Advertisement

އޭސީސީ އާއި އީސީއަށް ނުފޫޒު ފޯރުވާ ކަމަށް މުއިއްޒުގެ ހިމޭން "އިއުތިރާފެއް"

26 އޮގަސްޓު 2025 - 11:28 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އޭސީސީ އާއި އީސީއަށް ނުފޫޒު ފޯރުވާ ކަމަށް މުއިއްޒުގެ ހިމޭން "އިއުތިރާފެއް"

26 އޮގަސްޓު 2025 - 11:28 1

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެރިން އައްޔަން ކުރެވޭ ގޮތަށް ގާނޫނަށް މި ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން އެ ކޮމިޝަންތަކަށް ނުފޫޒު ފޯރުވިދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުތިރާފްވެވަޑައިގެންފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އަމަލުކުރަމުން އައި އުސޫލުގެ ދަށުން އެ ދެ ކޮމިޝަނުގެ ރައީސް އަދި ނައިބު ވެސް އައްޔަނުކުރަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަދި, އޮންނަނީ މަގާމަށް އައްޔަނުކުރާ މެންބަރުންގެ މައުލޫމާތު 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް އަންގާ ގޮތަށެވެ.

އީސީގެ ގާނޫނަށް ބަދަލު ގެންނަން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު ހުށަހެޅުއްވި ބިލާއި އޭސީސީގެ ގާނޫނަށް ބަދަލު ގެންނަން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްކުރީ އެއްވެސް އިސްލާހެއް ނުގެނެސް ސަރުކާރުން ހުށަހެޅި ގޮތަށެވެ.

އެ ދެ ކޮމިޝަނުގެ ގާނޫނަށް ގެނައި ބަދަލަށް ނޮވެމްބަރު 26، 2024، ގައި އަމަލުކުރަން ފެށުމާއެކު އީސީ އާއި އޭސީސީގެ ވެރިން ވެސް އައްޔަން ކުރަނީ މުއިއްޒުއަށް ފެންނަ ބޭފުޅެކެވެ. އެ ބަދަލަށް ފަހު އީސީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް އަދި އޭސީސީގެ ނައިބު ރައީސް ކަމަށް މުއިއްޒު ބޭނުންވާ މީހުން ވަނީ އައްޔަންކޮށްފަ އެވެ.

ގާނޫނަށް ބަދަލު ހުށަހެޅުމާއެކު ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ދެއްވައި މުއިއްޒު ވަނީ އެއްވެސް މުއައްސަސާއަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، މީޑިއާތައް ނެތިކޮށްލަން ސަރުކާރު އަޑީގައި އޮވެ އަމިއްލަ މެންބަރަކު ލައްވައި ހުށަހަޅާފައިވާ ބިލުގައި އެ ކޮމިޝަންގެ ރައީސަކު މުއިއްޒު އައްޔަންކުރާ ގޮތަށް އޮތުމަކީ ގޯހެއް ކަމަށް ދެކެވަޑައިގަންނަވާކަން ފުރަތަމަ ފަހަރަށް ވަނީ ހާމަކުރައްވާފަ އެވެ.

"ބިލުގައި ހުށަހަޅާފައި އެބަ އޮވޭ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރެކޭ އެ ކޮމިޝަން އެ ބިލު ފާސްވެގެން ގާނޫނަކަށް ވާއިރުގައި އުފެދޭ ކޮމިޝަންގެ ރައީސަކަށް ހުންނާނީ. އެގޮތަކަށް އަޅުގަނޑު އެކަމެއް ނުކުރާނަން. އަޅުގަނޑު މިހާރު ދަންނަވާފައިވާނެ އެ އިސްލާހުކުރާ މަރުހަލާއަކަށް ގޮސްފިނަމަ އިސްލާހުކުރާއިރުގައި އެ އުފެދޭ ކޮމިޝަންގެ ތެރެއިން އެ ކޮމިޝަންގެ މީހުން ވޯޓުލައިގެން ނަގާ މީހެކޭ ރައީސަކަށް ވާންވާނީ،" މުއިއްޒު ވިދާޅުވި އެވެ.

މިހާރު ހުށަހަޅާފައި އޮތް ބިލުގައިވާ ގޮތުން އުފެދޭ ކޮމިޝަންގެ ވެރިޔަކަށް ހުންނަނީ މުއިއްޒު އައްޔަންކުރާ މީހެކެވެ. މުއިއްޒުގެ ތިން މެންބަރުން އެ ކޮމިޝަނުގައި ތިބޭނެ އެވެ. އަދި، މުއިއްޒު ކޮންޓްރޯލް ކުރާ ސުޕަ މެޖޯރިޓީއިން އެ ކޮމިޝަންގެ ކޮންމެ މެންބަރަކު ވެސް ބޭރުކޮށްލެވޭނެ އެވެ.

"އަޅުގަނޑުގެ ބޭނުމެއް ނޫން އަޅުގަނޑުމެންނަކީ މީޑިއާއަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާކަށް. މީޑިއާ ވާން ޖެހޭނީ މިނިވަންކަމާ އެކީގައި އޮޕަރޭޓް ކުރާ ބަޔަކަށް. ހަތް މެންބަރުންގެ ކޮމިޝަނެއް ހަދާ އިރުގައި ހަތަރު މެންބަރުން އަންނަނީ މީޑިއާތަކުން ވޯޓުލައިގެން. ދެން ތިބި، ތިން މެންބަރުން މަޖިލީހުން ވޯޓުލައިގެން. ރައީސް ނަގަން އަޅުގަނޑު ބޭނުމީ އެ ހަތް މީހުން ވޯޓުލައިގެން. އެހެންވީމާ އެއްވެސް ވަރަކަށް އަޅުގަނޑުގެ ކޮންޓްރޯލެއް އޮންނަ ގޮތަކަށް އެއްވެސް ކަމެއް ނޫން، މީޑިއާ ރެގިއުލޭޓް ކުރުމުގައި ވެސް،" މުއިއްޒު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނަކީ އިންތިހާބުތަކުގެ މިނިވަންކަން ކަށަވަރުކޮށް ދެ ފުށް ފެންނަ އިންތިހާބުތައް ބޭއްވުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާ އެވެ. އޭސީސީއަކީ ކޮރަޕްޝަން ހުއްޓުވުމުގެ ޒިންމާ މަތިކޮށްފައިވާ ތަނެވެ. އޭސީސީގައި މުއިއްޒުގެ އެތައް މައްސަލައެއް ވެސް އެބައޮތެވެ.

ކޮމިޝަންތަކުގެ ވެރިން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮތުމަކީ ނުފުޒު ފޯރުވަން ފަސޭހަވާނެ ކަމެއް ކަމަށް މުއިއްޒު ވެސް ގަބޫލުކުރައްވާކަން މީޑިއާ ބިލާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުން ސާފެވެ. އެއީ، އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް މުއިއްޒުގެ ސީދާ ނުފޫޒު އޮތްކަމުގެ ހިމޭން އިއުތިރާފެކެވެ.