Advertisement

އާމްދަނީ އިތުރު ކުރަން ފެބްރުއަރީގައި ލޭނު މަސްވެރިކަމަށް ހުޅުވާލަނީ

28 އޮގަސްޓު 2024 - 15:43 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: އާމްދަނީ އިތުރު ކުރަން ފެބްރުއަރީގައި ލޭނު މަސްވެރިކަމަށް ހުޅުވާލާނެ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާން ނާޝިމް / އަދަދު


އާމްދަނީ އިތުރު ކުރަން ފެބްރުއަރީގައި ލޭނު މަސްވެރިކަމަށް ހުޅުވާލަނީ

28 އޮގަސްޓު 2024 - 15:43 0

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އަންނަ އަހަރުގެ ފެބްރުއަރީގައި ލޭނު މަސްވެރިކަމަށް ހުޅުވާލާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ހާމަކުރައްވައިފި އެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރު ކުރަން ލޭނު މަސްވެރިކަން ކޮންމެހެން ފެށުމަށް ކުރަން ޖެހޭ މަސައްކަތައް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ކުރަމުންދާ ކަމަށެވެ.

"ފެބްރުއަރީގައި އަޅުގަނޑުމެން މި ގަސްތުކުރަނީ ލޯންގް ލައިން ފިޝަރީޒް ހުޅުވާލަން. މި ދޭތެރޭގައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ހަމަ ހުރިހާ ސްޓޭކް ހޯލްޑަރުންނާއި މަސްލަހަތުވެރިންނާއި އެކީގައި މަސައްކަތް ކުރަމުން އަޅުގަނޑުމެން މިދަނީ،" ޝިޔާމް ވިދާޅުވެއްޖެ އެވެ.

ލޭނު މަސްވެރިކަމަށް ހުޅުވާލާއިރު އެކުލަވާލި ގަވާއިދު އާންމުންގެ ހިޔާލާއެކު ވީހާ ވެސް ރައްކާތެރިކޮށް، ގިނަ ދިވެހިންނަށް އެކަމުގައި ހަރަކާތްތެރިވެވޭނެ ގޮތަށް ބައްޓަން ކުރާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިކަމުން ގާތްގަނޑަކަށް 92 މިލިއަން ޑޮލަރު ޖެނެރޭޓް ކުރެވޭއިރު ލޭނު މަސްވެރިކަމާއެކު އާމްދަނީ 120 ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ލޯބޮޑު ކަންނެއްޔަކީ ދުނިޔޭގެ ބާޒާރުގައި ވަރަށް އަގު ރަނގަޅު މަހެއްކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ދުނިޔެ ހޫނުވާ މިންވަރަށް ބަލާއިރު މިހާރު ލޯބޮޑު މަސްވެރިކަމުގެ އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ.

"ވަކިން ހާއްސަކޮށް ލޯބޮޑު ކަންނެއްޔަކީ ދުނިޔޭގެ ބާޒާރުގައި ވަރަށް އަގު ރަނގަޅު ޓޫނާގެ ބާވަތެއް. އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް ލޯބޮޑު ކަންނެލީގެ މަސްވެރިކަން ނުކުރެވި މިދަނީ. ކަންނެލި މަސްވެރިކަން ވެސް މިދަނީ ދުވަހެއް ދުވަހަކަށް ސާފޭސް ހޫނުވުމާއެކީގައި މަސްތައް ސައިންޓިފިކް ރިޕޯޓްތައް ބުނާގޮތުން އަޑިއަށް ޖަހާފައި މިހުރީ. އެހެންވީމަ ލޯންގް ލައިންގައި ކަންނެލި ބޭނޭ މިންވަރު ވެސް އިތުރުވެގެންދާނެ،" ޝިޔާމް ވިދާޅުވި އެވެ.

އޭގެއިތުރުން, ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވަނީ ކަނޑު ރޯދިން ނަފާ އިތުރު ކުރުމަށް ކަމަށެވެ. އެގޮތުން މެރިން ކަލްޗާ ވަކި ސިނާއަތެއް ގޮތަށް ކޮމާޝަލް ސްކޭލްއެއްގައި ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށެވެ.

ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރަމަކީ ދިވެހި މަސްވެރިން ދެކޮޅު ކަމެކެވެ. ޖުމުލަ 18 ޖަމިއްޔާއެއް ގުޅިގެން އެ ގަވާއިދަށް ހިޔާލު ވެސް ހުށަހެޅި އެވެ. ޖުމުލަ ނުވަ ނުކުތާއެއްގެ މައްޗަށް ބިނާކުރި ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު އެއަށް ރިއާޔަތްކޮށް ބަދަލުތަކެއް ގެންނަކަން އަދި ހާމަކޮށްފައި ނުވެ އެވެ.

ލޭނު އަޅަން ބޭނުންކުރާ ކަންވާރުތައް ކަނޑަށް ގެއްލި އުޅަނދުތައް އެއްގަމަށް މިސްރާބު ޖަހާ ފަހުން ވެސް ކަނޑުގެ ދިރުންތައް އޭގައި ޖެހި އެ ދިރުންތައް ނެތިދާކަން ދިރާސާތަކުން ދައްކަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 2022 ގައި އެކަނި ވެސް 740,000 ކިލޯމީޓަރުގެ ލޭނު ކަންވާރު ކަނޑަށް ވަނީ ދޫވެފަ އެވެ.