގަ އެބަހުރި. އަދި ސައިޑްވޯކްތަކުގައި ގާ ޖެހުމުގެ މަސައްކަތް ވެސް ޕެންޑިންގ ގަ އެބަހުރި،" މޭޔަރު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެސް ބައިވެރިވަޑައިގެންނެވި އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ ފޭސް ތިނެއްގެ މަސައްކަތް ފެށިނަމަވެސް، ފޭސް ދޭއްގެ މަސައްކަތްތަކުގެ ތެރެއިން ކުރަން ހުރި ކަންކަން އަނެއްކާވެސް ފެށިގެން ކުރިއަށް ގެންދާނޭކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި ފޭސް ތިނެއްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ކައުންސިލްއާއި، ރައްޔިތުންގެ މަޝްވަރާ ހޯއްދަވާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment